02 ޖޫން 2019 - 14:05

ސިފައިންނަށް ޚާއްސަކޮށްގެން އަޅަން ނިންމި 300 ފްލެޓްގެ މަސައްކަތް ކުރިން ހަވާލުކުރި ކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފައިސާ އަނބުރާ ހޯދަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގައިފި އެވެ.
އޭސީސީން އެގޮތަށް ބުނީ ސިފައިންގެ 300 ފްލެޓްގެ މަޝްރޫއު ހަވާލުކުރި ކުންފުންޏާ އެކު ހެދި އެއްބަސްވުން ބާތިލްކުރުމުން އެ ކުންފުނިން ސިފައިންގެ ކޯޕަރޭޓިވް ސޮސައިޓީ (ސިފްކޯ) އަށް ދޭންޖެހޭ ފައިސާ ނުލިބިހުރި މައްސަލާގަ އެވެ.
އޭސީސީން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ މަޝްރޫއާ ހަވާލުވި ކުންފުންޏަށް ސިފްކޯ އިން 125 މިލިއަން ރުފިޔާ ދީފައިވާ ކަމަށާއި އެކަމަކު އެ މަޝްރޫއު އެކަށީގެންވާ ގޮތެއްގެ ކުރިއަށް ނުދާތީ 2016 ވަނަ އަހަރުގެ ޖެނުއަރީގައި އެއްބަސްވުން ބާތިލް ކޮށްފައިވާ ކަމަށެވެ. އަދި އެއްބަސްވުން ބާތިލްކުރުމާ ހަމައަށް އެ ކުންފުނިން ކޮށްފައިވާ މަސައްކަތްތަކަށް 33 މިލިއަން ރުފިޔާ އުނި ކުރުމަށް ފަހު ބާކީވާ 92 މިލިއަން ރުފިޔާ އަނބުރާ ދެއްކުމުގެ ގޮތުން އެ ކުންފުނިން ސިފްކޯ އަށް ތިން ޗެކެއް ހުށަހެޅި ކަމަށާއި އެކަމަކު ފައިސާ ނެތުމުން އެ ޗެކްތައް ބައުންސްވެފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ފްލެޓްގެ މަސައްކަތްކުރި ކުންފުނީގެ ޗެކްތައް ބައުންސް ވުމުން އެ ފައިސާ އަނބުރާ ދައްކަން، ހައުސިން މިނިސްޓްރީން އެ ކުންފުންޏާ ހަވާލުކޮށްގެން އޭރު ހިންގި އެހެން ބައެއް މަޝްރޫއުތަކުން އެ ކުންފުންޏަށް ލިބެންޖެހޭ ފައިސާ އިން 92 މިލިއަން ރުފިޔާ އިން އުނިކޮށް، ސެޓް އޮފް ކުރުމުގައި މައްސަލައެއް ނެތް ކަމަށް ސިފްކޯ އަށް އަންގާފައިވާ ކަމަށް އޭސީސީން ބުންޏެވެ.
އެހެންވެ އޭސީސީން ވަނީ ސިފައިންގެ 300 ފްލެޓްގެ މަޝްރޫއުއާ ގުޅިގެން ލިބެންޖެހޭ 92 މިލިއަން ރުފިޔާ އަނބުރާ ހޯދުމުގެ ގޮތުން، އެ މަސައްކަތްކުރި ކުންފުންޏަށް ސަރުކާރުގެ އެހެން އެއްވެސް މަޝްރޫއުއަކުން ދައްކަންޖެހޭ ފައިސާއެއް އޮތް ނަމަ އެއިން އުނިކުރުމަށް ފިނޭންސް މިނިސްޓްރީ އަށް އަންގައިފަ އެވެ.
މީގެ އިތުރުން އެ ކުންފުންޏަށް ދައުލަތުން ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނެތް ނަމަ، 92 މިލިއަން ހޯދުމުގެ މަސައްކަތް ޝަރީއަތް މެދުވެރިކޮށް ކުރުމަށް ސިފްކޯ އަށް އަންގާފައިވާ ކަމަށް ވެސް އޭސީސީގެ ބަޔާނުގައިވެ އެވެ.