06 ސެޕްޓެމްބަރ 2016 - 06:40

(ސެޕްޓެމްބަރު 5 ގައި ޖެހި ބަޔާ ގުޅޭ)
"އިހުސާންގެ އާއިލާ އިން އެދޭ ކޮންމެ އެހީއެއް ވާން އަހަރެން މިހިރީ ތައްޔާރަށް،" ފާތިރު ބުންޏެވެ.
ނާވިޝް އާއި ފާތިރު ތިބީ އިންސާފުގެ ޗެމްބަރުގެ ބޮޑު މޭޒު ކައިރީގަ އެވެ. ދެ އެކުވެރިން ވެސް ކަންބޮޑުވެ، ހާސްވެފައި ތިބީ އިހުސާން ހާލު ދެރަވެގެން ކުއްލި ގޮތަކަށް ޓްރީޓޮޕް ހޮސްޕިޓަލްގައި އެޑްމިޓްކުރުމުންނެވެ. މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ނާވިޝްއާ ބައްދަލުވި އިރު ވެސް އިހުސާން ފެނުނީ ސިއްހަތު ނުލާހިކު ރަނގަޅަށެވެ. އޭނާގެ ކިބައިން ބައްޔެއްގެ ނުވަތަ، ބަލިވެ އުޅޭކަމުގެ އެއްވެސް ނިޝާނެއް ފާހަގަވެފައެއް ނެތެވެ.
އެކަމަކު މިއަދު މެންދުރު އޭނާ އަށް އެނގުނީ އިހުސާން ހޭނެތިގެން ފުރަތަމަ އައިޖީއެމްއެޗަށް ގެންދިޔަ ކަމެވެ. އެކަމަކު ބަލީގެ ގޮތުން ހުޅުމާލޭގެ ބޮޑު ހޮސްޕިޓަލަށް ބަދަލުކުރީ އެވެ.
ނާވިޝް ވަނީ ޒޫނާއާ ބައްދަލުކޮށް އޭނާގެ ހަމްދަރުދީ އާއި ކޮންމެ ކަހަލަ އެހީއަކަށް އެދުނަސް ތައްޔާރަށް ހުރި ކަމަށް ބުނެފަ އެވެ.
"އިހުސާންގެ ބައްޕަ އާއި ބޭބެ ވެސް މަރުވީ ކެންސަރުގައި. އެކަމަކު ޒޫނާ ގާތު އެއިން އެއްވެސް ވާހަކައެއް ކިޔައެއް ނުދޭ. ބައްޔެއް ވެގެން ޑޮކްޓަރަށް ދާކަށް އިހުސާން ބޭނުމެއް ނުވޭ. ހީވަނީ ބައްޕަ އާއި ބޭބެ އަށް ދިމާވި ގޮތުން ޖެހިލުންވަނީހެން ޑޮކްޓަރަށް ދައްކަން،" ނާވިޝް ބުންޏެވެ.
"މައުސޫމް މާލޭގައި ހުރި ނަމަ ސިންގަޕޫރު ކަހަލަ ތަނަކަށް ފޮނުވާނީ،" ފާތިރު ބުނެލި އެވެ.
"އާނ. އެކަމަކު އެއީ ކޮންމެހެން އޭނާގެ ބައްޕަގެ މައްސަލަ ބަލާތީކީ ނޫން. މައުސޫމްގެ ބެސްޓް ފްރެންޑް އިހުސާންގެ ބޭބެ އަކީ. އޭނާ ކުއްލިއަކަށް މަރުވީ މައުސޫމް ސައުދީގައި ހުއްޓާ. އިބްރާހިމް މެދުވެރިކޮށް ވަރަށް ބޮޑެތި އެހީތައް ވި އަސްލު. އެވާހަކަ އިހުސާން އަހަންނަށް ކިޔައިދިން އެއް ފަހަރަކު،" ނާވިޝް ބުންޏެވެ.
