ވިކްޓަރީ އަށް މި ސީޒަނުގައި ނުކުޅެވިދާނެ!
ވިކްޓަރީ އަށް މި ސީޒަނުގައި ނުކުޅެވިދާނެ!

ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބް ނިއު ރޭޑިއަންޓް ސަސްޕެންޑްކޮށްފައި އޮތުމުން މި ސީޒަނުގައި އެ ޓީމު ނުފެންނާނެކަން ޔަގީންވެފައިވަނިކޮށް، ވާދަވެރި ވިކްޓަރީ ސްޕޯޓްސް ކްލަބަށް ވެސް މުސާރައިގެ މައްސަލަތަކެއްގެ ސަބަބުން މި ސީޒަނުގައި ނުކުޅެވުމުގެ ބިރުބޮޑުވެއްޖެ އެވެ.

ވިކްޓަރީ އަށް މި ސީޒަނުގައި ނުކުޅެވިދާނެ!
ވިކްޓަރީ އަށް މި ސީޒަނުގައި ނުކުޅެވިދާނެ!

ވިކްޓަރީން މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގު ނިންމާލީ 16 މެޗުން ލިބުނު 10 ޕޮއިންޓާ އެކު ލީގުގެ އަށް ވަނައިގަ އެވެ. ވިކްޓަރީ އަށް 2016 ވަނަ އަހަރު ކުޅުނު ޖަޕާނުގެ މިޑްފީލްޑަރު ޝިމޯނޯ އަށް މުސާރަ ނުދީ އޮތް މައްސަަލައިގައި ފީފާގެ އެންގުމުގެ މަތިން ތިން ޕޮއިންޓް އުނިކުރިޔަސް ވިކްޓަރީގެ މަގާމަށް ބަދަލެއް ނާދެ އެވެ. އެއީ ނުވަ ވަނައިގައި އޮތް ބ. ފެހެންދޫ އަށް ލިބިފައިވަނީ ހަތަރު ޕޮއިންޓް ކަމަށްވާތީ އެވެ.

މިދިޔަ ތިން ވަރަކަށް އަހަރަށް ބަލާއިރު ވިކްޓަރީ އަކީ އެންމެ ގިނައިން ހިންގާ ބޯޑު ބަދަލުވި ޓީމެވެ. އެ ކްލަބްގެ ހިންގުމަށް މިހާރުގެ ޗެއާމަން މުހައްމަދު ނާޝިދު (ނާޝް) އިންތިހާބުވުމުގެ ކުރިން މިދިޔަ އަހަރުތަކުގައި އެ މަގާމު ފުރީ މިދިޔަ ސަރުކާރުގެ ސިޔާސީ ހަރަކާތްތަކުން ފާހަގަވި ފަރާތްތަކުންނެވެ. އޭގެ ތެރޭގައި މިދިޔަ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ނައިބަކަށް ހުރި މުހައްމަދު ނަޒީމް، ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލްގެ އިތުރުން ހަމަ އެ ދައުރުގެ ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އައްސަދު އެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ ވަރުގަދަ ބާރެއްގެ ގޮތުގައި ކުރިން އޮތް ވިކްޓަރީ 2012 ވަނަ އަހަރުގެ ފަހުން އޮތީ ވަރަށް ބޮޑަށް އަޑިއަޅާލައިފަ އެވެ. އެއް ފަހަރު ރެލިގޭޓްވުމާ ގާތަށް ދިޔައިރު، ފަހަކަށް އައިސް ވަނީ ރެލިގޭޝަން ޕްލޭއެފް ވެސް ކުޅެފަ އެވެ.

މިދިޔަ އަހަރު މުސާރަ ނުދެވި ތަފާތު މައްސަލަތަކެއް ކުރިމަތިވެ، ދެ މެޗަކަށް ވިކްޓަރީ ހާޒިރުނުވެދިޔައިރު، އެ ޓީމުގެ ހާލަތު ރަނގަޅު ކުރަން އެފްއޭއެމުން ލޯނެއް ވެސް ދިނެވެ. އެފްއޭއެމުން އޭރު ބުނީ ވިކްޓަރީ އަކީ ސަރުކާރު ކުންފުނިތަކުން ދިން ފައިސާ ބަރާބަރަށް ލިބުނު ކްލަބެއް ކަމަށާއި އެ ޓީމުން އޮތީ އެ ބޭނުންކުރުމުގައި އިހުމާލުވެފައި ކަމަށެވެ.

