07 ސެޕްޓެމްބަރ 2016 - 06:41

ރޭގަނޑުގެ ވަގުތުތަކުގައި ކުރާ އޮޕަރޭޝަންތަކުގައި މަރުވުމުގެ ފުރުސަތު ދުވާލުގެ މަސައްކަތު ގަޑީގައި އޮޕަރޭޝަންކުރާ އޮޕަރޭޝަންތަކާ އަޅާބަލާއިރު ދެ ގުނަ އިތުރު ކަމަށް މުޅިން އާ ދިރާސާއެއް ބުނެފި އެވެ.
ހަވީރު ނުވަތަ ރޭގަނޑު ގަޑީގައި އޮޕަރޭޝަން ކުރާ މީހުން މަރުވެފައިވާ މިންވަރު މާ މަތިކަމަށް ކެނެޑާގެ މެކްގިލް ޔުނިވަސިޓީގެ ރިސާޗަރުން ބުނެފައިވެ އެވެ.
މި ދިރާސާގައި، އޭޕްރީލް 1، 2010 ން ފެށިގެން މިދިޔަ އަހަރުގެ މާޗް 31 ނިޔަލަށް ކޮށްފައިވާ ހުރިހާ އޮޕަރޭޝަންތަކެއްގެ ނަތީޖާއަށް ބަލާފައިވެ އެވެ. އަދި މި އޮޕަރޭޝަންތަކާ ގުޅޭ ޑޭޓާބޭސް އެއް ތައްޔާރުކޮށް އެއަށް މައުލޫމާތު އެއްކުރި އެވެ.
މި އެއްކުރި މައުލޫމާތުތަކުގެ ތެރޭގައި ލޮލުގެ އޮޕަރޭޝަންތަކާއި އައްސިކޮށްގެން ނުވަތަ އެނޫން ވެސް ލޯކަލް އެނެސްތީސިއާ ދީގެން މުޅިން ހޭ ނުނައްތާ ކޮށްފައިވާ އޮޕަރޭޝަންތަކެއް ނުހިމަނަ އެވެ.
މި ދިރާސާގައި މަސައްކަތު ދުވަހެއްގެ ވަގުތު ދެނެގަތުމަށް މަސައްކަތު ދުވަހެއްގެ ވަގުތު ބަހާލީ ތިން ބަޔަކަށެވެ. ދުވާލުގެ ގަޑިތަކަކީ ހެނދުނު 7:00 އިން ހަވީރު 3:29 އަށެވެ. ހަވީރުގެ ގަޑިތަކަކީ ހަވީރު 3:30 އިން ރޭގަނޑު 11:29 އަށެވެ. ރޭގަނޑުގެ ގަޑިތަކަކީ 11:30 އިން ހެނދުނު 7:30 އަށެވެ.
މި ދިރާސާގައި 40،044 ފަހަރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ 33،942 ބަލި މީހެއްގެ 41،716 އިލެކްޓިވް އަދި އިމަޖެންސީ ސާޖަރީތައް ހިނގި ގޮތާ ބެހޭ މައުލޫމާތު އެއްކުރި އެވެ.
މީގެ ތެރެއިން 10،480 ބަލިމީހުންގެ ކޮށްފައި ވަނީ ހޭނައްތައިގެން ކުރި އިމަޖެންސީ އޮޕަރޭޝަން ތަކެވެ. އެގޮތުން ހެނދުނުގެ ގަޑިކަމަށް ކަނޑައަޅާފައިވާ ގަޑީގައި 3،445 މީހުންގެ އޮޕަރޭޝަން ކުރިއިރު ހަވީރު ގަޑީގައި 4،951 މީޙުންގެ އޮޕަރޭޝަންކުރި އެވެ. އަދި ރޭގަނޑު 2،084 މީހުންގެ އޮޕަރޭޝަން ކޮށްފައި ވެއެވެ.
މި މީހުންގެ ތެރެއިން ދުވާލު އޮޕަރޭޝަން ކުރި މީހުން ނިސްބަތުން މަރުވެފައިވާ މިންވަރު މަދެވެ. އަދި ހަވީރު ގަޑީގައި ކުރި މީހުންގެ ތެރެއިން ނިސްބަތުން މަރުވި މީހުން އިތުރުވެފައި ވާއިރު ރޭގަނޑު ގަޑީގައި ކުރި މީހުން މާ ގިނައިން މަރުވެފައިވާކަން ފާހަގަކުރެވިފައިވެ އެވެ.
ރިސާޗަރުން ބުނަނީ މިކަން މިގޮތަށް މެދުވެރިވެދާނެ ބައެއް ސަބަބުތަކުގެ ތެރޭގައި ހޭނެއްތުމާއި އޮޕަރޭޝަން ކުރާ ވަގުތުގައި އެ ޚިދުމަތް ދޭން ތިބޭ މީހުން މާ ބޮޑަށް ވަރުބަލިވެފައި ތިބުމާއި ރޭގަނޑު ގަޑީގައި ހޮސްޕިޓަލުތަކަށް ދިމާވާ މުވައްޒަފުން މަދުވުމުގެ މައްސަލަ އާއި ފަރުވާ ދެވޭލެއް ލަސްވުން (މިސާލަކަށް އޮޕަރޭޝަން ކުރާ ޓޭބަލް ނުލިބިގެން ވާ ލަސް)، ނުވަތަ އޮޕަރޭޝަން ކުރުން ލަސް ކުރެވޭ ވަރަށް ވުރެ މާ ސީރިއަސް މީހުން ރޭގަނޑު ގަޑީގައި އޮޕަރޭޝަން ކުރަން ޖެހުން ހިމެނޭ ކަމަށް ވެސް މި ދިރާސާ ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.