އިހުސާންގެ އާއިލީ ބަލީގެ ތަފްސީލް ފާތިރަށް ނާވިޝް ކިޔައިދިނެވެ. ބައްޕަ އާއި ބޭބެ ވެސް މަރުވީ ބްރެއިން ކެންސަރުގައި ހަމަ ކުއްލިއަކަށެވެ. ކެންސަރުގެ އަލާމާތްތައް ފެންނަ އިރު އޮންނަނީ އެންމެ ނުރައްކާ ހާލަތަށް ގޮސްފަ އެވެ. އިހުސާނަށް ވެސް ދިމާވީ އެހެންނެވެ. ރޭ ޒޫނާ ރައްޓެހި ޑޮކްޓަރަކަށް ގުޅައިގެން ހެނދުނު އޮތީ އައިޖީއެމްއެޗަށް ގޮސް އިހުސާން ދައްކާ ގޮތަށެވެ. އެކަމަކު ހެނދުނު ހޭނުލައިގެން ބެލިއިރު އިހުސާންގެ ވާތް ފަރާތުގައި ވާގި ވެސް ނެތެވެ.
އައިސީޔޫގައި އޮތް އިހުސާން ފެނުމުން ނާވިޝް އަށް ކުރި އިހުސާސް ބުނެދޭކަށް ނޭނގެ އެވެ. އެހާ ގާތް ރަހުމަތްތެރިޔަކަށް ކުއްލިއަކަށް އެކަހަލަ ހިތާމަވެރި ކަމެއް ދިމާވުމުން އޭނާ އަށް ހުރެވުނީ ހަދާނެ ގޮތެއް ވެސް ނޭނގިފަ އެވެ. އޭނާއާ ދިމާއަށް އިހުސާން ލޯ ހުޅުވައިގެން ބަލަން އޮތެވެ. އޭނާ އަށް ވެސް ރަހުމަތްތެރިޔާއާ ދިމާއަށް، ހިމޭންކަމާ އެކު، ބަލަން ހުރެވުނީ އެވެ. ދެން ކޮނޑުގައި އަތް ޖައްސާލާފައި މަޑުމަޑުން ބުނީ "އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ރަނގަޅުވާނެ"އޭ އެވެ.
އޭނާގެ އެ ވާހަކަ އިހުސާނަށް އިވޭނެ އެވެ. އެކަމަކު ހޮސްޕިޓަލަށް ގެންދިޔަ ފަހުން ހޭއެރިޔަސް، އިހުސާނަށް އެއްވެސް ވާހަކައެއް ނުދެއްކެ އެވެ. ބައެއް ފަހަރަށް ތުންތަޅުވަ އެވެ. ކޮންމެވެސް އެއްޗެކޭ ބުނަން މަސައްކަތްކުރެ އެވެ.
ނާވިޝްއާ ދިމާއަށް ބަލަހައްޓައިގެން އޮވެ، އެއްޗެކޭ ބުނަން އުޅުނުހެން މިހާރު ވެސް އޭނާ އަށް އިހުސާސްކުރެވެ އެވެ. އެކަމަކު ރަހުމަތްތެރިޔާގެ ވާތް ފަޅި ވާގިނެތިފައި އޮތުމާ އެކު ކޮންމެވެސް ކަހަލަ ހުރަސްތަކެއް ވާހަކަ ދެއްކުމަށް ވެސް ވަނީ ކުރިމަތިވެފަ އެވެ.
އައިސީޔޫން ނުކުތުމުގެ ކުރިން އިހުސާންގެ ކަނާތް ތިލާގައި ނާވިޝް ހިފާލި އެވެ. އެވަގުތު އިހުސާން އޭނާގެ އަތަށް ބާރުކޮށްލި އެވެ. ދޫނުކޮށްލަން ވެގެން ހިފެހެއްޓީއޭ އޭނާގެ ހިތަށްއެރި އެވެ. ނާވިޝް އިރުކޮޅަކު މަޑު ވެސް ކޮށްލި އެވެ. އެކަމަކު އަވަހަށް ނުކުންނަން ޖެހޭތީ އޭނާ އެ އަތުން މަޑުމަޑުން، ހަމްދަރުދީއާ އެކު، ދޫކޮށްލީ އެވެ.
"ތަހުގީގު ގޮސް އޮތް ހިސާބެއް ނޭނގޭދޯ؟" ފާތިރު ސުވާލުކުރި އެވެ.
