03 ޖޫން 2019 - 09:40

ރިއޯ ޑި ޖަނޭރޯ (ޖޫން 3) - އޭނާގެ މައްޗަށް ކުރެވޭ، ބްރެޒިލް އަންހެނެއް ރޭޕްކުރިކަމުގެ ތުހުމަތުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ޕީއެސްޖީގެ ބްރެޒިލް ތަރި ނޭމާ ބުނެފި އެވެ.
ބްރެޒިލްގެ އަންހެނެއް ޕެރިހުގެ ހޮޓެލް ސޮފިޓެލްގައި މިދިޔަ މަހު 15 ވަނަ ދުވަހު ރޭޕްކުރި ކަމަށް ބުނެ ނޭމާއާ ދެކޮޅަށް މިހާރު ވަނީ ބްރެޒިލްގެ ޕޮލިހަށް މައްސަލަ ހުށަހަޅައިފަ އެވެ. އެ މައްސަލައިގެ ލިޔެކިއުންތަކުގައިވާ ގޮތުން ނޭމާއާ އެ އަންހެން މީހާއާ ދިމާވީ އިންސްޓަގްރާމުންނެވެ. އަދި ނޭމާ އެ އަންހެން މީހާ ޕެރިހަށް އައުމަށް ޓިކެޓް ނަގައިދިނުމަށް ފަހު އެ ދެ މީހުން ބައްދަލުކުރީ ޕެރިހުގައި ހުންނަ ހޮޓެލް ސޮފިޓެލްގަ އެވެ. އެ ތަނުގައި އޮތް ބައްދަލުވުމަށް އައިއިރު، މަސްތުގެ ހާލުގައި ހުރި ނޭމާ އެ އަންހެން މީހާ އަށް އަނިޔާކޮށް ރޭޕްކޮށްފައިވާ ކަމަށް ލިޔުމުގައިވެ އެވެ.
އުމުރުން 27 އަހަރުގެ ނޭމާ ބުނީ އޭނާގެ މައްޗަށް ކުރެވެނީ އެއްވެސް ހަގީގަތެއް ނެތް ތުހުމަތެއް ކަމަށާއި މިއީ އޭނާގެ އަގުވައްޓާލަން ބަޔަކުކުރާ ފިނޑި ކަމެއް ކަމަށެވެ.
"އަހަރެންގެ މައްޗަށް މި ކުރަނީ ކުޑަ ތުހުމަތެއް ނޫން. ރޭޕް މިއީ ވަރަށް ބޮޑު ކަމެއް. އަހަރެން މިހުރީ ހައިރާންވެފައި. އެއީ އަހަރެން ދަންނަ ކޮންމެ މީހަކަށް އެނގޭނެ އަހަންނަކީ މި ފަދަ ހުތުރު އަމަލެއްކުރާނެ މީހެއް ނޫންކަން،" ނޭމާ ބުންޏެވެ.
ބްރެޒިލްގެ ބޭންޑް ޓީވީ އަށް ދިން އިންޓަވިއުއެއްގައި ނޭމާގެ ބައްޕަ ނޭމާ ޑޮސް ސަންޓޯސް ބުނީ މިއީ ނޭމާގެ އަގުވައްޓާލަން ކުރެވެމުން އަންނަ ކަމެއް ކަމަށާއި މިކަން ހިނގާދިޔަ ގޮތް ސާފުކޮށްދޭން ޖެހޭ ހިސާބުން އެކަން ކުރާނެ ކަމަށާއި ނޭމާގެ ފޯނުގައި އެ އަންހެން މީހާ ފޮނުވާފައިވާ ވަޓްސަޕް މެސެޖުތައް ވެސް ދައްކާނެ ކަމަށެވެ.
ނޫސްވެރިންގެ ސުވާލުތަކާ އެކު ނޭމާ ވަނީ އެ އަންހެން މީހާ ކުރި ވަޓްސަޕް މެސެޖުތަކާއި ބަރަހަނާ ހާލުގައި ހުރެ ނަގާފައިވާ ފޮޓޯތައް ދައްކައިފަ އެވެ. ނޭމާ ބުނީ ހަގީގަތް ހާމަކުރަން ފަސްނުޖެހޭނެ ކަމަށެވެ.
"މި ފަދަ ޕްރައިވެޓް މެސެޖުތައް އަހަރެން ބޭނުމެއް ނޫން މީޑިއާއާ ހިއްސާކުރަން. އެކަމަކު ހަގީގަތް ހާމަކުރަން ޖެހޭއިރު މި ފަދަ ކަންތައްތައް ވެސް ކުރަންޖެހޭ،" ނޭމާ ބުންޏެވެ.
ޕީއެސްޖީ އަށް ކުޅެނިކޮށް ދިމާވި އަހުލާގީ މައްސަލަތަކެއްގެ ސަބަބުން ބްރެޒިލްގެ ކެޕްޓަންކަން ނޭމާ އަތުން ނަގައި ތަޖުރިބާކާރު ފުލްބެކް ޑެނީ އަލްވޭސް އަށް ވަނީ ދީފަ އެވެ. ދިމާވި މައްސަލަތަކުގެ ސަބަބުން ނޭމާ އަށް ވަނީ ދެ ސަސްޕެންޝަނެއް އައިސްފަ އެވެ. އެއީ ޗެމްޕިއަންސް ލީގުގައި ރެފްރީ އަކަށް ފާޑުކިއުމުންނާއި ފްރެންޗް ކަޕް ފައިނަލަށް ފަހު ސަޕޯޓަރެއްގެ ގައިގައި ޖެހުމުންނެވެ.
މި މަހު 14 ވަނަ ދުވަހު ބްރެޒިލްގައި ބާއްވާ ދެކުނު އެމެރިކާގެ ގައުމުތަކަށް ހާއްސަ ކޮޕަ އެމެރިކާ އަށް ބްރެޒިލް ޓީމު ފަރިތަކުރަމުން އަންނައިރު، ނޭމާ ވަނީ މި މުބާރާތް ކާމިޔާބުކުރަން ވަަރަށް ބޮޑަށް ބޭނުންވާ ކަމަށް ބުނެފަ އެވެ. އަދި އެ ފަދަ އަމާޒެއްގައި އޭނާ ހުއްޓައި ރޭޕް ފަދަ ތުހުމަތެއް ކުރުމުން އޭގެ ގޯސް އަސަރު ސަޕޯޓަރުންގެ ފަރާތުން ފެނިގެންދިއުމުގެ ބިރު އެބައޮތް ކަމަށް ނޭމާ ދެކެ އެވެ.
މަޝްހޫރު ކުޅުންތެރިއާ ކްރިސްޓިއާނޯ ރޮނާލްޑޯގެ މައްޗަށް ކުރެވޭ ރޭޕްގެ ތުހުމަތެއްގެ މައްސަލަ މިހާރު ވެސް އަންނަނީ ބަލަމުންނެވެ. ރޮނާލްޑޯގެ މައްޗަށް ކުރެވެނީ 2009 ވަނަ އަހަރު ލަސް ވޭގަސްގައި އެމެރިކާގެ އަންހެނެއް ކަމަށްވާ ކެތަރިން މަޔޯގާ ރޭޕް ކުރިކަމުގެ ތުހުމަތެވެ. ރޮނާލްޑޯ އެކަން ދޮގުކުރި ނަމަވެސް އެ މައްސަލަ އެމެރިކާގެ ފުލުހުން އަންނަނީ ވަރަށް ބޮޑަށް ތަހުގީގުކުރަމުންނެވެ.