03 ޖޫން 2019 - 08:26

ރަޝިއާގައި ކުންފުންޏަކުން އެތަނުގެ އަންހެން މުވައްޒަފުން ސްކާޓް ލައިގެން މަސައްކަތަށް ދާ ނަމަ ބޯނަސް ދޭ ކެމްޕޭނެއް ފެށުމުން އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

އަންހެނުން ބާރުވެރި ކުރުވައި އަންހެންވަންތަކަން މަސައްކަތުގެ މާހައުލުގައި ވެސް ދައްކުވައި ދިނުމަށް ކަމަށް ބުނެ ފެށި ކެމްޕޭނުގެ ދަށުން، ކަކުލަށް ވުރެ ފަސް ސެންޓިމީޓަރަށް ވުރެ ދިގު ނޫން ސްކާޓް ލައިގެން މަސައްކަތަށް ދާ އަންހެނުންނަށް ބޯނަހުގެ ގޮތުގައި 100 ރަބަލްސް (1.50 ޑޮލަރު) ދޭން ވަނީ ނިންމައިފަ އެވެ.
މިފަދަ ބޯނަހެއް ދޭން ނިންމީ އެލްމިނިއަމްގެ މަސައްކަތްކުރާ ކުންފުންޏެއް ކަމަށްވާ ޓެޓްޕްރޮފުންނެވެ.
އެ ކުންފުނިން ބުނި ގޮތުގައި އާންމުކޮށް ފިރިހެނުންނާ އެއްގޮތަށް ފަޓްލޫނު ކަހަލަ ދިގު ހަރުވާޅު ލާ އަންހެން މުވައްޒަފުންނަށް ސްކާޓް ލައިގެން ބޯނަސް ހޯދުމުގެ ފުރުސަތު ލިބޭ "ފެމިނިޓީ މެރަތަން" ކެމްޕޭން މި މަހުގެ 30ގެ ނިޔަލަށް ކުރިއަށް ދާނެ އެވެ. އަދި އެކަން ކަށަވަރުކޮށް ދިނުމުގެ ގޮތުން ކުންފުނީގެ މެނޭޖްމަންޓަށް ސްކާޓާ އެކު ނަގާފައިވާ ފޮޓޯއެއް ފޮނުވަން ޖެހެ އެވެ.
މި އުސޫލަށް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވި ނަމަވެސް ޓެޓްޕްރޮފުން ބުނީ މިއީ ފިރިހެނުންނާ އެކީގައި މަސައްކަތްކުރި ނަމަވެސް، އަންހެނުންނަށް އެ މީހުންގެ އަންހެންވަންތަކަން ބިރަކާ ނުލައި މަސައްކަތުގެ މާހައުގައި ދައްކުވައި ދޭން ކުރި ކަމެއް ކަމަށެވެ.
"މިއީ މަސައްކަތުގެ މާހައުލަށް އުފާވެރިކަމާއި ހިތްހަމަޖެހުން ވެސް ގެނުވާނެ ކަމެއް،" ކުންފުނީގެ ތަރުޖަމާން ރަޝިއާގެ ރޭޑިއޯއަކަށް ބުންޏެވެ. "އަދި މިއީ އަންހެނުންނަށް އެ މީހުންގެ އަމިއްލަ ނަފުސާ ދޭތެރޭ ވެސް ފަހުރުވެރިވާން ލިބޭނެ ފުރުސަތެއް."
އޭނާ ބުނި ގޮތުގައި ޓެޓްޕްރޮފްގައި މަސައްކަތް ކުރާ މުވައްޒަފުންގެ 70 ޕަސަންޓަކީ ވެސް އަންހެނުންނެވެ.
"އެހެންވީމާ މިފަދަ ކެމްޕޭނުތަކުގެ ސަބަބުން އަންހެނުންގެ ބާރުވެރިކަމާއި ކުޅަދާނަކަން އިތުރަށް ދައްކުވައި ދޭނެ،" ތަރުޖަމާން ބުންޏެވެ.