"ޔާސިރު އެއްވެސް ވާހަކައެއް ނުދައްކާކަން އެނގޭ. އިއްޔެ ވެސް އިހުސާން އޭނާއާ ސުވާލުކުރި. ޔާސިރަށް ބުނެވޭނީ އޭނާ ވަގަށް ނަގައިގެން ބަޔަކު ގެންގުޅުނޭ ދޯ. އޭނާ ގެނައީ މިތަނަށް ކަމެއް، އަހަރެމެންނަކީ ކޮން ބައެއް ކަމެއް ނޭނގޭނެ ބުނެދޭކަށް،" ނާވިޝް ބުންޏެވެ.
"އެއީ އެހާ ބޮޑު މައްސަލައެއް ނޫން. މައްސަލަ އަކީ އިހުސާންގެ ސިކުނޑީގައި ރާވަމުން ދާ ގޮތްތައް. ތަހުގީގުގައި ލިބުނު މައުލޫމާތުން އޭނާ އަށް ވިސްނޭނެ ކިތައްމެ އެއްޗެއް ހުންނާނެތާ،" ފާތިރު ބުންޏެވެ.
"އާނ. އޭނާ އަށް ޔަގީނުން ވެސް އެނގޭނެ ތަހުގީގެއް ހިންގައިގެންކަން ނާދިރާއާ ހަމައަށް އެބަޔަށް ދެވުނީ. ސަންޖޭ ވެސް ހުންނާނީ ކަން ވީ ގޮތް ކިޔައިދީފައި. އަހަރެމެންނަށް ނޭނގެނީ އިހުސާންގެ ވިސްނުން ގެންދާނެ މަގު،" ނާވިޝް ބުނެލި އެވެ.
"މައުސޫމް ހުރީ ކޮޅެއްގައި ޖައްސާފައި ނޫނީ ދޫކުރާ ގޮތަކަށް ނޫން،" ފާތިރު ބުންޏެވެ.
"އަސްލު މިހުރިހާ ކަމެއް މިދިމާވީ އިބްރާހިމް މަރުވީމަ. އެކަމަކު އެ މަރުގެ ޒިންމާ އަހަރެމެންގެ ބޮލަކު ނޭޅޭނެ. އެއީ ގުދުރަތީ މަރެއް ކޮންމެ ގޮތެއް ވިޔަސް،" ކަމުގެ ހަގީގަތް ނޭނގި އިނދެ ނާވިޝް ބުންޏެވެ.
ފާތިރުގެ ހިތުގައި ކުށުގެ އިހުސާސްތައް އުފެދުނެވެ. ފެށި ކަމެއް ފެށީ ތިން މީހުން އެއްބަސްވެ، އެއްވެސް ކަމެއް ސިއްރުނުކުރަން އަހުދުވެގެންނެވެ. އެކަކު މަރުވިޔަސް އަނެއް ބަޔަކު އޮޕަރޭޝަންތައް ކުރިއަށް ގެންދަން އަޒުމް ކަނޑައަޅައިގެންނެވެ.
އެކަމަކު އިބްރާހިމްގެ މަރުގެ ހުރިހާ ކަމެއް ފާތިރު ވަނީ ސިއްރުކޮށްފަ އެވެ. އެއީ އޭނާ އަށް އޭރު ހެދުނު ގޯހެއް ނަމަވެސް ނުވަތަ އެންމެންނަށްޓަކައި ވީ ގުރުބާނީއެއް ނަމަވެސް، ދެ އެކުވެރިން ގާތު އޭގެ ހަގީގަތް ނުބުނެ ހުރުމަކީ ދޮގެއް ހެދުމެވެ. ނާވިޝް އާއި ޒަވީން އެ ޗެމްބަރުން ނެރެފައި، ހަމައެކަނި އޭނާ ކައިރީގައި އިބްރާހިމް ބުނި ސިއްރުގެ މައުލޫމާތު ވެސް ދެ އެކުވެރިންނަކަށް އޭނާ ނުދެ އެވެ. އެކަމާ އެ މީހުން ސުވާލެއް ވެސް ނުކުރެ އެވެ. އެއިން އެނގެނީ ފާތިރަށް ކުރާ އިތުބާރެވެ.
