މޯލްޑިވިއަންގެ ޕައިލެޓުންގެ ވެރިޔާ އަމީން މަގާމުން ދުރުކޮށްފި
މޯލްޑިވިއަންގެ ޕައިލެޓުންގެ ވެރިޔާ އަމީން މަގާމުން ދުރުކޮށްފި

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޕައިލެޓުންނާއި ކްރޫއިންގެ އިސްވެރިޔާ، ޑިރެކްޓަ އޮފް ފްލައިޓް އޮޕަރޭޝަންސްގެ މަގާމުގައި ހުންނެވި މުހައްމަދު އަމީން އެމަގާމުން މިއަދު ދުރުކޮށްފި އެވެ.

އަމީން އެ މަގާމުން ދުރު ކުރަން މިދިޔަ ފެބުރުއަރީ މަހު ޕައިލެޓުން ޑިމާންޑްކުރި އެވެ. އޭނާ އެ މަގާމުގައި ހުންނެވިހާ ހިނދަކު ޑިއުޓީ އަށް ނުނިކުންނާނެ ކަމަށް ޕައިލެޓުން އެންގުމުން، ޕައިލެޓުންނާ ގުޅޭ ކަންކަމުން އޭނާ ދުރުކުރި އެވެ. އެކަމަކު އެހެން މަސައްކަތްތައް އޭނާ ކުރެއްވި އެވެ.

މޯލްޑިވިއަންގެ ފަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް "މިހާރު" އަށް ވިދާޅުވީ އަމީން މަގާމުން ދުރުކުރީ އެ ކުންފުނީގެ ބޯޑުގެ އެންގުމުގެ މަތިން ކަމަށެވެ. ނަމަވެސް އަމީން އެ ކުންފުނީގެ ވަޒީފާއިން އަދި ވަކި ނުކުރާ ކަމަށް މޫސަ ވިދާޅުވި އެވެ.

"މިއީ ބޯޑުގެ ލަފާގެ މަތިން، ރީސްޓްރަކްޗާ ކުރުމުގެ ތެރެއިން ގެނައި ބަދަލެއް،" މޫސަ ވިދާޅުވި އެވެ.

އަމީނާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ޑިއުޓީއަށް ނުނިކުތުމަށް ނިންމި ޕައިލެޓުން އިހުތިޖާޖު ހުއްޓާލައި ޑިއުޓީއަށް އޭރު ނުކުތީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި އައިލެންޑް އޭވިއޭޝަން ސާވިސަސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ޕައިލެޓުންނާ ބައްދަލުކޮށް މަޝްވަރާ ކުރެއްވުމުންނެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނުފޫޒު ގަދަ އަމީން، މި ސަރުކާރުގައި ވެސް ހުންނެވީ އެހާ ބާރުގަދަކޮށް ކަމަށް ޕައިލެޓުން އޭރު ބުނެފައިވެ އެވެ.