03 ޖޫން 2019 - 08:28

ސިނަމާތަކުގައި މިހާރު ދައްކަމުން އަންނަ ޑިޒްނީގެ ލައިވް-އެކްޝަން ފިލްމު "އަލައްދިން" ގެ ޓައިޓްލް ރޯލް ކުޅުނު އެކްޓަރު މެނާ މައްސޫދު، އީލޮން މަސްކްގެ ޓެސްލާ ކުންފުންޏަށް ދައުވާކޮށްފި އެވެ.

ޓީއެމްޒީން ބުނި ގޮތުގައި އޭނާ އެ ކުންފުންޏާ ދެކޮޅަށް ދައުވާ ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ގަތް މޮޑެލް 3 ގެ ކާރުގެ ފުރޮޅުތަކުގައި ހުރި މައްސަލަތަކެއްގެ ސަބަބުން އެކްސިޑެންޓްވެ، ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ހާދިސާއާ ގުޅިގެންނެވެ.

ޓީއެމްޒީން ބުނި ގޮތުގައި ހޮލީވުޑްގައި މައްސޫދު ދުއްވަނިކޮށް އެކްސިޑެންޓްވީ މަގަކުން ލަބައިލަން އުޅުމުގެ ތެރޭގައި ކާރުގެ ކުރީގެ ކަނާތް ފަޅީގެ ފުރޮޅު ރަނގަޅަށް މަސައްކަތް ނުކޮށް ކޮންޓްރޯލުން ނައްޓާލައި ގޮސް ގަހެއްގައި ޖެހިގެންނެވެ.
މި ހާދިސާގައި ކާރުގެ ކުރީކޮޅަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް، މިސްރަށް އުފަން ކެނެޑާގެ 27 އަހަރުގެ އެކްޓަރަށް ސީރިއަސް އަނިޔާއެއް ނުލިބި ސަލާމަތްވެފައިވެ އެވެ.
މި ހާދިސާ ހިނގާފައި ވަނީ ކާރު ގަތް ދުވަހުގެ ފަހު ދުވަހު އެވެ.
ކާރު އުފެއްދުމުގައި ހުރި މައްސަލަތަކެއްގެ ސަބަބުން ޓެސްލާ އަށް ދައުވާ ކުރަން މައްސޫދު ކޯޓަށް ހުށަހެޅި ލިޔުންތަކާ އެކު ހާދިސާގައި ކާރަށް ލިބުނު ގެއްލުންތަކުގެ ފޮޓޯ ވެސް ވަނީ ހުށަހަޅައިފަ އެވެ.
އޭނާގެ ވަކީލު ކެވިން ޖޭ ޖެވިދުޒާދު ވިދާޅުވީ ކާރު އެކްސިޑެންޓްވުމުގެ ފުރިހަމަ ޒިންމާ ޓެސްލާ އިން ފުރިހަމަ އަށް ނަގަން ޖެހޭނެ ކަމަށެވެ.
ނަމަވެސް މިކަމާ ބެހޭ ގޮތުން ޓެސްލާ އިން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.