05 ޖޫން 2019 - 08:02

އަންގާނުލައި ނުލައި ފިލްމުގެ ޕޯސްޓަރު ރިލީޒް ކުރުން ފަދަ ކަންކަމަކީ ފިލްމުގެ ޑައިރެކްޓަރަށް އިހުތިރާމު ނުކުރުން ކަމަށާއި އެފަދަ ޓީމަކާ އެކު މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށް ބުނެ، އަކްޝޭ ކުމާރުގެ "ލަކްޝްމީ ބޮމްބް" ދޫކޮށްލި ޑައިރެކްޓަރު ރަގަވާ ލޯރެންސް އަލުން އެ ފިލްމާ ހަވާލުވެއްޖެ އެވެ.
އޭނާ އަލުން ފިލްމާ ހަވާލުވީ އަންނަ އޮކްޓޯބަރު މަހު ރިލީޒްކުރާ އަކްޝޭގެ ކޮމެޑީ ފިލްމު "ހައުސްފުލް 4" ގެ ޑައިރެކްޓަރު ފަރުހާދު ސަމްޖީއާ ފިލްމު ހަވާލުކޮށްފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށެވެ. އޭނާއަކީ "ލަކްޝްމީ ބޮމްބް" ގެ ސްކްރީން ރައިޓަރު ވެސް މެ އެވެ.
އެކްޓަރެއްގެ ގޮތުގައި ވެސް މަޝްހޫރު ތަމަޅަ ޑައިރެކްޓަރު ރަގަވާ ކުރި ޓްވީޓެއްގައި ބުނީ އޭނާގެ އިހުސާސްތައް ދެނެގަނެ މައްސަލަތައް ހައްލުކޮށް ދޭން އަކްޝޭ އާއި ފިލްމުގެ ޕްރޮޑިއުސަރު ޝަބީނާ ހާން ކުރި ކޮށް ދިން މަސައްކަތަށް ޝުކުރު އަދާ ކުރާ ކަމަށާއި އޭގެ ސަބަބުން އޭނާ ބޭނުންވި އިހުތިރާމު ވެސް އަނބުރާ ލިބިއްޖެ ކަމަށެވެ.
"އެހެންވެ އަލުން ފިލްމާ ގުޅެން ނިންމައިފިން. އަދި ލަކްޝްމީ ބޮމްބްގެ ހިއްސާއަކަށްވުމަކީ އަހަންނަށް ލިބޭ އުފަލެއް،" ރަގަވާ ބުންޏެވެ.
މިދިޔަ އެޕްރީލް މަހުގެ ފަހުކޮޅު ޝޫޓިން ފެށި ހޮރޯ ކޮމެޑީ "ލަކްޝްމީ ބޮމްބް" އަކީ އޭނާ ކުޅެ، ޑައިރެކްޓް ކުރި ފިލްމު މުނި (ކަންޗަނާ) އަށް ބިނާކޮށް ހަދާ ފިލްމެކެވެ.
ކުއްލި ގޮތަކަށް ފިލްމުގެ ޑައިރެކްޝަން ދޫކޮށްލަމުން މިދިޔަ މަހުގެ 18 ވަނަ ދުވަހު ރަގަވާ ބުނީ "ލަކްޝްމީ ބޮމްބް" ގެ ފުރަތަމަ ޕޯސްޓަރު ވެސް ނެރުނީ އޭނާ ނޭނގި ކަމަށާއި އެއީ ޑައިރެކްޓަރެއްގެ ހައިސިއްޔަތުން އޭނާގެ ގަދަރު ކުޑަކޮށްލި އަދި ވަރަށް ހިތުގައި ޖެހުނު ކަމެއް ކަމަށެވެ.
އޭނާ ބުނި ގޮތުގައި ފިލްމު ދޫކޮށްލުމުގައި އިތުރު ސަބަބުތަކެއް ހުރި ނަމަވެސް އެ ވާހަކަތައް މީޑިއާތަކާ ހިއްސާ ކުރާކަށް ބޭނުމެއް ނޫނެވެ.
"އަހަންނަށް އިހުތިރާމެއް ނެތް ބަޔަކާ އެކީގައި މަސައްކަތެއް ނުކުރެވޭނެ. ތަމަޅަ ހަރު ބަހެއްގައި ވެސް އޮންނާނެ ތިމާ އަށް އިހުތިރާމެއް ނުލިބޭ ގެއަކަށް ނުވަންނާށޭ. އެ އުސޫލުގެ މަތިން އަހަރެން ފިލްމު ދޫކޮށްލީ،" އޭނާ ބުންޏެވެ.
އަކްޝޭއާ އެކު ކިއާރާ އަދުވާނީ ބަތަލާގެ ރޯލް ކުޅޭ "ލަކްޝްމީ ބޮމްބް" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ޖޫން، 5، 2020 ގަ އެވެ.
މި ފިލްމަކީ އަކްޝޭގެ ފިލްމު ކުންފުނި ކޭޕް އޮފް ގުޑް ފިލްމްސް ޕްރޮޑަކްޝަނާއި ޝަބީނާ އެންޓަޓައިންމަންޓާއި ތުޝާރު އެންޓަޓައިންމަންޓް ހައުސް އަދި ފޮކްސް ސްޓާ ސްޓޫޑިއޯ ގުޅިގެން ގެނެސްދޭ ފިލްމެކެވެ.