02 ޖޫން 2019 - 08:28

މި އަހަރު ބާއްވާ މިސް އިންޑިއާ މުބާރާތަށް ހޮވާފައި ވަނީ އެއް ސިފައެއްގެ މީހުން ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.
މުބާރާތަށް ފައިނަލް ކުރި 30 ބައިވެރިންގެ ފޮޓޯތައް ދައްކާލުމާ އެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ބުނެފައި ވަނީ "މި ފަހަރުގެ މުބާރާތުގައި ތިބީ ކްލޯންކޮށްފައި ތިބި އަންހެނުން" ކަމަށެވެ.
އެގޮތުން ހުރިހާ ބައިވެރިންނަކީ ވެސް ހަމުގެ ކުލަ އަލި އިސްތަށިގަނޑު ވެސް ދާދި އެއްކަހަލަ ގޮތަކަށް ތިބި މީހުންނެވެ. އެހެންވެ މި އަހަރުގެ މިސް އިންޑިއާ މުބާރާތް ގިނަ ބަޔަކު ސިފަކުރަނީ "މުޅިން ވެސް އެއްވައްތަރު ޖަހާ މީހުން ވާދަކުރާ" މުބާރާތެއްގެ ގޮތުގަ އެވެ.
މީގައި މައްސަލައަކަށް ވަނީ އިންޑިއާ އަކީ ހަމުގެ ކުލަ އަށް ބަލައިފައި ވަރަށް ބޮޑު ތަފާތު ކުރުންތަކެއް ގެންގުޅޭ ގައުމެއް ކަމަށް ލޭބަލް ކުރެވިފައި އޮތުމެވެ. އަދި އެކަމާ ދެކޮޅަށް މަސައްކަތްތަތަކެއް ކުރަމުން ދިޔަ ނަމަވެސް "މިސް އިންޑިއާ" ފަދަ މުބާރާތްތަކުން "ޑައިވަސިޓީ" ނުފެންނަކަން ގިނަ ބަޔަކު ފާހަގަކުރެ އެވެ.
ދެވަނަ އަށް އެންމެ ބޮޑު އާބާދީއެއް އޮތް ގައުމުގެ ރީތީގެ މުބާރާތަކުން، ހަމުގެ ކުލަ އަލި ނޫން ބައިވެރިންނަށް ފުރުސަތުތައް ފަހިވާނެ ގޮތަށް ކަންކަން އިންތިޒާމު ކުރެވިފައި ނުވުމާއި ހަމުގެ ކުލަ އަލި ނޫން މީހުންނަކީ މާ ދަށް ބައެއްގެ ގޮތުގައި ސިފަކުރުން ނިމުމަމަށް ގެންނަން ކުރަންޖެހޭ މަސައްކަތް މިކަމުން ވެސް ފާހަގަވާ ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ. އިންޑިއާ އަކީ ހަމުގެ ކުލަ އަލިކޮށްދޭ ކަމަށް ބުނާ ކްރީމް ވެސް އެންމެ ފުޅާކޮށް އިޝްތިހާރު ކުރާ އެއް ގައުމެވެ. މި ކަމުގައި ޝާހްރުކް ހާން ފަދަ ނުފޫޒު ގަދަ އެކްޓަރުންގެ ދައުރު ވެސް ބޮޑެވެ.
އަނެއްކޮޅުން މި ފަހަރުގެ މުބާރާތަށް ފައިނަލް ކުރި 30 ބައިވެރިން ހޮވުމުގައި ޖަޖުން ގެންގުޅުނު އުސޫލުތަކަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ. އަދި ކުލަ އަލި މީހުންނަށް އެކަނި "މިސް އިންޑިއާ" ކަހަލަ މުބާރާތްތަކުން ފުރުސަތު ލިބޭ ނަމަ، އެކަމަކީ އަދިވެސް އިންޑިއާ ވަރަށް ފަހަތުގައި އުޅޭކަން ހާމަކޮށްދޭ ކަމެއް ކަމަށް ބައެއް ގްރޫމިން އެކްސްޕާޓުން ވެސް ބުނެފައި އެވެ.
މި އަހަރު ބާއްވާ 56 ވަނަ ފެމިނާ މިސް އިންޑިއާ މުބާރާތަށް ފާޑުކިޔުންތައް އަމާޒުވި ނަމަވެސް މިކަމާ ބެހޭ ގޮތުން އެ މުބާރާތް އިންތިޒާ ކުރާ ފަރާތުން އެެއްވެސް ވާހަކައެއް ނުދައްކަ އެވެ.
މި އަހަރުގެ މިސް އިންޑިއާ ހޮވުން އޮންނާނީ މި މަހުގެ 15 ވަނަ ދުވަހު އެވެ. އެ މަގާމަށް ހޮވޭ މީހަކު ވެގެން ދާނީ މި އަހަރުގެ މިސް ވޯލްޑް މުބާރާތުގައި އިންޑިއާ ތަމްސީލު ކުރާނެ ބައިވެރިޔާއަށެވެ.