02 ޖޫން 2019 - 12:01

އެމެރިކާގެ ވިސާ ހޯދަން އެދި ހުށަހަޅާއިރު އެ މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގެ މައުލޫމާތު ދޭންޖެހޭ ގޮތަށް އާ ގަވައިދު އިސްލާހުކޮށްފި އެވެ.
ގާތްގަނޑަކަށް ހުރިހާ ވައްތަރެއްގެ ވިސާ އަށް ވެސް މި މައުލޫމާތު ނަގަން ވަނީ ނިންމައިފަ އެވެ.
ސްޓޭޓް ޑިޕާޓްމަންޓުން ބުނީ ވިސާ އަށް އެދޭއިރު އެ މީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ބޭނުންކޮށްފައިވާ ނަންތަކާއި ފާއިތުވި ފަސް އަހަރު ބޭނުންކޮށްފައިވާ އީމެއިލް އެޑްރެސްތަކާއި ފޯނު ނަންބަރުތައް ވެސް ބުނެދޭން ޖެހޭނެ ކަމަށެވެ.
ވިސާ އަށް އެދޭއިރު މި މައުލޫމާތު ނަގަން ނިންމައި މިދިޔަ އަހަރު އެ މައުލޫމާތު ދިން އިރު ބުނެފައިވަނީ އާ ގަވައިދުގެ ދަށުން އަހަރަކު 14.7 މިލިއަން މީހުންނަށް މައްސަލަތަކާ ކުރިމަތިވާނެ ކަމަށެވެ. ނަމަވެސް މިއީ ހާއްސަ އަދި ޑިޕްލޮމެޓިކް ވިސާގައި މި މައުލޫމާތު ދޭކަށް ނުޖެހޭނެ އެވެ.
ކިޔެވުމަށާއި ވަޒީފާގެ ބޭނުމަށް އެމެރިކާ އަށް ދާ އެންމެން އާ ގަވައިދުގެ ދަށުން ސޯޝަލް މީޑިއާގެ މައުލޫމާތު ހިއްސާކުރަން ޖެހޭނެ އެވެ.
"އަބަދުވެސް މަސައްކަތްކުރަމުން މި އަންނަނީ އެމެރިކާގެ ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދީ، ރަނގަޅު ބޭނުންތަކުގައި އެމެރިކާ އަށް އެތެރެވާ މީހުންނަށް އެ ފުރުސަތު ދިނުމަށް،" ސްޓޭޓް ޑިޕާޓްމަންޓުން ބުންޏެވެ.
މީގެ ކުރިން އޮންނަނީ، ހާއްސަ ހާލަތްތަކެއްގައި ބަލަންޖެހޭ ކަންތައްތަކެއް ހުރި ކަމަށް ފެނިއްޖެ ނަމަ އެ މީހެއްގެ ސޯޝަލް މީީޑިއާގެ މައުލޫމާތު ވިސާ އެޕްލިކޭޝަނުގައި ހުށަހެޅުމަށެވެ.