01 ޖޫން 2019 - 23:47

މާލޭގައި މަގެއްގެ އެއް ފަރާތުގައި ޕާކް ކޮށްފައި އޮތް ކާރެއްގެ ދޮރު ހުޅުވަނިކޮށް، ސައިކަލަކުން ޖެހި މީހަކަށް މިއަދު އަނިޔާވުމާ ގުޅިގެން އެ ކާރުގެ ޑްރައިވަރުގެ ލައިސަންސް ފުލުހުން ހިފަހައްޓައިފި އެވެ.
ފުލުހުން ބުނީ، ޖަނަވަރީ މަގުގައި މިއަދު ހަވީރު ހިނގި މި އެކްސިޑެންޓާ ގުޅިގެން، ކާރު ދުއްވަން އިން އުމުރުން 38 އަހަރުގެ ދިވެހި ފިރިހެންމީހާގެ ލައިސަންސް 48 ގަޑިއިރަށް ހިފަހައްޓާފައިވާ ކަމަށެވެ.
ސައިކަލް ދުއްވަނީ އިނީ އުމުރުން 39 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. އެ ބިދޭސީ މީހާގެ ކޮނޑު ހުޅަށް އަނިޔާވެ، ފައި މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މީހާ އަށް ސީރިއަސް އަނިޔާއެއް ނުވެ އެވެ. އަދި އޭޑީކޭ ހޮސްޕިޓަލް ގައި ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ.
މި އެކްސިޑެންޓު ހިނގި އިރު، ކާރާއި ސައިކަލް ދުއްވި ދެ މީހުންގެ އަތުގައި ވެސް ލައިސަންސް އޮތް ކަމަށް ފުލުހުން ބުންޏެވެ.
ޓެކްސީތަކާއި ކާރުތަކުން ފައިބާއިރު، ދެ ފަޅިން ދުއްވާ ސައިކަލްތަކަށާއި މީހުންނަށް ބެލުމެއް ނެތި ދޮރު ހުޅުވުމުން އެކި ވަރުގެ އެކްސިޑެންޓު ހިނގާފައިވެ އެވެ. އެހެންވެ، ބަލައިގެން ކާރުގެ ދޮރު ހުޅުވުމަށް ބައެއް ޑްރައިވަރުން ފަސިންޖަރުންނަށް އިލްތިމާސް ކުރެ އެވެ.