މިހާރު ކަންތައް ވަމުން ދާ ގޮތުން ފާތިރަށް އަދި އެ ސިއްރުތައް ބުނެވޭކަށް ނެތެވެ. ކޮންމެވެސް ދުވަހަކުން އެ ހުރިހާ ވާހަކަތަކެއް ކިޔައިދޭނެ އެވެ. އޭނާގެ ކޮއްކޮ ކުއްލި އެކްސިޑެންޓްގައި މަރުވުމަކީ ނޭނގި ނަމަވެސް އޭނާގެ އާއިލާ އިން ވީ ގުރުބާނީއެކެވެ. މަރަކަށް މަރެކެވެ. އެކަމުން އޭނާ އަށް ލިބުނު ހިތާމަ ކުޑައެއް ނޫނެވެ. ސާއިގާ މަތިން ހަނދާންވާ ކޮންމެ ފަހަރަކު އޭނާގެ ހިތަށް ހެރެނީ ވޭނުގެ ތީރުތަކެވެ. ދެ ރަހުމަތްތެރިނަށް އެކަން ނޭނގުނަސް، އެ މޮޅިވެރިކަން، ރޭގަނޑުގެ ނިދިން އަދިވެސް އޭނާ މަހުރޫމްކުރެ އެވެ.
"ކިހިނެއް ވެފައި ތި އިނީ؟" ނާވިޝްގެ އެ ސުވާލުން ފާތިރު ސިހުނެވެ. އޭނާ އަށް އިނދެވުނީ ހިޔާލުތަކެއްގެ ތެރޭގައި ކަން އެނގުނީ އެހިސާބުންނެވެ.
"ވިސްނާލެވުނީ. ބައެއް ކަންކަން މިދަނީ އަހަރެމެން ހީކުރި ގޮތަކަށް ނޫން. ބަލައިގެން އުޅެން އެބަ ޖެހޭ ދޯ ދުވަސްކޮޅަކަށް؟" ފާތިރަށް އެހެން ބުނެވުނީ ގަސްތަކު ނޫނެވެ.
"އާނ. އިބްރާހިމްގެ މަރާ ގުޅިގެން ރައީސް ހުރީ ވަރަށް ރުޅިއައިސް. އަހަރެމެންގެ ލިސްޓްގައި ތިބި އެހެން މީހުން ވަގަށް ނަގައިފިއްޔާ ކަންތައް ވަރަށް ގޯސްވާނެ. މުޅި މާލޭގެ ހުރިހާ ގެއެއް ފާސްކުރަން ވެސް ފަށާފާނެ. އެހާ ވެސް ރައީސް ހުރީ ރުޅިގަދަވެފައި،" ނާވިޝް ބުންޏެވެ.
"މާލެ ފާސްކޮށްގެން ވާނެ ފައިދާއެއް ނޯންނާނެ. ފުރަތަމަ ޖެހޭނީ މިގެއަށް، އަހަރެމެންނަށް ޝައްކުކުރަން. އަހަރެމެންގެ މީހެއްގެ އަނގައިން ސިއްރު ބޭޒާރުނުވާހާ ހިނދަކު މިތަނެއް ނުފެންނާނެ،" ފާތިރު، ޔަގީންކަމާ އެކު ބުންޏެވެ.
"ޒަވީން އަންނާނީ އަދިވެސް ހަފުތާއެއް ފަހުން ދޯ؟" ނާވިޝް ސުވާލުކުރި އެވެ.
"އާނ. އޭނާ ބުނީ އެހެން. ފަނޑިޔާރު ކަލޭގެ އަދިވެސް ހަމަ ހޭވައްޓާލާފައި ކްލަބްތަކުގަޔޯ އުޅެނީ،" ފާތިރު ބުންޏެވެ.
"މައުލޫމާތު އެއްކޮށްފައި ބަހައްޓާ. މިފަހަރު ޖެހޭނީ ރާއްޖޭން ބޭރުގައި އެކަން ކުރަން،" ނާވިޝް ބުންޏެވެ.
