ސިންގަޕޫރުގައި ބޭއްވި 10 ކިލޯމީޓަރުގެ ރޭހަކުން މޯޑު ތިން ވަނަ ހޯދައިފި
ސިންގަޕޫރުގައި ބޭއްވި 10 ކިލޯމީޓަރުގެ ރޭހަކުން މޯޑު ތިން ވަނަ ހޯދައިފި

ސިންގަޕޫރުގައި ބޭއްވި އޮސިމް ސަންޑައުން މެރެތަންގެ 10 ކިލޯމީޓަރުގެ ބައިން ރާއްޖޭގެ މުހައްމަދު ރަޝީދު (މޯޑް) ތިން ވަނަ ހޯދައިފި އެވެ.

މެރެތަން ޝޮޕުން ސްޕޮންސާކޮށްގެން ދުވި މޯޑް ތިން ވަނަ ހޯދީ 35:03 މިނެޓުން ރޭސް ނިންމައިގެންނެވެ. މިއީ މި އަހަރު އޭނާ ހޯދި މިފަދަ ދެ ވަނަ ކާމިޔާބީ އެވެ. މީގެ ކުރިން މި އަހަރުގެ ފެބްރުއަރީ މަހު ނިއު ދިއްލީ މެރެތަންގެ ހާފް މެރެތަންގެ އިވެންޓުގައި ދުވެ އުމުރުފުރާ އިން ތިން ވަނަ ހޯދައިފަ އެވެ.

މޯޑް ބުނީ މިއީ ޑިސެމްބަރު މަހު ނޭޕާލުގައި ބާއްވާ ސައުތު އޭޝިއަން ގޭމްސް އިން ފުރުސަތު ހޯދުމަށް ފަށާފައިވާ ތަމްރީން ޕްރޮގްރާމުގެ ދަށުން ދުވި ރޭހެއް ކަމަށާއި މި ފަހަރު 10 ކިލޯމީޓަރުގެ ރޭހެއް ޖެހީ މިދިޔަ މަހު ޓީއެފްޖީ ލޯންގް ރަންގައި ހާފް މެރެތަން ރޭހެއް ޖަހާފައިވާތީ ކަމަށެވެ.

"ޖުލައި މަހު ކަތުމަންޑޫ އަށް ފުރާނަން ފަސް މަސް ދުވަހުގެ ތަމްރީން ޕްރޮގްރާމެއްގައި. މިހާރުން ފެށިގެން މި މަސައްކަތްކުރަނީ ސައުތު އޭޝިއަން ގޭމްސް އިން ފުރުސަތު ހޯދަން،" މޯޑް ބުންޏެވެ.

މޯޑް ވަނީ ޖެނުއަރީ މަހު ދުބާއީ މެރެތަންގައި ތިން މިނެޓުގެ ކުރިއެރުމަކާ އެކު 2 ގަޑި 37 މިނެޓުން ފުލް މެރެތަންއެއް ޖަހައިފަ އެވެ. ތިން އަހަރުގެ ތެރޭގައި 14 މިނެޓުގެ ކުރިއެރުމެއް ހޯދި މޯޑް މި ވަގުތު ތަމްރީންތައް ކުރިއަށް ގެންދަނީ އަމިއްލަ ގޮތުންނާއި ބައެއް ސްޕޮންސަރުންގެ އެހީން އަދި ސިފައިންގޭގެ އެއްބާރުލުމާ އެކު އެވެ.

ސަންޑައުން މެރެތަންގައި ރާއްޖޭގެ ނަސްރުﷲ އަހުމަދު ވަނީ އޭނާގެ 45 ވަނަ މެރެތަން ފުރިހަމަކޮށްފަ އެވެ. ކޮކާކޯލާ އިން ސްޕޮންސާކޮށްފައިވާ ތަޖުރިބާކާރު ދުވުންތެރިޔާ ރޭސް ނިންމި ރަސްމީ ޓައިމިން އަދި ނުލިބެ އެވެ. ނަސްރު އަކީ އެންމެ ގިނަ މެރެތަން ދުވެފައިވާ ދިވެހި ދުވުންތެރިޔާ އެވެ.