ޑިސެމްބަރު މަހު ވިކްޓަރީއާ ހަވާލުވުމަށް ފަހު ނާޝް ވިދާޅުވީ "ކްލަބް އޮތީ ވިއްސަކަށް ކުޅުންތެރިންނަށް 1.5 މިލިއަން ރުފިޔާ ދަރާފައި ކަމަށާއި އަމާޒަކީ ދަރަނިވެރިނުވެ ކްލަބް ހިންގުން" ކަމަށެވެ. އަދި ކުރިން ވިކްޓަރީ ހިންގި ފަރާތްތަކުން ކަންތައް ކޮށްފައިވާ ގޮތުން ކްލަބްގެ ހާލަތު އޮތީ ވަރަށް ބޮޑަށް ގޯސްވެފައިކަން ވެސް ފާހަގަކުރެއްވި އެވެ.

އޭގެ ފަހުން ވިކްޓަރީ ފެނުނީ އެފްއޭއެމްގެ މިހާރުގެ ލީޑަޝިޕްގެ އިތުބާރު ނެތްކަމުގެ މައްސަލަ ނަގައި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސެއް ބާއްވާށެވެ. އެކަމަކު ފީފާ އިން ވަނީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބޭއްވުމަށް އެފްއޭއެމްގެ ހިންގާގަވައިދުގައިވާ އަދަދު ހަމަނުވާ ކަމަށް ބުނެ، އެކަން ހުއްޓުވައިފަ އެވެ.

ފާއިތުވި އަހަރުތަކުގައި ވިކްޓަރީ އަށް ކުޅުނު ގިނަ ކުޅުންތެރިންނަށް މުސާރަ ނުުލިބޭތީ އެކަން ވަނީ އެފްއޭއެމަށާއި ފީފާ އަށް ހުށަހަޅައިފަ އެވެ. ވިކްޓަރީން ކުޅުންތެރިންގެ މުސާރަ ކަންތައްތައް ހަމަޖައްސަން މަސައްކަތް ކުރަމުން އައި ނަމަވެސް އަދި އޮތީ އެކަަމަށް އަލިމަގެއް ނުލިބި އެވެ. "މިހާރަ"ށް އެނގިފައިވާ ގޮތުގައި މުސާރަ ނުލިބިގެން އެފްއޭއެމްގެ ޕްލޭޔާ ސްޓޭޓަސް ކޮމިޓީ އަށް މައްސަލަ ހުށަހަޅާފައިވާ ކުޅުންތެރިންނާ ވިކްޓަރީން އަންނަނީ ބައްދަލުކުރަމުންނެވެ. އެކަމަކު އެ ކުޅުންތެރިންގެ މުސާރަ ހަމަޖެއްސުމުގެ ކަންތަކުގައި އަދި އެއްބަސްވުމަކަށް ނާދެވެ އެވެ.

އެފްއޭއެމްގެ މި ފަހަރުގެ ގަވައިދުގައިވާ ގޮތުން ލީގުގައި ވާދަކުރެވޭނީ އޭއެފްސީ ކްލަބް ލައިސަންސް ލިބޭ ޓީމުތަކަށެވެ. ވޭތުވެދިޔަ އަހަރުގެ ކުޅުންތެރިންގެ މުސާރަ ހަމަނުޖެއްސޭނަމަ ކްލަބް ލައިސަންސްގެ ކަންތައްތައް ފުރިހަމަނުވާނެ އެވެ. މިއަދަކީ އެކަން ކުރަން ވިކްޓަރީ އަށް ލިބިފައިވާ ފަހު ދުވަހެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ)"މިހާރަ"ށް ވިދާޅުވީ ކްލަބް ލައިސަންސް ނުލިބޭ ޓީމުތަކަށް ވާދަނުކުރެވޭނެކަން ކުރިން ވެސް ޓީމުތަކަށް އަންގާފައިވާނެ ކަމަށާއި އެފްއޭއެމުން އަމަލުކުރާނީ އެ ގޮތަށް ކަމަށެވެ.