"އަހަރެން އެއްބަސް. އެކަމަކު މަށަށް ފެންނަނީ އަދި ދެތިން މަސް މަޑުކޮށްލަން. އެހެން ރޭވުންތަކެއް ވެސް އެބަ ރާވަން ޖެހޭ. އަދި އެބަ އޮތް އެހެން ކަމެއް ވެސް..." އެ ހިސާބަށް ބުނެފައި ފާތިރު ހުއްޓާލި އެވެ. ނާވިޝް ރަނގަޅަށް ބަލައިލި އެވެ.
"ކީއްވެ މާ ހައިރާންވީ؟" އެ ވާހަކަ ބުނުމުގެ ކުރިން، ނާވިޝްގެ މޫނު މައްޗަށް އެރި ކުލަވަރުން ފާތިރު ސުވާލުކުރި އެވެ.
"ކުއްލިއަކަށް އެހެން ކަމެއް އޮތޭ ބުނީމާ. އަހަރެމެންގެ ހުރިހާ ކަމެއް ހުރީ ރާވާ ނިމިފައެއްނު،" ނާވިޝް ބުންޏެވެ.
"މިއީ މުޅިން އަމިއްލަ ކަމެއް،" ހިނިތުންވެފައި ފާތިރު ބުނެލި އެވެ.
"ބުނީމަތާ އެނގޭނީ،" ނާވިޝް ސަމާސާކޮށްލި އެވެ.
"އަހަރެން ހިތަށް އެބަ އަރާ ކައިވެންޏެއް ކުރަން،" އެންމެ ފަހުން ފާތިރު ބުންޏެވެ. ނާވިޝް އަށް ލިބުނީ ހައިރާންކަމެކެވެ. އެކަމަކު އެ ހައިރާންކަމުގައި ހިނި ވެސް އަ އެވެ.
"ކިހިނެއް ވީ؟ އަނެއްކާ މަށަށް އަންހެނަކު ނުވާނީތަ؟" ނާވިޝްގެ ހިނިތުންވުން ފާތިރު ވެސް ނެގީ ސަމާސާއެއްގެ ގޮތުގަ އެވެ.
"ނޫނޭ، އަހަރެން ހީކުރީ ދެން ދުވަހަކު ވެސް މީހަކާ ނީންނާނޭ. އެކަމަކު ވަރަށް އުފާވެރި ވާހަކައެއް ތިބުނީ،" ނާވިޝް، އޭނާގެ ހިތުގެ އަޑިން ގަބޫލުކުރާ ގޮތް، ބުންޏެވެ. ފާތިރުގެ މަދީ ރަނގަޅު އަންބެކެވެ. އޭނާ އަށް އެ އެހީތެރިކަން ބޭނުންވެ އެވެ.
"ކާކާތޯ ވެސް ނާހާނަންތަ؟" ފާތިރު ސުވާލުކުރި އެވެ.
"ކައިވެނި ކުރަން އުޅޭ ވާހަކަ އަށް ފަހު ދެން ކިޔައިދޭން ޖެހޭނީ ވާން އުޅޭ އަނބިމީހާގެ ވާހަކަ ދޯ،" ނާވިޝް ބުންޏެވެ.
"ސުހާނާ،" ފާތިރު ވަގުތުން ބުނެލި އެވެ.
"ޔާރައްބީ. އޮފީހުން ދޯ ތި ހޯދީ ވެސް. އަނެއްކާ ކިހާ ދުވަހެއް ތިކަން ހިންގާތާ؟" ނާވިޝްގެ ސަމާސާ ސުވާލެކެވެ.
"އަދި އޭނާ ކައިރީ ނުވެސް އަހަން. ރައްޓެހިވެގެންނެއް ވެސް ނޫން މި އުޅެނީ. އޭގެ ކުރިން ނާވިޝްގެ ހިޔާލެއް މި ހޯދާލީ،" ފާތިރު ބުންޏެވެ.
"ސެކްރެޓަރީއަކަށް ވުމަކީ ބުނެލާ އިރަށް ހުރިހާ ކަމަކަށް އެއްބަސްވުމެއް ނޫން، އިނގޭ،" ނަސޭހަތެއްގެ ގޮތުގައި ނާވިޝް ބުންޏެވެ.
