07 ޖޫން 2019 - 08:41

ހުރިހާ ހުވަފެންތަކެއް ހަގީގަތަކަށް ހަދައި ދީފައިވާ ކަމަށް ބުނެ، ޑައިރެކްޓަރު އަދިތިޔާ ޗޯޕްޅާ އާއި ކަރަން ޖޯހަރަށް ޝާހްރުކް ހާން ޝުކުރު އަދާކޮށްފި އެވެ.
އޭނާ ކުރި ޓްވީޓެއްގައި ބުނީ ހުވަފެން ދެކުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށާއި އެކަމަކު އެ ހުވަފެން ވަކި މިސްރާބާކަށް ގެންދެވެނީ ބައެއްގެ އެހީ ވެސް ލިބިގެން ކަމަށެވެ. އެގޮތުން މިހާތަށް ދެކުނު ހުރިހާ ހުވަފެނެއް ހަގީގަތަކަށް ހަދައި ދިނުމުގެ ފަހަތުގައި ތިބީ ބަތަލާ ރާނީ މުކަރްޖީގެ ފިރިމީހާ އަދި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ވެރިޔާ އަދިތިޔާ އާއި ދަރުމާ ޕްރޮޑަކްޝަންގެ ވެރިޔާ ކަރަން ކަމަށް ބުންޏެވެ.
ހުވަފެންތައް ހަގީގަތަކަށް ހަދައި ދިން މީހުންގެ މުހިއްމުކަން ހުވަފެންތަކަށް ވުރެ ބޮޑު ވާނެ ކަމަށް ވެސް ބުންޏެވެ.
އަދިތިޔާ އާއި ކަރަންއަކީ ޝާހްރުކްގެ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމުތައް ގެނެސް ދިން ޑައިރެކްޓަރުންނެވެ. އަދި އެ ދެ މީހުން ޑައިރެކްޝަނަށް ނުކުތީ ވެސް ޝާހްރުކް ލީޑް ރޯލް ކުޅުނު ފިލްމުތަކުންނެވެ.
ޝާހްރުކާއި ކާޖޮލް ލީޑް ރޯލް ކުޅުނު 1995 ގެ ފިލްމު "ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ" އަކީ ހިންދީ ސިނަމާގެ އެންމެ ކާމިޔާބު އެއް ފިލްމެވެ. އެ ފިލްމަކީ މިހާތަނަށް ރިލީޒް ކުރި ފަހުން މެދުކެނޑުމެއް ނެތި މުމްބާއީގެ ކުރީގެ މަޝްހޫރު ސިނަމާ މަރާޓާ މަންދިރުގައި އެންމެ ގިނަ ދުވަހު ދެއްކި ފިލްމު ވެސް އެވެ. އެއީ 20 އަހަރު ވަންދެންނެވެ.
"ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ" އަށް ފަހު އަދިތިޔާ ދެން ޝާހްރުކްއާ އެކީ ގެނެސް ދިނީ 2000 ގެ "މުހައްބަތޭން" އެވެ. އޭގެ ފަހުން 2008 ގެ "ރަބް ނެ ބަނާދީ ޖޯޅީ" އެވެ.
ކަރަން 1998 ގައި ޑައިރެކްޝަނަށް ނުކުތީ ޝާހްރުކްގެ "ކުޗް ކުޗް ހޯތާ ހޭ" އިންނެވެ. އެ ފިލްމަކީ ޝާހްރުކްގެ ވިދުން ދެން އެންމެ ބޮޑަށް ގަދަކޮށްލި، ފަނޑުވުމެއް ނެތް ފިލްމެކެވެ. އޭގެ ފަހުން އޭނާ ވަނީ އިތުރު ތިން ފިލްމެއް ޝާހްރުކާ އެކު ގެނެސް ދީފަ އެވެ. އެއީ 2001 ގެ "ކަބީ ޙުޝީ ކަޞީ ޢަމް" އާއި 2006 ގެ "ކަބީ އަލްވިދާ ނާ ކެހެނާ" ގެ އިތުރުން 2010 ގެ "މައި ނޭމް އިޒް ހާން" އެވެ.
