04 ޖޫން 2019 - 06:44

ސްމާޓު ފޯނު ނުވަތަ ޓެބްލެޓް ހިފައިގެން ފާޚާނާ ކުރަން ވަނުމަކީ ވަރަށް ގިނަ ބަޔަކު ކުރާ ކަމެކެވެ. އެކަމަކު މިއީ ހީނުކުރާ ގޮތަކަށް ނުރައްކަލާ ކުރިމަތިވެދާނެ ކަމެކެވެ.
މިގޮތަށް ފޯނު ހިފައިގެން ފާޚާނާ އަށް ވަންނަ ނަމަ އީ.ކޮލީ އަދި ސެލްމޮނެލާ ފަދަ ބެކްޓީރިއާ ފޯނުގައި އަށަގަނެ އެވެ. މިއީ ސިއްހީ ގޮތުން ބޮޑެތި ގެއްލުންތައް ދޭ ބެކްޓީރިއާ އެވެ.
ފާޚާނާކޮށް ނިމުމަށް ފަހު ރަނގަޅަށް އަތް ނުދޮވެ ފޯނުގައި އަތްލެވިއްޖެ ނަމަ ފޯނުގައި ހަރުލި ޖަރާސީމުތައް އަލުން އަނބުރާ އަތުގައި ހަރުލާގޮތްވާނެ އެވެ. މިހެންވެ އެންމެ ރަނގަޅު ގޮތަކީ ފާޚާނާކުރަން ވަންނައިރު ފޯނު ހިފައިގެން ނުވަނުމެވެ. އަދި އޮފީސް ފާޚާނާތަކަށްވުރެ އާންމު ފާޚާނާތަކުގައި ޖަރާސީމުގެ ނުރައްކާ ބޮޑެވެ. އަތާއި ވައިން ނޫނަސް ވައިރަސް ފެތުރޭނެ އެވެ.
ފާޚާނާ ތަށި ސާފުކުރަން ސްޕްރޭކޮށްފައި ހުންނަ އެއްޗެއް ފްލަޝް ކުރުމަށް ފަހު ވެސް އޭގެ އަސަރު ވައިގެތެރޭ ހަރުލާފައި ހުރެ އެވެ. އަދި މީގެ އަސަރު ދަތްއުނގުޅާ ބުރުހަށް ވެސް ކުރާނެ އެވެ. މިހެންވެ މިފަދަ އެއްޗެހި ވެސް، ލެއްޕޭ ކަބަޑެއް ކަހަލަ އެއްޗެއްގައި ބެހެއްޓުން ރައްކާތެރި އެވެ.
ތިމާގެ ފޯނުގައި ޖަރާސީމު އެތައް ދުވަހެއް ވަންދެން މަރުނުވެ ހުރެ އެވެ. އަދި ފޯނު ބޭނުންކުރާ ކުރުމުގައި ހޫނުވާތީ ބެކްޓީރިއާއަށް އެއީ ވަރަށް ހިތްގައިމު މާހައުލަކަށްވެ އެވެ.