02 ޖޫން 2019 - 11:32

ސްރީ ލަންކާގެ ރިޔާސީ އިންތިހާބު ޑިސެމްބަރު 7 ގައި ބާއްވާނެ ކަމަށާއި އެކަމަކު އިންތިހާބު ވާދަކުރުމާ މެދު އަދި ގޮތެއް ނުނިންމަވާ ކަމަށް ރައީސް މައިތިރްޕަލަ ސިރިސޭނާ އިއްޔެ ވިދާޅުވެއްޖެ އެވެ.
"އަދި ސިޔާސީ އެއްވެސް ޕާޓީއަކުން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓެއް ކަނޑައެއް ނާޅާ. އަޅުގަނޑު ވެސް މިކަމުގައި މާ އަވަސްކޮށްލައިގެން އަދި ގޮތެއް ނިންމާކަށް ނެތިން،" އިންޑިއާގައި އޮތް ބައްދަލުވުމެއްގެ ހަވާސާގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ސިރިސޭނާ ވިދާޅުވި އެވެ.
އޭޕްރީލް މަހު ލަންކާގެ ބައެއް ފައްޅިތަކާއި ހޮޓާތަކުގައި ބޮން ގޮއްވައި އެތައް ބަޔަކު މަރުވި ހަމަލާތަކާ ގުޅިގެން ސިރިސޭނާ އަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ. އެއީ ހަމަލާ ދޭން އުޅޭ ކަމުގެ ޖާސޫސީ މައުލޫމާތު ލިބި އެކަމަކު ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް ނޭޅުމުންނެވެ. އެހެންވެ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ސިރިސޭނާ އަށް މި މައްސަލަ ކުރިމަތިވާނެ ކަމަށް ބެލެވެ އެވެ.
ސިރިސޭނާ ވިދާޅުވީ ހަމަލާ ދިން އިރު ހުންނެވީ ސިންގަޕޫރުގައި ކަމަށާއި ސަލާމަތީ ބާރުތަކުން އޭނާ އަށް ހަމަލާއާ ބެހޭ އެއްވެސް މައުލޫމާތެއް ކުރިން ދީފައި ނެތް ކަމަށެވެ.
"އަޅުގަނޑު އޭރު ހުރީ ސިންގަޕޫރުގައި. އިންޑިއާގެ ޖާސޫސީ އިދާރާތަކުން އޭޕްރީލް ހަތަރެއްގައި އޮތީ ހަމަލާއާ ބެހޭ ވަރަށް ތަފްސީލް ރިޕޯޓެއް ފޮނުވާފައި. ސަލާމަތީ ބާރުތަކުގެ ވެރިންގެ މެދުގައި އެކަމުގެ މައުލޫމާތު ބަދަލުކުރި. އެކަމަކު އޭޕްރީލް ހަތަރަކުން ސޯޅަ އަށް، އަދި އަޅުގަނޑު ފުރައިގެން ދިޔުމާ ހަމަޔަށް ވެސް އަޅުގަނޑަށް އެ މައުލޫމާތެއް ނުދޭ،" ސިރިސޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހަމަލާގެ މައުލޫމާތު ކުރިން އެނގިވަޑައިގެންނެވި ނަމަ ގައުމުން ބޭރަށް ވަޑައިނުގަންނަވާނެ ކަމަށެވެ. އަދި ވިދާޅުވީ ކަންތައް ހިނގި ގޮތް އެނގިވަޑައިގަތުމާ އެކު ޑިފެންސް މިނިސްޓަރާއި ފުލުހުންގެ ވެރިޔާ މަގާމުން ދުރުކޮށްފައި ވާނެ ކަމަށެވެ.
އޭޕްރީލް 21 ގައި ދިން ހަމަލާތަކުގައި 250 އަށް ވުރެ ގިނަ މީހުން މަރުވި އެވެ. މި ހަމަލާތައް ދިނީ ލަންކާގެ ނެޝަނަލް ތައުހީދު ޖަމާއަތުންނެވެ. އަދި އައިސިސް ޖަމާއަތުން ވަނީ މިއީ އެ މީހުންނާ ގުޅިގެން ދިން ހަމަލާއެއް ކަމަށް ބުނެފަ އެވެ.