06 ސެޕްޓެމްބަރ 2016 - 10:55

އާންމުކޮށް ފިލްމެއްގެ ދެވަނަ ބަޔަކާ ދޭތެރޭ ޑައިރެކްޓަރުން ނުވަތަ ޕްރޮޑިއުސަރުން ވިސްނަނީ ފުރަތަމަ ބަޔަށް ލިބޭ ތަރުހީބަކަށް ބެލުމަށް ފަހު އެވެ. ނަމަވެސް މަޝްހޫރު ޑައިރެކްޓަރު ފާތުމަތު ނަހުލާގެ ކްރިސްޓަލް އެންޓަޓައިންމަންޓުން ގެނެސްދޭ ފުރަތަމަ ބިރުވެރި ފިލްމް 4426 (ފޯފޯޓޫސިކްސް) ބެލުންތެރިންނާ ހަމައަށް ނާންނަނީސް އޭގެ ދެވަނަ ބައި ހަދަން ނިންމައިފި އެވެ.

ނަހުލާ އާއި އަހުމަދު ޝިނާން ގުޅިގެން ޑައިރެކްޓްކޮށްފައިވާ "4426" ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 18ގަ އެވެ.
އެކަމަކު ނަހުލާ މިހާރު އަންނަނީ އޭގެ ދެވަނަ ބައި ހަދަން ނިންމައި، ފިލްމުގެ މުހިއްމު ރޯލަކަށް އޮޑިޝަނެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ.
ނަހުލާގެ ފިލްމެއްގެ މުހިއްމު ރޯލަކަށް 7-10 އަހަރާ ދެމެދުގެ އަންހެން ކުއްޖަކު ހޯދަން ފޭސްބުކްގައި އިއުލާންކުރީ އާދީއްތަ ދުވަހު އެވެ. އެހެން ނަމަވެސް އޭރު އެއީ ކޮން ފިލްމަކަށް ކަމަށް ބުނެފައެއް ނުވެ އެވެ.
ނަހުލާ ބުނީ ޝައުގުވެރިވާ ފަރާތްތަކުން ކުދިންގެ ފޮޓޯއަކާ އެކު އޭނާ އަށް ފޭސްބުކުން މެސެޖް ކުރަމުން ގެންދިއުމަށެވެ.
ނަހުލާ ބުނީ ކުޑަ އަންހެން ކުއްޖަކު ހޯދަނީ "4426" ގެ ދެވަނަ ބަޔަށް ކަމަށެވެ. އަދި ޝައުގުވެރިކަން ފާޅު ކުރި ކުދިންނަށް ބާއްވާ އޮޑިޝަނެއް އަންނަ ހޮނިހިރު ދުވަހު ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށް ވެސް، ކާމިޔާބު ފިލްމްތަކެއް ހަދާފައިވާ ޑައިރެކްޓަރު ބުންޏެވެ.
"އެކަމަކު ފިލްމުގެ އިތުރު އެއްވެސް ތަފުސީލަކަށް އަދި ދެވޭކަށް ނެތް،" ނަހުލާ ބުންޏެވެ. "މިހާރު މިއޮތީ ފޯފޯޓޫސިކްސްގެ ދެވަނަ ބައެއް ހަދަން ނިންމާފައި. މިހާ އަވަހަށް މިކަން އިއުލާން މި ކުރެވުނީ ފިލްމަށްވެފައި އޮތް ތައްޔާރީތައް ބޮޑުކަމުން."
މިހާރު ވެސް ޔަގީން ކުރެވޭ އެއް ކަމަކީ "4426" ގެ ދެވަނަ ބަޔަށް ހޯދާ ކުޑަ ކުއްޖާއަކީ ފިލްމުގެ ވަރަށް ބޮޑު ހިއްސާއަކަށް ވާނެ ކަމެވެ.
ވަރުގަދަ ކާސްޓެއް ވެސް ހިމެނޭ "4426" އަށް ބެލުންތެރިން މިހާރު ވެސް އަންނަނީ ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުންނެވެ. އެކަމަކު އެ ފިލްމް ބަލާލަން ނުލިބެނީސް އޭގެ ދެވަނަ ބައެއް ހަދަން ނަހުލާ ނިންމުމަކީ "ވަރުގަދަ ޕްރޮޖެކްޓަކަށް" އޭނާ ވަރަށް ބޮޑަށް ތައްޔާރުވެފައިވާކަން ހާމަކޮށްދޭ ކަމެއްކަން ޔަގީނެވެ.
ނަހުލާ ބުނި ގޮތުގައި "4426" އަކީ އޭނާ މިހާތަނަށް ލިޔުނު އެންމެ އުނދަގޫ އެކަމަކު އެންމެ ވަރުގަދަ ސްކްރިޕްޓެވެ. އެހެންވެ އޭނާ ހުރީ އެއްގޮތަކަށް ވެސް "4426" އެއް ފިލްމަކުން ބެލުންތެރިން ބިރު ގަންނުވާލައިފައި ހުއްޓާލާ ގޮތަކަށް ނޫނެވެ.
ނަހުލާ ބުނެފައިވާ ގޮތުގައި "4426" އަކީ ބެލުންތެރިން ބިރުން ގޮސް ފިތްކަނޑައިގެންދާ ވަރުގެ ފިލްމަކަށް ވާނެ އެވެ. ފިލްމުގެ ފުރަތަމަ ކުރު ޓީޒާ އިން ވެސް އެކަން ވަނީ ސާބިތުކޮށް ދީފަ އެވެ.
އެހެންވެ އޮކްޓޯބަރު 18 އަށް އިންތިޒާރު ކުރަމާ ހިނގާށެވެ. "4426" ގެ ހުރި ވަރެއް އޭރުން ޔަގީން ވާނެ އެވެ. މީގެ ދެވަނަ ބަޔަކަށް ބެލުންތެރިން ހިތް ކިޔާނެތޯ އެނގޭނީ ވެސް ފުރަތަމަ ބައި ބަލާލެވުމުންނެވެ.
ފިލްމް ސިނަމާ އަންނަ ދުވަސް ކުޑަތަންވަމުން އަންނަ އިރު "4426" ގެ ޓިކެޓަށް މި މަހުގެ ތެރޭގައި ފުރުސަތު ހުޅުވައިލާނެ އެވެ. އަމާޒަކީ މަދުވެގެން 15 ޝޯ ހައުސްފުލްކޮށްގެން އޮލިމްޕަހުގައި ފިލްމް ޕްރިމިއާ ކުރުމެވެ.