02 ޖޫން 2019 - 10:40

ސައޮ ޕައޮލޯ، ބްރެޒިލް (ޖޫން 2) - މިދިޔަ މަހު ޕެރިހުގައި ބްރެޒިލް އަންހެނެއް ރޭޕްކުރިކަމުގެ ތުހުމަތު ޕީއެސްޖީގެ ބްރެޒިލް ތަރި ނޭމާގެ މައްޗަށްކޮށް އެ މައްސަލަ ބްރެޒިލްގެ ފުލުހުން ބަލަން ފަށައިފި އެވެ.
ހުށަހެޅުނު މި މައްސަލައިވާ ގޮތުން ނޭމާއާ އެ އަންހެން މީހާއާ ދިމާވީ އިންސްޓަގްރާމުންނެވެ. އަދި ނޭމާ އެ އަންހެން މީހާ ޕެރިހަށް އައުމަށް ޓިކެޓް ނަގައިދިނުމަށް ފަހު އެ ދެ މީހުން ބައްދަލުކުރީ ޕެރިހުގައި ހުންނަ ހޮޓެލް ސޮފިޓެލްގަ އެވެ. މިދިޔަ މަހު 15 ވަނަ ދުވަހު ނޭމާ އެ އަންހެން މީހާއާ ބައްދަލުކުރަން ހޮޓަލަށް ދިޔައިރު ހުރީ މަސްތުގެ ހާލުގައި ކަމަށާއި ނޭމާ ވަނީ އެ ބައްދަލުވުމުގައި އެ އަންހެން މީހާ ރޭޕްކޮށްފައިކަމަށް އެ މައްސަލައިގައިވެ އެވެ.
އެ އަންހެން މީހާ އެ މައްސަލަ ޕެރިހުގެ ފުލުހުން ހުށަނޭޅީ އެ ވަގުތު ނަފްސާނީ ގޮތުން އަސަރުކޮށްފައި ހުުރުމުން ކަމަށާއި އެ ހާދިސާ ހިނގިތާ ދެ ދުވަސް ފަހުން ބްރެޒިލަށް ގޮސްފައިވާ ކަމަށް ފުލުހަށް ހުށަހެޅި ލިޔުމުގައި ބަޔާންކޮށްފައިވެ އެވެ.
މިކަމާ ބެހޭގޮތުން ރަސްމީ ސިފައެއްގައި ނޭމާ ވެސް އަދި އޭނާގެ އޭޖެންޓް ވެސް މީޑިއާގައި ވާހަކަ ދައްކާފައިނުވެ އެވެ. އެކަމަކު ބްރެޒިލްގެ ބޭންޑް ޓީވީ އަށް ދިން އިންޓަވިއުއެއްގައި ނޭމާގެ ބައްޕަ ނޭމާ ޑޮސް ސަންޓޯސް ބުނީ މިއީ ނޭމާގެ އަގުވައްޓާލަން ކުރެވެމުން އަންނަ ކަމެއް ކަމަށާއި މިކަން ހިނގާދިޔަ ގޮތް ސާފުކޮށްދޭން ޖެހޭ ހިސާބުން އެކަން ކުރާނެ ކަމަށާއި ނޭމާގެ ފޯނުގައި އެ އަންހެން މީހާ ފޮނުވާފައިވާ ވަޓްސަޕް މެސެޖުތައް ވެސް ދައްކާނެ ކަމަށެވެ.
ނޭމާ މިހާރު އަންނަނީ މި މަހު 14 ވަނަ ދުވަހު ބްރެޒިލްގައި ފަށާ ދެކުނު އެމެރިކާގެ ގައުމުތައް ވާދަކުރާ ކޮޕަ އެމެރިކާ މުބާރާތަށް ތައްޔާރުވަމުންނެވެ. އަހުލާގީ މައްސަލަތަކެއްގެ ސަބަބުން ބްރެޒިލްގެ ކެޕްޓަންކަން ނޭމާ އަތުން ނަގައި ތަޖުރިބާކާރު ފުލްބެކް ޑެނީ އަލްވޭސް އަށް ވަނީ ދީފަ އެވެ. ޕީއެސްޖީގައި ކުޅެނިކޮށް ހިނގާދިޔަ ކަންތައްތަކެއްގެ ސަބަބުން ނޭމާ އަށް ވަނީ ދެ ސަސްޕެންޝަނެއް އައިސްފަ އެވެ. އެއީ ޗެމްޕިއަންސް ލީގުގައި ރެފްރީ އަކަށް ފާޑުކިއުމުންނާއި ފްރެންޗް ކަޕް ފައިނަލަށް ފަހު ސަޕޯޓަރެއްގެ ގައިގައި ޖެހުމުންނެވެ.
ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ މައްޗަށް ކުރެވޭ ރޭޕްގެ ތުހުމަތެއްގެ މައްސަލަ މިހާރު ވެސް އަންނަނީ ބަލަމުންނެވެ. ރޮނާލްޑޯގެ މައްޗަށް ކުރެވެނީ 2009 ވަނަ އަހަރު ލަސް ވޭގަސްގައި އެމެރިކާގެ އަންހެނެއް ކަމަށްވާ ކެތަރިން މަޔޯގާ ރޭޕް ކުރިކަމުގެ ތުހުމަތެވެ. ރޮނާލްޑޯ ވަނީ އެކަން ދޮގުކޮށްފަ އެވެ. މި މައްސަލައިގައި ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.