02 ޖޫން 2019 - 14:03

މިދިޔަ ފެބްރުއަރީ މަހުގެ ނިޔަލަށް ރާއްޖޭގައި 842،000 މީހުން މޯބައިލް ފޯނު ގެންގުޅޭ ކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެ އޮތޯރިޓީން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުން އެންމެ ގިނަ ބަޔަކު ބޭނުން ކުރަނީ ޕްރިޕެއިޑް ނަންބަރުތަކެވެ. އެގޮތުން 690،000 މީހުން ޕްރިޕެއިޑް ނަންބަރުތައް ގެންގުޅޭ އިރު ޕޯސްޓްޕެއިޑް ނަންބަރުތައް ގެންގުޅެނީ ގާތްގަނޑަކަށް 150،000 މީހުންނެވެ.
ރާއްޖޭގެ އާބަދީ ހަތަރު ލައްކައިގައި އުޅޭއިރު އޭގެ ދެ ގުނަ އަދަދަކަށް ރާއްޖޭގައި މޯބައިލް ފޯނު މީހުން ގެންގުޅެ އެވެ.
މީގެ އިތުރުން ފިކްސްޑް ބްރޯޑް ބޭންޑް އިންޓަނެޓް 48،000 ކަނެކްޝަން ބޭނުން ކުރަމުންދާ އިރު 280،000 މީހުން މޯބައިލް ބްރޯޑް ބޭންޑް ބޭނުން ކުރެ އެވެ.
ރާއްޖެއަކީ މުޅި ސައުތު އޭޝިއާގައި އާބާދީގެ ނިސްބަތުން އެންމެ ގިނަ ބަޔަކު އިންޓަނެޓް ބޭނުން ކުރާ ގައުމެވެ. އިންޓަނެޓް ވޯލްޑް ސްޓެޓްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގައި އިންޓަނެޓް ބޭނުން ކުރާ މީހުންގެ ނިސްބަތް އާބާދީގެ 75 ޕަސެންޓަށް އަރަ އެވެ.
ރާއްޖޭގައި ޓެލެފޯންގެ 18،000 ލައިން އެކްޓިވްކޮށް ބޭނުން ކުރަމުންދެ އެވެ. އޭގެ ތެރެއިން 13،500 ލައިން ބޭނުން ކުރަމުން އަންނަނީ މާލެ ސަރަހައްދުންނެވެ.