"ވިކްޓަރީން މިއަދު ޖެހޭނެ ކްލަބް ލައިސަންސްގެ ކަންތައްތައް ފުރިހަމަކުރަން. އެކަން ފުރިހަމަކުރެވޭނީ ނިމިދިޔަ ސީޒަނުގެ ކުޅުންތެރިންގެ މުސާރަ ކަންތައްތައް ވެސް ނިންމައިގެން. ކްލަބް ލައިސަންސް ނުލައި އެއްވެސް ޓީމަކަށް ނުކުޅެވޭނެ. ކަނޑައެޅިފައި އޮތް މުއްދަތުގެ ތެރޭގައި ކުޅުންތެރިންގެ މުސާރަ ކަންތަކުގައި ވިކްޓަރީން އެބަޖެހޭ ކުޅުންތެރިންނާ އެކު އެއްބަސްވުމަކަށް އަންނަން،" ޖަވާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ބިދޭސީ ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަތަކެއް ހުރުމުން ފީފާ އިން ވެސް ވަނީ ވިކްޓަރީ އަށް އިންޒާރުދީފަ އެވެ. މިދިޔަ އަހަރު ވިކްޓަރީ އަށް ކުޅުނު ގިނަ ކުޅުންތެރިން ފުރައިގެންދިޔައީ މުސާރަ ނުލިބި އެވެ.

ސާޅީސް އަހަރަށް ފަހު ނިއު ނުލައި ފުޓްބޯޅަ ސީޒަނެއް މި ހަފްތާ ތެރޭގައި ފަށާއިރު، ރާއްޖޭގެ އެންމެ ކާމިޔާބު އަނެއް ކްލަބް ވިކްޓަރީ އަށް މި ފަހަރު ނުކުޅެވުމުގެ ބިރުވަނީ ބޮޑުވެފަ އެވެ. އަދި ވިކްޓަރީ އަށް ނުކުޅެވިއްޖެނަމަ މި އަހަރު ވެގެންދާނީ ދިވެހި ފުޓްބޯޅައިގެ ޒަމާންވީ ގަދަ ތިން ބާރު ނުލައި ފުޓްބޯޅަ ކުޅޭ އަހަރަކަށެވެ. ނިއު އާއި ވިކްޓަރީ ކުޅުންތެރިންނަށް ނުދެވި ހުރި މުސާރަ މައްސަލައިގައި ހާސްކަމެއްގެ ތެރޭގައި އޮތްއިރު، ކްލަބް ވެލެންސިއާ ވަނީ މިދިޔަ އަހަރު ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވެފަ އެވެ.

އަންނަ ހުކުރު ދުވަހު ޗެރިޓީ ޝީލްޑް މެޗުން ސީޒަން ފަށަން ތާވަލުކޮށްފައިވާއިރު، ލީގު ފަށަން ހަމަޖެހިފައިވަނީ މި މަހު 13 ވަނަ ދުވަހު އެވެ. މަޝްހޫރު ކުޅުންތެރިޔަކު ނެތި ގިނަ ޒުވާން ކުޅުންތެރިންތަކަކާ އެކު ވިކްޓަރީން މި ސީޒަނަށް ތައްޔާރުވަމުން އަންނަނީ ކުރީގެ ކުޅުންތެރިޔާ އަދި ކޯޗު މުހައްމަދު އާދަމްގެ އިރުޝާދުގެ ދަށުންނެވެ. ވިކްޓަރީ އަށް ނުކުޅެވިއްޖެނަމަ މި ފަހަރުގެ ސީޒަނުގައި ކުޅޭނީ އަށް ޓީމެވެ. އެއީ ޓީސީ، ފޯކައިދޫ، ނިލަންދޫ، ދަ ގްރާންޑޭ، އީގަލްސް، މާޒިޔާ، ގްރީން ސްޓްރީޓްސް އަދި ޔުނައިޓެޑް ވިކްޓަރީ އެވެ.