"ތިކަން އެނގޭ. އެކަމަކު އަހަރެމެން ދެ މީހުންގެ އެބަ ހުރި އެއްކަހަލަ ކަންތައްތަކެއް. ސާއިގާގެ މަރުގެ ހަބަރު އަހަންނަށް ލިބުނީ ކުއްލިއަކަށް، އެކަހަލަ ހިތާމައެއް ލިބޭނެ ކަމަށް ހިތަށް ވެސް ނާރާ ހުއްޓާ. ސުހާނާގެ ދަރިފުޅު މަރުވީ ވެސް ހަމަ އެހެން. އޭރު އޭނާ ކައިރީގައި ހުރީ އަހަރެން އެކަނި. އެއީ އަސަރު ހުރި ދުވަހެއް. އޭގެ ފަހުން ސުހާނާ އެ ހުންނަނީ ދިރިއުޅުން ބުރަޔަކަށް ހަދައިގެން. އޭނާއާ ކައިވެނިކުރުމަކީ އެހީއެއް ވުމެއް ނޫންތަ؟" އެވާހަކަ އަށް ނާވިޝް އެއްބަސްވާނެ ކަން ޔަގީންކޮށްގެން އިނދެ، ފާތިރު ބުންޏެވެ.
"އެހީއެއް ވުމުގެ ނިޔަތުގައި ނުވާނެ ކައިވެނިކުރާކަށް. އެއީ އަހަރެންގެ ނަސޭހަތަކީ. އެހެންނެއް ނޫން ލޯބިވަންޏާ އަވަހަށް އިންނަންވީ،" ނާވިޝްގެ ވިސްނުން ކިޔައިދިނެވެ.
"އެހީއެކޭ މި ބުނީ ކޮންމެހެން އެގޮތަށް ވިސްނާފައެއް ނޫން. އަސްލު އަހަރެން ވަރަށް ހިތްހަމަޖެހޭ ސުހާނާ ދެކެ. އޭނާ ވަރަށް ރަނގަޅު. އޭނާ އޮފީހަށް ނާންނަ ދުވަހެއް ވިއްޔާ އަހަރެން ވެސް މަސައްކަތްކުރާ ހިތެއް ނުވޭ. އެއީ ލޯތްބެއް ނޫންތަ؟" ފާތިރު ސުވާލުކުރި އެވެ.
"ތިކަމާ އަހަރެން ދެކޮޅެއް ނޫން. ހުރިހާ އެއްޗެއް ކިޔައިނުދިޔަސް އެންމެ ރަނގަޅު. ފާތިރަށް ޔަގީންކަން އޮވެއްޖެއްޔާ ކައިވެނި ނުކޮށް ހުންނާނެ ކަމެއް ނެތް. އަހަރެމެން ވަރަށް އުފާވާނެ. އެކަމަކު އޭރުން...." އެހާ ހިސާބުން ނާވިޝް އަށް ހުއްޓުން އެރި އެވެ. އެ ބުނަން އުޅޭ އެއްޗެއް ފާތިރަށް ލަފާކުރެވުނެވެ.
"އޭރުން ވެސް މިގެ ހުންނާނީ މި ގޮތަށް. ސުހާނާއާ އެކު އަހަރެން އުޅޭނީ މަންމަގެ ގޭގައި،" ފާތިރު ބުންޏެވެ.
"ހުރިހާ ކަމެއް ރާވާ ނިމިއްޖެ ދޯ މިހާރު؟" ނާވިޝް އަށް ބުނެލެވުނެވެ.
"މިއީ ތާރީހީ ގެއެއް. ދެ ކައިވެނީގެ ދުވަސްތައް ހޭދަކުރީ ވެސް މި ގޭގައި. ދެން ބޭނުމެއް ނޫން އެ ދިރިއުޅުން މިތަނުގައި އުޅޭކަށް. އަހަރެމެން ރާވާފައި އޮތް ގޮތަށް އެންމެ ފަހު މީހާގެ ކަންކަން ނިންމާލެވެންދެން މިގެއަށް އަހަރެމެން ތިން މީހުން ނޫން މީހަކަށް ނުވަދެވޭނެ،" ފާތިރު ބުންޏެވެ.
