03 ޖޫން 2019 - 11:24

ޑިމޮކްރަސީއަށް ގޮވާލައި، ޗައިނާގެ ޓިއަނަމަން ސްކެއާގައި 1989 އޮތް ބޮޑު އެއްވުން ގަތުލުއާންމަކުން ނިންމާލި ނިންމާލުން ޗައިނާ އިން އިއްޔެ ދިފާއުކޮށްފި އެވެ.

ޖޫން 3-4، 1989 ގައި ޗައިނާގެ ސިފައިން ވަކި ގޮތެއް ނުބަލައި ބަޑި ޖަހައި ހިންގި ގަތުލުއާންމުގައި އެތައް ހާސް ބަޔަކު މަރުވި އެވެ. އެކަމަކު އެ ލޭއޮހޮރުވުމަށް މިއަދު 30 އަހަރު ވީ އިރު މަރުވި މީހުންގެ ސީދާ އަދަދެއް ކަށަވަރެއް ނޫނެވެ.

ޓިއަނަމަން ސްކެއާގެ ހަމަނުޖެހުންތަކުގެ ވާހަަކަ ދައްކަން ޗައިނާ ސަރުކާރުން ބޭނުމެއް ނުވެ އެވެ. އަދި އެ ބޮޑު ޗައިނާގެ އެތެރޭގައި އެ ބަހުސް ކުރިއަށް ގެންދާކަށް ވެސް ފުރުސަތެއް ނޯވެ އެވެ. އެހެންކަމުން ޗައިނާ ސަރުކާރުން އެ މައްސަލައާ މެދު ރަސްމީ ބަހެއް އާންމުކޮށް ނުބުނެ އެވެ. އެކަމަކު ސިންގަޕޫރުގައި އިއްޔެ އޮތް ސަރަހައްދީ ފޯރަމެއްގައި މީހަކު ކުރި ސުވާލަކަށް ޗައިނާގެ ޑިފެންސް މިނިސްޓަރު ވެއި ފެންގޭ ވަނީ ޖަވާބު ދެއްވައިފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއީ ޗައިނާއަށް ރަނގަޅަކަށް ކުރި ކަމެކެވެ. އެއީ ހަމަނުޖެހުންތަކެއް މައިތިރިކުރި ކުރުމެއްގެ ގޮތުގައި އޭނާ އެކަން ސިފަކުރެއްވި އެވެ.
"އެ ކަންތައްގަނޑަކީ ސިޔާސީ ހަމަނުޖެހުމެއް އަދި މަރުކަޒީ ސަރުކާރުން ފިޔަވަޅު އެޅީ އެ ހަމަނުޖެހުން ހުއްޓުމަކަށް ގެންނަން. އެއީ ރަނގަޅު ސިޔާސަތެއް،" ފޯރަމްގައި އޭނާ ވިދާޅުވި އެވެ.
"މިދިއަ 30 އަހަރުގެ ތެރޭގައި ޗައިނާ ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަން ސާބިތުކޮށްދީފައި."
އޭނާ ވިދާޅުވި ގޮތުގައި ގައުމަށް ހަމަޖެހުން އައީ އެދުވަހު ސަރުކާރުން ގެންގުޅުނު ރަނގަޅު ސިޔާސަތުގެ ސަބަބުންނެވެ.
އެކަމަކު ޖޫން 3-4، 1989 ގައި ޓިއަނަމަން ސްކެއާއަށް އެއްވި އެތައް ހާސް ދަރިވަރުންނާއި މަސައްކަތްތެރިންނާ މެދު ސަރުކާރުން އަމަލްކުރި ގޮތް ދުނިޔޭގެ ތާރީޚުގައި ލިއެފައި ވަނީ ސުލްހަވެރިކޮށް ތިބި ބަޔަކާ ދެކޮޅަށް ހިންގި ގަތުލުއާންމެއްގެ ގޮތުގަ އެވެ.
