01 ޖޫން 2019 - 17:03

ސެވިލް، ސްޕެއިން (ޖޫން 1) - އާސެނަލާއި ރެއާލް މެޑްރިޑަށް ކުރިން ކުޅުނު ސްޕެއިންގެ ވިންގާ ހޯސޭ އެންޓޯނިއޯ ރެޔެސް ކާރު އެކްސިޑެންޓެއްގައި މިއަދު މަރުވެއްޖެ އެވެ.

ރެޔެސްގެ އެންމެ ފުރަތަމަ ކްލަބް ސެވިއްޔާ އިން ބުނީ އުމުރުން 35 އަހަރުގެ ރެޔެސް މަރުވީ ސްޕެއިނުގެ ޔުޓްރީރާ ސަރަހައްދުގައި މިއަދު ހިނގާފައި ނުރައްކާތެރި އެކްސިޑެންޓެއްގައި ކަމަށެވެ. ރެޔެސް ކުޅެމުން އައީ ސްޕެއިނުގެ ދެ ވަނަ ޑިވިޝަނުގެ އެކްސްޓްރަމަޑޫރާ އަށެވެ.
ސެވިއްޔާ އިން ނެރެނު ބަޔާނުގައި ބުނެފައިވަނީ މި އުނދަގޫވަގުތުގައި ރެޔެސްގެ އާއިލާ އާއި ރަހުމަތްތެރިންނާ އެކުގައިވާ ކަމަށެވެ.
އުމުރުން އެންމެ 16 އަހަރުގައި ސެވިއްޔާ ސީނިއާ ޓީމަށް ކުޅެ އެ ކްލަބްގެ ތާރީހުގައި އެ ޓީމަށް މެޗެއް ކުޅެދިން އެންމެ ޒުވާން ކުޅުންތެރިޔާ ރެޔެސް ބޮޑަށް ފާހަގަވާން ފެށީ 2004 ވަނަ އަހަރުގެ ޖެނުއަރީ މަހު އާސެނަލަށް ބަދަލުވި ހިސާބުންނެވެ. އާސެނަލުން މެޗަކުން ބަލިނުވެ ލީގު ހޯދި ސީޒަނުގައި ރެޔެސް ވަނީ ކުޅެފަ އެވެ.
އާސެނަލް ދޫކޮށް 2006 ވަނަ އަހަރު ރެއާލަށް ކުޅުމަށް ފަހު އޭގެ ޖެހިގެން އައި ސީޒަނުގައި ރެޔެސް ފެނުނީ ރެއާލުގެ ވާދަވެރި އެތުލެޓިކޯ އިންނެވެ. އެ ޓީމުގައި ތިން އަހަރު ހޭދަކުރުމަށް ފަހު ފުޓްބޯޅަ ކެރިއަރު ފެށި ސެވިއްޔާ އަށް ބަދަލުވީ 2012 ވަނަ އަހަރު އެވެ. އެ ޓީމަށް ހަތަރު އަހަރު ކުޅެދިނުމަށް ފަހު އެސްޕަންޔޯލަށް ވެސް ވަނީ ކުޅެފަ އެވެ.
އޭގެ ފަހުން ސްޕެއިނުގެ ކޯޑޯބާ އާއި ޗައިނާގެ ޒިއަންޖިއާން ޓިއަންޝަން އަށް ކުޅުމަށް ފަހު މިހާރު ކުޅެމުން އައންނަ އެކްސްޓްރަމަޑޫރާ އަށް ބަދަލުވީ މި އަހަރުގެ ޖެނުއަރީ މަހުގަ އެވެ.
ސްޕެއިނުގެ 16، 19 އަދި 21 އަހަރުން ދަށުގެ ގައުމީ ޓީމަށް ވެސް ކުޅުނު ރެޔެސް ވަނީ ސްޕެއިނުގެ ސީނިއާ ޓީމަށް 21 މެޗު ކުޅެދީ ހަތަރު ގޯލު ކާމިޔާބުކޮށްފަ އެވެ. އޭނާ އަކީ އުނާއި އެމެރީގެ ކޯޗުކަމުގައި ސެވިއްޔާ އިން ޖެހިޖެހިގެން ތިން ފަހަރު ޔޫރޮޕާ ލީގު ކާމިޔާބުކުރި ޓީމުގެ މުހިއްމު ކުޅުންތެރިޔެކެވެ. އަދި ރެއާލާ އެކު 2007 ވަނަ އަހަރުގެ ސްޕެނިޝް ލީގު ވެސް ކާމިޔާބުކުރި އެވެ.