ސުހާނާއާ މެދު އޭނާގެ ހިތުގައި އުފެދެމުން ދިޔަ އާދަޔާ ހިލާފު އިހުސާސްތަކުން އޭނާ އަށް ވިސްނުނީ ދިރިއުޅުން ކިހާ އެކަނިވެރިކަމެވެ. މުއްސަނދިކަން ކިތައްމެ ބޮޑަސް ހަޔާތުގެ އުނި ކަންކަން ފިލައިގެންނެއް ނުދާނެ އެވެ. ހަމައެކަނި ފައިސާގެ އަޅުންނަށް ވެގެން އުޅޭ މީހުންނަކީ ބުއްދި ހަމަ ބައެއް ނޫނެވެ. އެ މީހުންނަށް ލޯތްބާއި އަޅާލުމާއި ހިތްހަމަޖެހުުގެ އަސްލު އުފާ އޮންނަނީ އުނިވެފަ އެވެ. އޭނާ ކައިރީގައި ސުހާނާ މަސައްކަތްކުރަން ފެށުމުގެ ކުރިން އެ އުނިކަން އިހުސާސެއް ނުވެ އެވެ. ފައިސާގެ ދަހިވެތިކަން ހުރެގެންނެއް ނޫނެވެ. އޭނާގެ ކިބާގައި އަސްލު އެ ބޮޑާ ކަމެއް ނެތެވެ. އެކަމަކު ޒަވާޖީ ހަޔާތަކާ ދިމާއަށް ފިޔަވަޅު އެޅޭ ވަރަށް ވުރެ، މާޒީގެ ހިފެހެއްޓުން ބޮޑީ އެވެ.
ސުހާނާއާ އެކު އެކަން ވަނީ ބަދަލުވެފަ އެވެ. އަދި ލަންޑަނަށް ކުރި ދަތުރުގައި އެ ދިމާވި ހިތާމަވެރި ހާދިސާގެ ސަބަބުން ދިރިއުޅުމުގެ މާނަ އަކީ އެކަކު އަނެކަކަށް އެހީތެރިވެ، ހިތްވަރުދީ، އަޅާލުންކަން އެނގުނެވެ. މަރުވަންދެން ވެސް އެ ގުޅުން އޮންނަން ޖެހޭނީ އެގޮތަށެވެ. އެކަމަކު ފާތިރާއި ސުހާނާ އަށް ވެސް އެ ރަހުމަތެއް އަދި ނުލިބެ އެވެ. ދެ މީހުންގެ ޒަވާޖީ ހަޔާތުން ވެސް އަސްލު ލިބުނީ ކެއްސެކެވެ. ހިތާމަ އެވެ.
ފާތިރު ނިންމީ އެކަން ބަދަލުކުރެވޭތޯ މަސައްކަތްކުރާށެވެ. އެހެންކަމުން ސުހާނާއާ ކައިވެނިކުރުމުގެ ނިޔަތް އޭނާގެ ހިތުގައި އުފެދުނެވެ.
"ދެން ކޮން އިރަކުން ތިކަން ނިންމާނީ؟ ޒަވީން ނެތި ނުވާނެ ތިކަން ކޮށްގެންނެއް،" ނާވިޝް ބުންޏެވެ.
"އޭނާ އަންނަންވާ އިރަށް ފުރަތަމަ ޖެހޭނީ ސުހާނާގެ ރުހުން ހޯދަންތާ. އެކަން ފަށާނަން މާދަމާ. އޯކޭއެއްނު،" ހިނިތުންވެފައި ފާތިރު ބުންޏެވެ. އެހާ ހިސާބުން އެ ބައްދަލުވުން ނިމި، ދެ މީހުން ޗެމްބަރުން ނުކުތެވެ.
ކުއްލިއަކަށް ދޮރު ހުޅުވާލި އަޑަށް އޭނާ ދިޔައީ ސިހިގެންނެވެ. ޔަގީނުން ވެސް އަދި މެންދަމު ދޭއް ނުޖަހަ އެވެ. ކޮންމެ ރެއަކު ދޭއް ޖަހާއިރު ހޭލުމަކީ އޭނާގެ މިހާރުގެ އާދަ އެވެ. ސޯނާ ގަޑިއެއް، އެހެން މީހެއްގެ ގޮވުމެއް ބޭނުމެއް ނުވެ އެވެ. ދަމުނަމާދަށް ކޮންމެ ރެއަކު ވެސް އޭނާ ހޭލަނީ ދޭއް ޖަހާއިރު، އަމިއްލައަށެވެ.
