04 ޖޫން 2019 - 06:47

މިހާރު ޝޫޓިން ކުރިއަށްދާ އަޔޫޝްމަން ކުރާނާގެ އާ ފިލްމު "ބާލާ" އަކީ އެހެން މީހެއްގެ ސްކްރިޕްޓްގެ ކޮންސެޕްޓް ކޮޕީކޮށްގެން ހަދާ ފިލްމެއް ކަމަށް ބުނެ އެ މައްސަލަ ބޮމްބޭ ހައި ކޯޓަށް ހުށަހަޅައިފި އެވެ.
މި މައްސަލާގައި ނުކުމެފައި ވަނީ އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ކަމަލް ކާންތު ޗަންދުރާ އެވެ. "ބާލާ" އަކީ ތަލަމުންދާ ފިރިހެނަކަށް ދިމާވާ ހާދިސާތަކެއް ކިޔައިދޭ ފިލްމެކެވެ.
ކަމަލް ބުނި ގޮތުގައި އެ ކޮންސެޕްޓަށް ފިލްމެއް ހަދަން ނިންމައި، އޭނާ ވަނީ "ވިގް" ގެ ނަމުގައި ސްކްރިޕްޓް ވެސް ކުރިން ރަޖިސްޓްރީކޮށްފަ އެވެ. ނަމަވެސް ދިނޭޝް ވިޖަން ޕްރޮޑިއުސްކޮށް، އަމަރު ކޯޝިކް ޑައިރެކްޓް ކުރާ "ބާލާ" އަކީ އޭނާގެ ކޮންސެޕްޓަށް ބިނާކޮށްގެން ހަދާ ފިލްމަކަށް ވާތީ އެ މީހުންނާ ދެކޮޅަަށް ދައުވާ ކުރަން ނިންމީ ކަމަށް ބުންޏެވެ.
ވިޖަން އާއި އަމަރުގެ އިތުރުން ކަމަލް ދައުވާކުރަނީ އަޔޫޝްމަންގެ މައްޗަށެވެ.
މި މައްސަލައިގެ ފުރަތަމަ އަޑު އެހުން މިދިޔަ އެޕްރީލް މަހުގެ 9 ވަނަ ދުވަހު ބާއްވާފައިވާ އިރު، ކަމަލް ބުނި ގޮތުގައި "ބާލާ" ގެ ޓީމުން އެ ދުވަހު ވަނީ ފިލްމު އޮތީ ސްކްރިޕްޓިން މަރުހަލާގައި ކަމަށް ބުނެ ދޮގު ވެސް ހަދައިފަ އެވެ. ނަމަވެސް ފިލްމުގެ ޝޫޓިން ކުރިއަށްދާތާ މިހާރު ދުވަސްތަކެއްވެއްޖެ ކަމަށާއި އޭނާގެ ކޮންސެޕްޓް "ވަގަށް ނަގައިގެން" އެހެން ބަޔަކަށް ފިލްމު ހެދިގެން ނުވާނެ ކަމަށް ބުންޏެވެ. އަދި އެކަން ހުއްޓުވައި ދޭން އޭނާ ވަނީ ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ.
މި މައްސަލައިގެ ދެވަނަ އަޑު އެހުން މި މަހުގެ 10 ވަނަ ދުވަހަށް ތާވަލުކޮށްފައިވާ އިރު، އަޔޫޝްމަންގެ ވަކީލު ވިދާޅުވީ ކަމަލް ދައްކާ ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. އަދި "ބާލާ" އަކީ އޮރިޖިނަލް ސްކްރީންޕްލޭއަކަށް ހަދާ ފިލްމެއް ކަމަށް ބުންޏެވެ.
މިދިޔަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "އިސްތިރީ" ގެނެސް ދިން އަމަރުގެ ދެވަނަ ޑައިރެކްޝަން "ބާލާ" ގެ ބަތަލާއިންނަކީ ބޫމީ ޕެޑްނޭކަރާއި ޔާމީ ގޯތަމެވެ. މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ ނޮވެމްބަރު މަހުގެ 22 ގަ އެވެ.