03 ޖޫން 2019 - 11:09

ފައިނަލުގައި ދިވެހި ސިފައިންގެ ކްލަބްގެ މައްޗަށް 5-1 އިން ކުރި ހޯދައި އެފްއޭއެމް ފުޓްސަލް ކަޕްގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ޕޮލިސް ކްލަބުން ހޯދައިފި އެވެ.

އެފްއޭއެމް މިނީ ޓާފް ޕިޗުގައި ރޭ ކުޅުނު ފައިނަލް މެޗުގައި ޕޮލިހުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަލީ މުނާޒް ދެ ގޯލާއި އަލީ ރިޝްވާން ދެ ގޯލުގެ އިތުރުން ނިޝާދު އަލީ އެވެ. ސިފައިންގެ ހަމައެކަނި ގޯލު ކާމިޔާބުކުރީ ހުޒައިފަތު ރަޝީދު އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕޮލިހުގެ ރިޝްވާން އެވެ.
ފިރިހެން ޑިވިޝަނުގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންނަކީ ޕޮލިހުގެ ނިޝާދާއި ރިޝްވާން، ސިފައިންގެ ހަސަން ފަވާޒް، ހުޝާމް އިބްރާހިމް އެވެ. އެންމެ މޮޅު ކޯޗަކީ ޕޮލިހުގެ ކޯޗު ހަސަން ހަމީދު (ޑަކޭ) އެވެ. އެންމެ މޮޅު ކީޕަރަކަށް ހޮވުނީ ޕޮލިހުގެ އިބްރާހިމް އައްސަދު އެވެ.
މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ ބީޖީ ސްޕޯޓްސް ކްލަބުންނެވެ. ފައިނަލުގައި ބީޖީން ވަނީ ދިވެހި ސިފައިންގެ ކްލަބްގެ މައްޗަށް ޕެނަލްޓީ ޖަހައިގެން 5-4 އިން ކުރިހޯދައިފަ އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދިވެހި ސިފައިންގެ ކްލަބްގެ ކެޕްޓަން އަދި ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ވެސް ކެޕްޓަން ފަދުވާ ޒާހިރު އެވެ.
އަންހެން ޑިވިޝަނުގެ މޮޅު ހަތަރު ކުޅުންތެރިންނަކީ ސިފައިންގެ ފަދުވާ އާއި މަރިޔަމް ރިފާ އަދި ބީޖީގެ ކެޕްޓަން ފާތިމަތު ސާލިޔާ އާއި އާމިނަތު ޝާމިލާ އެވެ. މޮޅު ކީޕަރަކަށް ބީޖީގެ އިޝާރަތު ހަމީދު ހޮވުނުއިރު އެންމެ މޮޅު ކޯޗަކީ ބީޖީގެ ކޯޗު އަހުމަދު ވިޝާލް (އަންދު) އެވެ.
މުބާރާތުގެ ގަވާއިދަށް ބަލާއިރު މިދިޔަ އަހަރު ފުރަތަމަ ޑިވިޝަނުގެ މާލޭ ލީގައި ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު އެއްވެސް ކުޅުންތެރިޔަކު މުބާރާތުގައި ނުކުޅެެވެ އެވެ. ފުޓްބޯޅަ ކުޅޭ ކުޅުންތެރިން ފުޓްސަލް އަށް ނުދިއުމަށް މީގެ ކުރިން ވެސް އެފްއޭއެމުން ބާރު އަޅާފައިވާއިރު، އެކަން ދަމަހައްޓާނެ ކަމަށް އެ އިދާރާ އިން ބުނެ އެވެ.
މިއީ ރާއްޖޭގައި މި ވަގުތު އެންމެ ބޮޑު ފޯރިއެއް އޮތް ފުޓްސަލް އަށް ހާއްސަކޮށްގެން އެފްއޭއެމުން ފަހަކަށް އައިސް ބޭއްވި ފުރަތަމަ މުބާރާތެވެ. އެފްއޭއެމުން ވަނީ 2017 ވަނަ އަހަރު ޕްރެޒިޑެންޓްސް ފުޓްސަލް ރެކްރިއޭޝަނަލް ކަޕްގެ ނަމުގައި އަންހެން އަދި ފިރިހެން ކުޅުންތެރިންނަށް މުބާރާތެއް ބާއްވައިފަ އެވެެ. އެ ފަހަރު މުބާރާތް ބޭއްވީ ސަރުކާރާއި އަމިއްލަ އޮފީސްތަކަށް ހާއްސަކޮށްގެންނެވެ. އެއީ އެފްއޭއެމް އިސްވެ އޮވެ ފުޓްސަލް މުބާރާތްތައް ބޭއްވުމުގެ ފެށުމެއް ކަމަށް އޭރު ބުނި ނަމަވެސް މިދިޔަ އަހަރު ފުޓްސަލް މުބާރާތެއް ނުބާއްވަ އެވެ.