ބަންދު ކޮށްފައި ހުރި ގޮޅީގެ އަނދިރިކަމުގެ ތެރޭގައި ދެ މީހަކު ކުއްލިއަކަށް އޭނާގެ ދެ އަތުގައި ހިފާ، އުފުރާލާ ކަހަލަ ގޮތަށް ނަގާ ކޮޅަށް ޖެހި އެވެ. އޭނާ އަށް އެއްޗެކޭ ބުނެވުމުގެ ކުރިން ތިން ވަނަ މީހަކު އަނގަ މަތީ އަތް އެޅި އެވެ. ހަތަރު ވަނަ މީހަކު އޭނާގެ ދެ ފައި ބިމުން ލުހެލި އެވެ.
ގޮޅިން ނެރެގެން އެބަޔަކު އޭނާ ގެންދިޔައީ ދުވެފައި ކަހަލަ ގޮތަކަށެވެ. ގަސްތަކުގެ ތެރެއިން ގޮސް ހުއްޓުނީ ބޮޑު ގުދަނެއް ކަހަލަ ގޮތަކަށް ދަގަނޑުން ހަދާފައި ހުރި ތަނެއްގެ ކުރިމައްޗަށެވެ. އެއީ ކޮން ތަނެއްކަން އޭނާ އަށް އެނގެ އެވެ. އެތަނުގައި ކިތައްމެ މީހަކު ކުރިން މަރާލާފައި ވާކަން ވެސް އޭނާ އަށް އެނގެ އެވެ.
ދޮރު ހުޅުވާލާފައި ވެއްދި އިރު އަނދިރި އެވެ. އެކަކު ގޮސް ބޮކި ދިއްލި އެވެ. ދެން އެއް ފަރާތު ފާރުގައި ހުރި ދެ ދަގަނޑުގައި ދެ އަތް، ތަޅުންގަނޑަށް ވުރެ ދިހަ އިންތި މަތީގައި ހަރުކޮށްފައި ހުރި ދެ ދަގަނޑުގައި ދެ ފައި، އައްސާ ބާރުކޮށްލި އެވެ. އޭނާ އެލުވާފައި ހުރީ އެ ހަތަރު މީހުންނަށް ވުރެ ފޫޓެއް އުހުގަ އެވެ.
ފުލުހުންގެ ޔުނީފޯމްގައި ތިއްބަސް ހަތަރު މީހުން ވެސް ވަނީ ކަޅު ފޮތިގަނޑަކުން މޫނު ނިވާކޮށްފަ އެވެ. އެހެންކަމުން އެއީ ކޮން ބައެއް ކަމެއް އޭނާ އަށް ނޭނގެ އެވެ. އެކަމަކު އޭގެ ތެރޭގައި އިހުސާން ނެތްކަން ޔަގީނެވެ.
"މިރޭ ކަލޭ ޖެހޭނެ ހުރިހާ އެއްޗެއް ކިޔައިދޭން. މަރު ނޫނީ ކިޔައިދިނުން. ކިޔައިދީފި ނަމަ އޭގެ އަގެއް ވެސް އެބަ އޮތް، އެއީ މާ ގިނަ ދުވަހެއް ނުކޮށް ކަލޭ މިނިވަންކުރުން،" އޭގެ ތެރެއިން އެކަކު، އެއް ފަރާތުގައި އޮތް ތިން ފޫޓުގެ ދަގަނޑު ހޮޅި ބުރިއެއް ނަގައި، އަތަށް ހެޔޮވަރުކުރަމުން ބުންޏެވެ.
ޔާސިރު ވަކިވަކިން ހަތަރު މީހުންނާ ދިމާއަށް ނަޒަރު ހުއްޓާލި އެވެ. ދެން އޭނާގެ މޫނުމައްޗަށް ވެރިވީ ހިނިތުންވުމެކެވެ. ވަގުތު އައިސް ޖެހުނީކަން އޭނާ އަށް އެނގުނެވެ.
(ހަ ވަނަ ބައި، ސެޕްޓެމްބަރު 8 ގައި)