06 ސެޕްޓެމްބަރ 2016 - 08:04

ޖޭމްސް ބޮންޑްގެ އެންމެ ފަހުގެ ހަތަރު ފިލްމުގައި އިނގިރޭސި ޖާސޫސީ އެޖެންޓްގެ ރޯލް ކުޅުނު ޑެނިއަލް ކްރެއިގް ދެން އެ ރޯލް ނުކުޅޭނެ ކަމަށް ބުނެފައި ވަނިކޮށް ބޮންޑްގެ ކުރިއަށް އޮތް ދެ ފިލްމް ކުޅެ ދިނުމަށް 150 މިލިއަން ޑޮލަރުގެ ހުށަހެޅުމެއް ހުށަހަޅައިފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ސޮނީން ވަނީ އެކުއެކީގައި ޝޫޓް ކުރަން ނިންމާފައިވާ "ޖޭމްސް ބޮންޑް" ގެ ކުރިއަށް އޮތް ދެ ފިލްމް ކުޅެދިނުމަށް ކްރެއިގަށް 150 މިލިއަން ޑޮލަރު ހުށަހަޅައިފަ އެވެ. ނަމަވެސް އެ އެ ހުށަހެޅުން އޭނާ ގަބޫލުކުރި ކަމެއް އަދި ނޭނގެ އެވެ.
"ޖޭމްސް ބޮންޑް" ފްރެންޗައިޒާ ގާތް ފަރާތްތަކާ ހަވާލާދީ ރާޑާ އޮންލައިނުން ބުނީ ބޮންޑްގެ ރޯލް ކުޅެން އަދިވެސް އެ ފިލްމް އުފައްދާ ފަރާތުން އެންމެ ބޭނުން ވަނީ ކްރެއިގް، 48، ލައްވައި ކަމަށެވެ.
އެހެންވެ އޭނާ ބީވިޔަ ނުދުނުމަށް ވާން ޖެހޭ ކޮންމެ ގުރުބާނީއެއް ވާން ތައްޔާރަށް ފިލްމުގެ އެގްޒެކެޓިވް ޕްރޮޑިއުސަރުން ފައި ވިއްދާފައިވާ ކަމަށްވެ އެވެ. މި ސަބަބަށްޓަކައި ކިތަންމެ ބޮޑު އަގެއް ހުށަހަޅައިގެން ވެސް ކްރެއިގް ލައްވައި ބޮންޑްގެ ރޯލް ކުޅުވަން އެ މީހުން ތިބީ ތައްޔާރަށެވެ.
"ޖޭމްސް ބޮންޑް" ގެ އެއް ޕްރޮޑިއުސަރު ބާބަރާ ބްރޮކޮލީ ވެސް ކުރިން ބުނެފައިވާ ގޮތުގައި ކްރެއިގް ދޫކޮށްލުމުގެ ވިސްނުމެއް ނެތެވެ. އެހެންވެ ކޮންމެހެން ހަދާފައި ވެސް އެ މީހުން ބޮންޑްގެ ރޯލަށް ކްރެއިގް ގެންނަން ބޭނުންވާކަން ޔަގީންވެ އެވެ.
ކްރެއިގް ބޮންޑްގެ ރޯލް ނުކުޅެން ނިންމިކަން އިއުލާން ކުރުމާ އެކު، އެ ރޯލް ދެން ކުޅޭނެ އެކްޓަރަކާ ބެހޭ ގޮތުން އަންނަނީ ތަފާތު ވާހަކަތަކެއް ދެކެވެމުންނެވެ.
އެގޮތުން އިދްރީސް އެލްބާ، ޓޮމް ހިޑެލްސްޓަން އަދި އެއިޑެން ޑާނާގެ ނަން ވަނީ ބޮންޑްގެ ރޯލާ ގުޅުވައިގެން ބަހުސެއްގެ ތެރޭގަ އެވެ.
އެކަމަކު ދާދި ފަހުން އިދްރީސް ވަނީ ބޮންޑްގެ ރޯލުން އޭނާ ނުފެންނާނެކަން ކަށަވަރުކޮށް ދީފަ އެވެ. އަދި ޓޮމް ވަނީ ބޮންޑްގެ ރޯލަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.
ކްރެއިގް ބޮންޑްގެ ރޯލުން އެންމެ ފަހުން ފެނިގެން ދިޔައީ މިދިޔަ އަހަރު ރިލީޒް ކުރި "ސްޕެކްޓްރާ" އިންނެވެ. އޭނާ ބޮންޑްގެ ރޯލް ކުޅުނު އަނެއް ތިން ފިލްމަކީ ސްކައިފޯލް (2012)، ކެސިނޯ ރޯޔަލް (2006) އަދި ކްއަންޓަމް އޮފް ސޮލެސް (2008) އެވެ.
އެ ހަތަރު ފިލްމުގައި ބޮންޑްގެ ރޯލް ކުޅެގެން ކްރެއިގަށް 38 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އެހެންވެ އޭގެ ކުރިއަށް އޮތް ދެ ފިލްމް ކުޅެގެން، ހަތަރު ފިލްމާ ނުބައްދަލު ވަރުގެ އާމްދަނީއެއް ލިބުމަކީ އޭނާ އަލުން ބޮންޑްގެ ރޯލް ކުޅެން ސީރިއަސްކޮށް ވިސްނާނެ ކަމެއް ކަމަށް ބެލެވެ އެވެ.
ކްރެއިގް މި ވަގުތު މަސައްކަތް ކުރަމުން އަންނަނީ ސްޓީވެން ސޮޑަބާގްގެ "ލޯގަން ލަކީ" ގަ އެވެ.
އެ ފިލްމް ސިނަމާތަކަށް އަންނާނީ އޮކްޓޯބަރު 13، 2017 ގަ އެވެ.