06 ސެޕްޓެމްބަރ 2016 - 08:56

ލާއޯސްއާ ދެކޮޅަށް މިރޭ ގައުމީ ފުޓްބޯޅަ ޓީމު ކުޅޭ މެޗަކީ ހުރިހާ ގޮތަކުން ވެސް މުހިއްމުކަން ބޮޑު މެޗެކެވެ. ޔޫއޭއީގައި 2019 ވަނަ އަހަރު އޮންނަ އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދުމަށް މިރޭ އަމިއްލަ ދަނޑުގައި ލާއޮސްއާ ދެކޮޅަށް ރަނގަޅު ނަތީޖާއެއް ނެރުން މުހިއްމެވެ.
ލާއޮސްގެ މައްޗަށް ދެ ލެގުން ކުރި ނުހޯދިއްޖެނަމަ ކުރިއަށް އޮތް ދެ އަހަރަށް ރާއްޖެ އަށް ބައިނަލްއަގްވާމީ ގިނަ މެޗުތަކެއް ކުޅުމުގެ ފުރުސަތު ގެއްލޭނެ އެވެ.
ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ގަލޮޅު ދަނޑުގައި ކުޅުނު މެޗުގައި ދަނޑު ފުރާލާފައި އޮތީ ބަންގްލަދޭޝް ސަޕޯޓަރުންނެވެ. އެ މެޗަށް ފަހު ގައުމީ ކޯޗު ސްޓެވާޓް ވަނީ ބަންގްލަދޭޝް ސަޕޯޓަރުންގެ ފަރާތުން ރާއްޖޭގެ ކުޅުންތެރިންނަށް ޕްރެޝަރު ބޮޑުވި ކަމަށް ބުނެފަ އެވެ. އަދި މިރޭގެ މެޗުގެ ކުރިން ދިވެހި ސަޕޯޓަރުންނަށް ސްޓެވާޓް ވަނީ މެސެޖެއް ދީފަ އެވެ.
"މި ޓީމަށް މީގެ ކުރިން ގިނަ ފާޑުކިއުންތައް އަމާޒުވެއްޖެ. އެކަމާ ކުރިމަތިލައިގެން މި ކުޅުންތެރިން އެދަނީ ކުޅުން ރަނގަޅުކޮށް ނަތީޖާ ނެރެން މަސައްކަތް ކުރަމުން. މި ކުޅުންތެރިން އެ ކުރާ މަސައްކަތަށް މިހާރު ބޭނުންވަނީ ސަޕޯޓަރުންގެ އެހީ. ކުޅުންތެރިން އެ ދެނީ ޖަވާބު ދެމުން. ސަޕޯޓަރުންގެ އެހީ ހައްގުވާ ވަރުގެ ކުޅުމެއް މި ކުޅުންތެރިން އެ ދަނީ ދައްކަމުން،" ސްޓެވާޓް ބުންޏެވެ.
ގައުމީ ޓީމު ވަނީ 2014 ވަނަ އަހަރު ރާއްޖޭގައި އޮތް އޭއެފްސީ ޗެލެންޖް ކަޕަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު މެޗުން ގަލޮޅު ދަނޑުގައި ލާއޮސް އަތުން 7-1 އިން މޮޅުވެފަ އެވެ. ސްޓެވާޓް ބުނީ އެ މެޗާއި މި ފަހަރުގެ ކުރިމަތިލުން މުޅިން ތަފާތު ކަމަށެވެ.
ލާއޮސް އާއި ރާއްޖެ މިރޭ ބައްދަލުކުރާ މެޗަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވެއްދުމަށް ޒުވާނުންތަކެއް އިސްނަގައިގެން އެފްއޭއެމާ ގުޅިގެން އަންނަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން މެޗު ޕްރޮމޯޓްކުރުމަށް މާލޭގެ އެކި ސަރަހައްދުގައި ފޮޓޯޝޫޓް ބާއްވައި އަދި ދަނޑުގައި ބޭނުންކުރުމަށް ބެނާ އާއި ދިދައިގެ އިތުރުން ސްކާފް އަންނަނީ ތައްޔާރުކުރަމުންނެވެ.