ކަރަން އެންމެ ފަހުން ޑައިރެކްޓް ކުރި 2016 ގެ "އޭ ދިލް ހޭ މުޝްކިލް" ގެ ހާއްސަ ފެނިލުމަކުން ވެސް ޝާހްރުކް ފެނިގެން ދިޔަ އެވެ.
ކަރަން އާއި އަދިތިޔާގެ ފިލްމެއްގެ ލީޑް ރޯލުން ޝާހްރުކަށް މިހާރު ފުރުސަތު ނުލިބޭ އިރު، އޭނާ މި ފަހުން ކުޅުނު ހުރިހާ ފިލްމުތަކެއް ބޮޑުތަނުން ފެއިލްވެފައިވާތީ ކެރިއަރު ވަނީ ވަރަށް ބޮޑަށް އަޑިއަޅާލައިފަ އެވެ. އަދި އެކްޓިން އިން ބްރޭކެއް ވެސް ނަގަން ބޭނުންވާ ކަމަށް ބުނެފަ އެވެ.
އެެހެންވެ ކަރަން އާއި އަދިތިޔާ އަށް ޝުކުރު އަދާކޮށް ޝާހްރުކް ކުރި ޓްވީޓަކީ އޭނާގެ ކެރިއަރު އަލުން ކޮޅަށް ޖަހަން އެ ދެ މީހުންގެ އެހީ ބޭނުންވާކަން ހާމަކޮށްދޭ ކަމެއް ކަމަށް ވެސް ބެލެވިދާނެ އެވެ.
ނަމަވެސް އެ މީހުންގެ ފިލްމުތަކެއް ޝާހްރުކްއާ އެކު ޕްލޭންކޮށްފައެއް ނެތެވެ. ކަރަން މިހާރު އަންނަނީ ރަންވީރު ސިންގް އާއި ކަރީނާ ކަޕޫރާއި ވިކީ ކޯޝަލް، އަނިލް ކަޕޫރު، އާލިއާ ބަޓް، ބޫމީ ޕެޑްނޭކަރު އަދި ޖާންވީ ކަޕޫރާ އެކު "ތަހުތު" ކިޔާ ފިލްމެއް ހަދަން ތައްޔާރުވަމުންނެވެ. އެ ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރުގެ ޑިސެމްބަރުގަ އެވެ.
ވަރަށް މަދުން ޑައިރެކްޓް ކުރާ އަދިތިޔާ އެންމެ ފަހުން ފިލްމެއް ގެނެސް ދިނީ 2016 ގަ އެވެ. އެ އަހަރު އޭނާ ގެނެސް ދިން "ބޭފިކުރޭ" ކުޅުނީ ރަންވީރު އާއި ވާނީ ކަޕޫރެވެ. އެކަމަކު އޭނާ ޕްރޮޑިއުސް ކުރާ ވައިއާރްއެފްގެ "ދޫމް 4" ގެ ޝާހްރުކަށް ހުށަހަޅާފައިވާ ކަމަށްވެ އެވެ.
ކަރަން އާއި އަދިތިޔާގެ ކެރިއަރު ފެށިގެން އައި ގޮތަށް ބަލާ އިރު، އެ ދެ މީހުން ފާހަގަ ކުރެވުނީ ޝާހްރުކްއާ ނުލައި ނޫނީ ދުވަހަކު ވެސް ފިލްމެއް ނަހަދާނެ ކަމަށް ބެލެވުނު ދެ ޑައިރެކްޓަރުންގެ ގޮތުގަ އެވެ. އެކަމަކު މަންޒަރު މިހާރު ވަރަށް ސާފެވެ.
ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ކަރަން އާއި އަދިތިޔާ ރޮމޭންޓިކް ހީރޯއެއްގެ ގޮތުގައި ޝާހްރުކް ލޭބަލްކޮށް ދިނަސް އެ ޒަމާން މިހާރު މާޒީވެ ހިނގައްޖެ އެވެ. ޝާހްރުކްގެ ދުވަސް ވެސް ހިނގައްޖެ އެވެ.