އެ ދުވަހާ ހަމައަށް އެއްވުން ކުރިއަށް ދިޔަ އިރު، ޓިއަނަމަން ސްކެއާއަށް ދަރިވަރުންނާއި މަސައްކަތްތެރިން އެއްވެގެން އުޅޭތާ 50 ދުވަސް ވެއްޖެ އެވެ. އެ މީހުން ގޮވަމުން ދިޔައީ ޑިމޮކްރަސީ ގެނައުމަށާއި ސަރުކާރުގެ ހިޔާނާތް ހުއްޓުވުމަށެވެ. ނަމަވެސް އެ އަޑު އަހާކަށް ސަރުކާރަކަށް ކެތެއް ނުކުރެވުނެވެ. އެންމެ ފަހުން ޓޭންކްތަކަށް ދަންދެން ޓިއަނަމަން ސްކެއާ އަށް ފޮނުވި އެވެ. އަދި ވަަކި ގޮތެއް ބެލުމެއް ނެތި ބަޑި ޖަހައި، ބޮޑު ލޭ އޮހޮރުވުމެއް ހިންގާލި އެވެ.
"އެއީ ދަރިވަރުން ކަމަށް ވިޔަސް، އެ ސަރަހައްދުގައި އުޅޭ މީހުން ކަމަށް ވިޔަސް، ޑިމޮކްރަސީގެ ހަރަކާތްތެރިން ކަމަށް ވިޔަސް، ނުވަތަ ކޮމިޔުނިސްޓް ޕާޓީން އޭރު ލޭބަލްކުރި ގޮތަށް ގޭންގް މީހުން ކަމަށް ވިޔަސް، މި ޒުވާން މީހުން އެގޮތަށް މަރާލައިގެން ނުވާނެ،" އެ ހަރަކާތުގެ ފޮޓޯތައް 30 އަހަރު ވަންދެން ރައްކާކޮށް ބެހެއްޓުމަށް ފަހު ދާދި ފަހުން އެމެރިކާގައި އާންމުކުރި، ޖިއަން ލުއި ބުންޏެވެ.
"ވަޒަން އަރައިގެން އެ މީހުން މަރުވެގެން ނުވާނެ. އެއީ އެއްވެސް ހާލެއްގައި ރަނގަޅު ކުރެވޭނެ ކަމެއް ނޫން."
ލުއި ވަނީ މުޅި މުޒާހަރާގެ ފޮޓޯތައް 60 ފިލްމު ރޯލްގައި ރައްކާކޮށް ބަހައްޓައިފަ އެވެ. ފުރަތަމަ ފަހަރަށް އެ ޕްރިންޓްކޮށް، އާންމުކުރަން ބޭނުންވީ އެމެރިކާއަށް ހިޖުރަކުރުމަށް ފަހު، ލޭއޮހޮރުވުމުގެ ހާދިސާގެ 30 ވަނަ އަހަރީ ދުވަހާ ގުޅުވައިގެންނެވެ.
ފޮޓޯ ނެގި އިރު އޭނާާގެ އުމުރަކީ އެންމެ 20 އަހަރެވެ. މިހާރު އުމުރުން 50 އަހަރެވެ. އޭނާ ބުނި ގޮތުގައި އެ ފޮޓޯތައް އާންމުނުކޮށް އޭނާގެ ދަރިންނަށް ތާރީޚުގެ އެ ބޮޑު ހާދިސާއެއް ނޭނގޭނެ އެވެ.
ބަޑިޖެހުމުން މަރުވި މީހުން ގެންދިޔަ އެއް ހޮސްޕިޓަލަށް އޭނާ ދިޔަ އެވެ. ސިފަ ގެއްލޭ ވަރަށް ވަޒަން އަރާފައި ތިބި އެތައް ހަށިގަނޑެއް ވެސް ފެނުނެވެ. އެކަމަކު އިހުތިރާމްކުރުމުގެ ގޮތުން އެއިން އެއްވެސް މީހެއްގެ ފޮޓޯއެއް އޭނާ ނުނަގަ އެވެ. އޭނާގެ ކެމެރާގައި ރައްކާކުރީ ހަށިގަނޑު ފުނޑުނުވެ، އެކަމަކު ވަޒަން އަރައިގެން މަރުވެފައި ތިބި މީހުންގެ ފޮޓޯތަކެވެ.