އަމީތާބާއި އާމިރު ޚާން އެކުގައި ފުރަތަމަ ފަހަރަށް ފިލްމެއް ކުޅެނީ
އަމީތާބާއި އާމިރު ޚާން އެކުގައި ފުރަތަމަ ފަހަރަށް ފިލްމެއް ކުޅެނީ

ބޮލީވުޑްގެ އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރޭގައި ހިމެނޭ އަމީތާބް ބައްޗަން އާއި އާމިރު ޚާން ފުރަތަމަ ފަހަރަށް އެއް ފިލްމަކުން ފެންނާނެ ދުވަސް ވަރަށް ކައިރިވެއްޖެ އެވެ.

ޔާޝްރާޖް ފިލްމްސްގެ "ތަގް" ގައި ބައިވެރިވާ ތަރިންނާ ބެހޭ ގޮތުން ތަފާތު އަޑުތައް ފެތުރެމުން އައިސް އެންމެ ފަހުން މިހާރު ވަނީ އާމިރު އާއި އަމީތާބު އެ ފިލްމުގައި ބައިވެރިވާކަން ޔަގީންވެފަ އެވެ.

އިންޑިއާގެ ނޫހަކަށް ދީފައިވާ އިންޓަވިއުއެއްގައި އަމީތާބު ވަނީ "ތަގް" ގައި އޭނާއާ އެކު އާމިރު ބައިވެރިވާކަމަށް ބުނެފަ އެވެ. އަމީތާބު ބުނެފައިވާ ގޮތުގައި އާމިރާ އެކު ފިލްމެއް ކުޅެލަން ލިބުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެކެވެ. އަދި ފިލްމުގެ މަސައްކަތް ފެށޭނެ ދުވަހަކަށް އޭނާ އިންތިޒާރު ކުރަމުން އަންނަ ކަމަށް އަމީތާބު ބުނެފައިވެ އެވެ. މި ފިލްމާ ބެހޭ ގޮތުން މާ ގިނަ ވާހަކަ ދެއްކުމުގެ ހުއްދައެއް ނެތް ކަމަށް ވެސް އަމީތާބު ބުންޏެވެ.

އަމީތާބު ބުނި ގޮތުގައި އެ ފިލްމުގެ ނަމަކަށް މިވަގުތު "ތަގް" ކީ ނަމަވެސް ފިލްމުގެ ނަން ބަދަލުވުމުގެ ފުރުސަތު އެބަ އޮތެވެ.

މި ފިލްމުގައި އާމިރު އަދާކުރަން ހަމަޖެހުނު ރޯލު ފުރަތަމަ ހުށަހެޅީ ރިތިކް ރޯޝަން އަށެވެ. ނަމަވެސް އޭނާ އެއްބަސް ނުވުމުން އާމިރަށް ފިލްމު ލިބުނީ އެވެ.

"ކޮންފެޝަން އޮފް އަ ދަގް" ކިޔާ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމުގެ ޑައިރެކްޓަރަކީ "ދޫމް 3" ގެ ވެސް ޑައިރެކްޓަރު ވިޖޭ ކްރިޝްނާ އަޗާރިޔާ އެވެ.

ބޮލީވުޑް ޚަބަރުތައް ބުނާ ގޮތުގައި މި ފިލްމު ޔާޝްރާޖް ފިލްމްސް އިން ރަސްމީކޮށް ވަރަށް އަވަހަށް އިއުލާންކުރަން ވަނީ ހަމަޖެހިފަ އެވެ. އަދި ފިލްމުގެ މަސައްކަތް ފަށަން ހަމަޖެހިފައިވަނީ އަންނަ އަހަރު އެވެ.

އަމީތާބު މިވަގުތު އުޅެނީ އޭނާގެ އަލަށް ރިލީޒްވާން ތައްޔާރުވަމުންދާ ފިލްމު "ޕިންކް"ގެ ޕްރޮމޯޝަން މަސައްކަތުގަ އެވެ. އާމިރު ޚާން މިހާރު ކުރަނީ "ޑަންގަލް"ގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތެވެ.