01 ޖޫން 2019 - 16:14

މިދިޔަ މެއި މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ދިން ރިސޯޓަކަށް ވެލާ ޕްރައިވެޓް އައިލެންޑް ވެއްޖެ އެވެ.
މިދިޔަ މަސް ނިމުނު އިރު އެ ރިސޯޓުުން ވަނީ ސާވިސް ޗާޖުގެ ގޮތުގައި 1،509.98 ޑޮލަރު (23،283.89ރ) ދީފައިވެ އެވެ. މިއީ އޭޕްރިލް މަހު އެ ރިސޯޓުން ދިން ސާވިސް ޗާޖަށް ވުރެ ބޮޑު އަދަދެކެވެ. އޭޕްރިލް މަހު ވެލާ އިން ދިނީ 1،434.98 ޑޮލަރު (22،127.39ރ) އެވެ.
އޭޕްރިލް މަހާ އަޅާބަލާއިރު ބައެއް ރިސޯޓުތަކުން ސާވިސް ޗާޖު ދީފައިވާ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެގޮތުން ޝެވަލް ބްލާންކް ރަންދެލިން އޭޕްރިލް މަހު 2،406 ޑޮލަރު (37،104ރ) ދިން ނަމަވެސް މިދިޔަ މަހު ދިނީ 1،062 ޑޮލަރު (16،375ރ) އެވެ.
މީގެ އިތުރުން ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުން ދިން ސާވިސް ޗާޖުގެ އަދަދު ވެސް ވަނީ މިދިޔަ މަހު ދަށްވެފަ އެވެ. އޭޕްރިލް މަހު އެ ރިސޯޓުން 1،494 ޑޮލަރު (23،037ރ) ދިން އިރު މިދިޔަ މަހު ދިނީ 926 ޑޮލަރު (14،279ރ) އެވެ.
ރާއްޖޭގައި އޮޕަރޭޓް ކުރާ 146 ރިސޯޓު އޮތް އިރު ސާވިސް ޗާޖް ދިން ކަމަށް މޯލްޑިވްސް ސާވިސް ޗާޖް ވެބްސައިޓަށް މައުލޫމާތު ފޮނުވާފައިވަނީ އެންމެ 52 ރިސޯޓަކުންނެވެ.
ރާއްޖޭގެ ރިސޯޓުތަކުން ސާވިސް ޗާޖުގެ ގޮތުގައި އެވްރެޖްކޮށް 10 ޕަސެންޓް ނަގަ އެވެ. އޭގެ ތެރެއިން ބަހަނީ އެކި މިންވަރަށެވެ. ގިނަ ރިސޯޓްތަކުން ސާވިސް ޗާޖުގެ ގޮތުގައި ބަހާ މިންވަރު އޮންނަނީ ސިއްރުކޮށްފަ އެވެ.
ސާވިސް ޗާޖުގެ ގޮތުގައި ބަހާ މިންވަރު އާއްމުކުރާ ވެބްސައިޓްގައިވާ މައުލޫމާތުތަކަކީ ރިސޯޓުތަކުގެ މެނޭޖްމަންޓުން ހިއްސާކުރާ މައުލޫމާތެއް ނޫނެވެ. އެ މައުލޫމާތު ދެނީ އެ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނެވެ.