އެންމެ "ރޮމޭންޓިކް" މަންޒިލްގެ މަގާމު މި ފަހަރު ވެސް ރާއްޖެ އަށް
އެންމެ "ރޮމޭންޓިކް" މަންޒިލްގެ މަގާމު މި ފަހަރު ވެސް ރާއްޖެ އަށް

ވޯލްޑް ޓްރެވެލް އެވޯޑްސްގެ އެންމެ ރޮމޭންޓިކް މަންޒިލްގެ ޝަރަފު ރާއްޖެ އިން އަނެއްކާ ވެސް ދިފާއުކޮށްފި އެވެ.

މޮރިޝަސްގައި ބޭއްވި މި ހަފުލާގައި އެފްރިކާ އާއި އިންޑިއާ ކަނޑުގެ ގާލާ ރައުންޑްގައި މި މަގާމު ރާއްޖެއިން ދިފާއުކުރި އިރު، މި ހަފުލާގައި އެފްރިކާ އާއި އޭޝިއާ ސަރަހައްދުގެ ޓޫރިޒަމް ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.

އެންމެ ރޮމޭންޓިކް މަންޒިލްގެ އެވޯޑް ރާއްޖެ އަށް ލިބުނީ އިންޑިއާ ކަނޑުގެ ކެޓަގަރީންނެވެ. "އިންޑިއަން އޯޝަންސް ލީޑިން ހަނީމޫން ޑެސްޓިނޭޝަން"ގެ ނަމުގައި ދީފައިވާ މި އެވޯޑަކީ ދުނިޔޭގެ އެކި ސަރަހައްދުތަކުން ހޮވާލެވޭ އެންމެ "ރޮމޭންޓިކް" ރިސޯޓުތައް އެކުލެވޭ ގައުމަކަށް ދޭ އެވޯޑެކެވެ.

ރާއްޖެ އިން މި އަހަރު ވެސް މި އެވޯޑް ދިފާއުކޮށްފައި ވާއިރު މިދިޔަ އަހަރު ވެސް ރާއްޖެ އިން ވަނީ މި އެވޯޑު ހޯދައިފަ އެވެ. އަދި ދުނިޔޭގެ ފެންވަރުގައި ދޭ ޓޫރިޒަމްގެ އެކި އެވޯޑުތަކުގައި ރާއްޖެއިން ވަނީ މި އެވޯޑު އެކި ފަހަރުމަތިން ހާސިލްކޮށްފަ އެވެ.

ރާއްޖޭގެ އެންމެ "ރޮމޭންޓިކް" ރިސޯޓުގެ އެވޯޑު 2017 އަދި 2018 ވަނަ އަހަރު ލިބުނީ ހުވަފެންފުށި ރިސޯޓަށެވެ.