އަކްޝޭއާ އެކު މަސައްކަތްކުރާ ހިތުން ނުވެސް ނުދޭ: ކެޓްރީނާ
އަކްޝޭއާ އެކު މަސައްކަތްކުރާ ހިތުން ނުވެސް ނުދޭ: ކެޓްރީނާ

ނުވަ އަހަރު ފަހުން އަކްޝޭ ކުމާރާ އެކު އަނެއްކާ ވެސް ފިލްމެއް ކުޅެން ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ބަތަލާ ކެޓްރީނާ ކެއިފް ބުނެފި އެވެ.

ސަލްމާން ހާން ފިޔަވައި، ކެޓްރީނާ ދެން އެންމެ ގިނަ ފިލްމުތައް އެކީގައި ކުޅުނު އެކްޓަރަކީ އަކްޝޭ އެވެ. އަދި މި ދެ ތަރިންގެ ޖޯޑަކީ ހިންދީ ސިނަމާގެ އެންމެ މަގުބޫލު އެއް ޖޯޑު ވެސް މެ އެވެ.

ކެޓްރީނާ އާއި އަކްޝޭ އެންމެ ފަހުން އެކީގައި ކުޅުނީ 2010 ގައި ފަރާ ހާން ގެނެސް ދިން "ތީސް މާރު ހާން" އެވެ. ދެ ތަރިން އެކީގައި ދެން ފެންނާނެ ފިލްމަކީ ރޯހިތު ޝެޓީގެ "ސޫރިޔާވަންޝީ" އެވެ.

"އަކްޝޭއާ އެކު މަސައްކަތް ކުރުމަކީ ހަމަ ހުވަފެނީ ކަމެއް. އޭނަ އަކީ އެހާމެ މޮޅު އަދި އެކީގައި މަސައްކަތް ކުރަން ވަރަށް ފަސޭހަ އެކްޓަރެއް،" ޖީކިއު 100 ބެސްޓް ޑްރެސްޑް 2019 އެވޯޑް ހަފުލާގެ ހަވާސާގައި ހޮނިހިރު ދުވަހުގެ ރޭ ކެޓްރީނާ ބުންޏެވެ. "އަކްޝޭއާ އެކު ސޫރިޔާވަންޝީގެ ޝޫޓިން ފަށާ ހިތުން މިހާރު ރޭގަނޑު ރަނގަޅަކަށް ނުވެސް ނިދޭ."

"ސޫރިޔާވަންޝީ" އަކީ ކަރަން ޖޯހަރާއި ރޯހިތު ޝެޓީ ޕިކްޗާޒް ގުޅިގެން ހަދާ ކޮޕް ޑްރާމާއެކެވެ. މި ފިލްމު ރިލީޒް ކުރާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ފިތުރު އީދުގަ އެވެ.

ކެޓްރީނާ މިހާރު އިންތިޒާރު ކުރަނީ ފިތުރު އީދު ދުވަހު ރިލީޒް ކުރާ "ބާރަތު" ބަލާފައި އޯޑިއަންސް ބުނާ އެއްޗަކަށެވެ.

"ފިލްމާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ. އަހަރެން މިހާރު ކެތްމަދުވެފައި މި ހުންނަނީ ބެލުންތެރިން ރިއެކްޝަން އަންނާނެ ގޮތެއް ބަލަން،" އޭނާ ބުންޏެވެ. "ބާރަތަކީ އަހަރެން ވަރަށް ބުރަކޮށް މަސައްކަތް ކުރި ފިލްމެއް."