03 ޖޫން 2019 - 08:21

ގިނަ ފިރިހެނުން އިސްތަށިގަނޑު އާންމުކޮށް ދިގުކުރަނީ ފެޝަނަކަށެވެ. އެކަމަކު ދުބާއީގެ މި 8 އަހަރުގެ ކުއްޖާ މިކަން ކުރާ ސަބަބު މުޅިން ތަފާތެވެ. އުމަރު މުހައްމަދު އަލް ހައްޖާޖް ބޮލުގެ އިސްތަށިގަނޑު ދިގު ކުރަމުން އަންނަނީ އުމުރުން އެންމެ ތިން އަހަރުން ފެށިގެންނެވެ.
މުހައްމަދުގެ އިސްތަށިގަނޑު ދިގު ކުރަނީ ކެންސަރު ބަލީގެ މީހުންނަށް އެހީވުމުގެ ގޮތުންނެވެ. އެގޮތުން އިސްތަށިގަނޑުން ކޮށާލާ ބައިތައް ހަދިޔާކުރާނީ ކެންސަރުގެ ބަލީގެ މީހުންނަށް މަސްނޫއީ އިސްތަށިގަނޑު ތައްޔާރުކުރާ ޗެރިޓީއަކަށެވެ.
ކެންސަރު ބައްޔަށް ދޭ ކީމޯތެރަޕީގެ ސަބަބުން އެ ބަލީގެ މީހުންގެ ބޮލުގެ އިސްތަށިތައް އެއްކޮށް ފައިބަ އެވެ. އެހެންވެ އުމަރު ބޭނުންވީ އެކަމާ ދެކޮޅަށް ކުރާ މަސައްކަތަކަށް އެހީވާށެވެ. އޭނާގެ މި ހާއްސަ މަސައްކަތާ އެކު ވަރަށް ގިނަ ބައެއްގެ ސަމާލުކަން ވެސް މިހާރު ވަނީ އުމަރަށް ހުއްޓިފަ އެވެ.
ބަޔަކަށް އެހީވުމުގެ މާތް މަގުސަދުގައި ކުޑަކުއްޖަކު އާދަޔާހިލާފު މަސައްކަތެއް ކުރާތީ އެކަމަށް ހިތްވަރު ދިނުމުގެ ގޮތުން ދުބާއީގެ އަމީރު ޝެއިހް މުހައްމަދި ބިން އަލް ނަހުޔާން އާއި އެ ގައުމުގެ ނައިބު ރައީސް/ބޮޑުވަޒީރު ޝެއިހް މުހައްމަދު ބިން ރާޝިދު އަލް މަޙްތޫމް ވެސް މިދިޔަ ހަފުތާގައި ވަނީ މުހައްމަދާ ބައްދަލު ކުރައްވައި ހިތްވަރު ދެއްވައިފަ އެވެ.
އެ ބައްދަލުވުމާ ބެހޭ ގޮތުން މުހައްމަދު ބުނީ އަމީރާއި ނައިސް ރައީސް ދެއްވި ހިތްވަރުން ވަރަށް އުފާވެރި އިހުސާސްތަކެއް ކުރެވިފައިވާ ކަމަށެވެ.
"އެ ބޭފުޅުން ވިދާޅުވި އަޅުގަނޑު މިކުރާ ކަމަކީ ބަރަކާތްލައްވާނެ މަސައްކަތެއް ކަމަށް. އަދި ބަޔަކަށް އެހީވުމުގެ ގޮތުން މިކަހަލަ ކަމެއް ކުރާތީ ވަރަށް ބޮޑަށް ހިތްވަރު ސާބަސް ދެއްވ. އެކަމާ ވަރަށް އުފާވި،" އުމަރު ބުންޏެވެ.
އަލްމަވާކޭބް ސްކޫލްގެ ގްރޭޑް 2 ގައި ކިޔަވަމުން އަންނަ އުމަރުގެ އިސްތަށިގަނޑުގެ ދިނުމުގައި މިހާރު ވެސް 17 އިންޗި އެބަ ހުއްޓެވެ. އަދި އޭނާއަކީ އިސްތަށިގަނޑު ވަރަށް ރަނގަޅަށް ބަލަހައްޓާ ވެސް ކުއްޖެކެވެ.
އުމަރަކީ އާއިލާގައި ތިބި ތިން ކުދިންގެ ތެރެއިން އެންމެ ހަގު ކުއްޖާ އެވެ. އޭނާގެ ދޮށްޓަށް ތިބެނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. އުމަރު ބުނި ގޮތުގައި އިސްތަށިގަނޑު ދިގުކޮށް، ކެންސަރު ބަލީގެ މީހުންނަށް ވިގު ހަދަން އިސްތަށި ހަދިޔާ ކުރަން ނިންމި އޭނާގެ ބޮޑުދައިތައަކު އެ ބަލީގެ ޝިކާރައަކަށްވި ހިސާބުންނެވެ.
އުމަރުގެ މަންމަ އަމީރާ ޔޫސުފް ހަލީޖް ޓައިމްސް އަށް ބުނީ އެއްބަނޑު އެއްބަފާ އަންހެނަކަށް ކެންސަރު ޖެހުނު ހިސާބުން ދަރިން އެހީވެވޭނެ ގޮތްތަކާ ބެހޭ ގޮތުން ސުވާލު ކުރަމުން ދިޔަ ކަމަށެވެ.
"އިސްތަށިގަނޑު ދިގުކުރަން އަހަރެން ދިން ލަފައަކަށް އުމަރު އެކަން ކުރަން ފެށީ. މިހާރު އޭނާގެ ބޮލުގެ އިސްތަށިގަނޑުގެ ދިގުމިނުގައި އެބައިން ސަތާރަ އިންޗި. ފިތުރު އީދަށް ފަހު، ބޯ ކޮށާލައި އިސްތަށި ޗެރިޓީއަކަށް ހަދިޔާ ކުރާނެ،" އޭނާ ބުންޏެވެ. "ދެން އަނެއްކާ ވެސް ހަމަ މިގޮތަށް އިސްތަށިގަނޑު ދިގު ކުރާނީ."
އަމީރާ ބުނި ގޮތުގައި ދަރިފުޅު ބޯ ދިގު ކުރާ ސަބަބު އޭނާ ކިޔަވާ ސްކޫލަށް މެނޭޖްމަންޓަށް ކިޔައި ދިނުމުން އެކަމަށް ވަރަށް ބޮޑަށް ހިތްވަރު ދީފައިވެ އެވެ.
"އެކަމަށްޓަކައި ސްކޫލަށް ވެސް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން،" އޭނާ ބުންޏެވެ.