08 ޖޫން 2019 - 08:24

ޓީ ސީރީޒްގެ ބާނީ ގުލްޝަން ކުމާރުގެ ވާހަކަ ކިޔައިދޭ ފިލްމު "މޮގުލް" ގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް އެ ފިލްމުގެ ޕްރޮޑިއުސަރު އަދި ގުލްޝަންގެ ދަރިފުޅު ބުޝަން ކުމާރު ބުނެފި އެވެ.
މި ފިލްމަކީ ފުރަތަމަ މިދިޔަ އަހަރު އަކްޝޭ ކުމާރާ އެކު ގެނެސް ދޭން އުޅުނު ފިލްމެކެވެ. އެކަމަކު އޭނާ ފިލްމު ދޫކޮށްލުމުން ފަހުން، ފިލްމު ކުޅެ، އޭގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާން އާމިރު ހާން ނިންމި އެވެ. އޭރު ފިލްމުގެ ޑައިރެކްޝަނާ ހަވާލުވެފައި އޮތީ ސުބާޝް ކަޕޫރެވެ.
ނަމަވެސް އޭނާގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތު ކުރެވުމާ ގުޅިގެން، އާމިރު ވަނީ ފިލްމު ނުކުޅެ ދޫކޮށްލައިފަ އެވެ.
"މޮގުލް" އާ ބެހޭ އެންމެ ފަހުގެ ވާހަކަތައް އިންޑިއަން އެކްސްޕްރެސްއާ ހިއްސާ ކުރަމުން ބުޝަން ބުނީ އެ ފިލްމު ޓީ ސީރީޒުން ހަދާނެކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އަދި އެއީ ބައްޕަގެ ބައޮގްރަފިކަލް ޑްރާމާއަށްވާތީ، އެއީ ޓީ ސީރީޒަށާއި މުޅި އާއިލާ އަށް ވަރަށް ހާއްސަ ފިލްމެއް ކަމަށް ބުންޏެވެ.
"އެ ފިލްމުގެ މަސައްކަތް އަހަރެމެން އެއްގޮތަކަށް ވެސް ހުއްޓައެއް ނުލަން. އަދި އާމިރަކީ ވެސް ފިލްމުގެ ހިއްސާއެއް. މީގެ ކޯ-ޕްރޮޑިއުސަރެއް އެއީ،" ބުޝަން ބުންޏެވެ. "ޔަގީނުން ވެސް އެ ފިލްމު ގެނެސް ދޭނީ ބައްޕައާ ވައްތަރު އެކްޓަރަކާ އެކު. އަހަރެން މިހުރީ އެ ޕްރޮޖެކްޓާ ދޭތެރޭ ވަރަށް އުފަލުން."
ނަމަވެސް ބުޝަން ވަނީ ފިލްމުން އާމިރު ފެންނާނެތޯ ކުރި ސުވާލަށް ޖަވާބެއް ދޭން ދެކޮޅު ހަދައިފަ އެވެ.
"އިތުރު ތަފުސީލަކަށް ދެވޭކަށް ނެތް. އެކަމަކު އަންނަ މަހު އަލުން ފިލްމުގެ ލީޑް އެކްޓަރާ އެކު މޮގުލް ލޯންޗް ކުރާނަން،" އޭނާ ބުންޏެވެ. "މި ފިލްމުގެ އެކްޓަރު ފިލްމަށް ތައްޔާރު ވާން ގާތްގަނޑަކަށް ހަތެއް ނޫނީ އަށް މަސް ވަރު ނަގާނެ. އެހެންވެ މީގެ މަސައްކަތް އަންނަ އަހަރު ފަށަން ތާވަލުކޮށްފައި އޮތީ."
"މޮގުލް" ރިލީޒް ކުރާނީ 2021 ގަ އެވެ.
އަންނަ އަހަރަކީ އާމިރު ހާން "ލާލް ސިންގް ޗައްޑާ" އިން ފެންނާނެ އަހަރެކެވެ. މި ފިލްމަކީ ހޮލީވުޑްގެ ފިލްމު "ފޮރެސްޓް ގަމްޕް" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ.
ބުޝަންގެ ވާހަކަތައް ހުރި ގޮތަށް ބަލާ އިރު، "މޮގުލް" އިން ފެނުމުގެ ފުރުސަތު ބޮޑީ އާމިރު ކަމަށް ބެލެވޭ ކަމަށް ފިލްމީ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުންޏެވެ.