ނޯތު ކޮރެޔާއިން އެ ގައުމުގެ މަންދޫބު އަވަހާރަކޮށްލީތަ؟
ނޯތު ކޮރެޔާއިން އެ ގައުމުގެ މަންދޫބު އަވަހާރަކޮށްލީތަ؟

ނޯތު ކޮރެޔާ އާއި އެމެރިކާއާ ދެމެދު ބޭއްވި އެކަމަކު ނާކާމިޔާބުވި ސަމިޓްގައި ބައިވެރިވެވަޑައިގަންނެވި އޮފިޝަލުން މަގާމުން ދުރުކުރުމުގެ ބައެއްގެ ގޮތުން ނިއުކްލިއަ މަންދޫބަށް މަރުގެ އަދަބު ދިން ވާހަކަ މީޑިއާގައި ވަނީ ފެތުރިފަ އެވެ.

ނޯތު ކޮރެޔާއިން އެ ގައުމުގެ މަންދޫބު އަވަހާރަކޮށްލީތަ؟
ނޯތު ކޮރެޔާއިން އެ ގައުމުގެ މަންދޫބު އަވަހާރަކޮށްލީތަ؟

އެކަމަކު ބީބީސީ ކަހަލަ ދުނިޔޭގެ ބައެއް ބޮޑެތި މީޑިއާތަކުން ބުނާ ގޮތުގައި ނޯތު ކޮރެޔާއާ ބެހޭ ގޮތުން ފެތުރޭ އެކަހަލަ ހަބަރުތަކާ މެދު ފުންކޮށް ވިސްނަން ޖެހެ އެވެ. ކަމުގެ ހަގީގަތް ހޯދަން އުނދަގޫ ވިޔަސް، ވަރަށް ގިނަ ފަހަރަށް އެފަދަ އަޑުތައް ނުބައި ހަބަރަށް ވެސް ވެފައި އެބަ ހުއްޓެވެ.

ނޯތު ކޮރެޔާގެ އެތެރޭގެ ކަންކަމާ ބެހޭ ގޮތުން ރަނގަޅު މައުލޫމާތު ލިބޭތޯ ސައުތު ކޮރެޔާ އިން އަބަދުވެސް މަސައްކަތްކުރެ އެވެ. އެގޮތުން ސަރުކާރުގެ ގިނަ ބަޔަކު ވަޒީފާ އިން ދުރުކުރާ ވާހަކަތައް މީގެ ކުރިން ސައުތު ކޮރެޔާގެ މީޑިއާ އާއި ސަރުކާރުން ވެސް ފެތުރި އެވެ. އެކަމަކު މަރާލި ކަމަށް ބުނާ އޮފިޝަލުން ދެން ފެންނަނީ އުތުރު ކޮރެޔާގެ ކިމް ޖޮންގް-އުންއާ ޖެހިގެން ހުއްޓަ އެވެ.

މިފަހަރު ފެތުރިގެން އުޅޭ ހަބަރު ފުރަތަމަ އާންމުކުރީ ސައުތު ކޮރެޔާގެ ނޫހަކުންނެވެ. އެންމެ މަސްދަރަކަށް ނިސްބަތްކޮށް އެ ނޫހުން ބުނި ގޮތުގައި ނޯތު ކޮރެޔާ އިން އެމެރިކާއަށް ކަނޑައެޅި މަންދޫބު އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ކިމް ޖޮންގް-އުންގެ ސަމިޓްގެ ކުރިން ބޭއްވި ވާހަކަތަކުގައި އިސްކޮށް ހުންނެވި ކިމް ހަޔޮކް-ޗޮލް ވަނީ އަވަހާރަކޮށްލައިފަ އެވެ. އޭނާ އަވަހާރަކޮށްލީ ވެރިރަށް ޕިޔޮންގްޔަންގުގެ އެއާޕޯޓްގައި ކަމަށް ވެސް ނޫހުން ބުންޏެވެ.

އެ ނޫހުން ބުނި ގޮތުގައި އޭނާއާ އެކު ފޮރިން މިނިސްޓްރީގެ އިތުރު ހަތަރު އޮފިޝަލަކު ވެސް އެ ވަގުތު މަރާލި އެވެ. އެގޮތަށް ކަންތައްކުރީ އެމެރިކާ އަށް ޖާސޫސް ކޮށްދިނުމާއި ދެ ގައުމުގެ ދެމެދު ދެއްކި ވާހަކަތަކުގެ ފުރިހަމަ މައުލޫމާތު ނޯތު ކޮރެޔާ އަށް ނުދިނުމުގެ އިތުރުން އެމެރިކާގެ ނިޔަތް ރަނގަޅަށް ދެނެނުގަތުމުން ކަމަށްވެ އެވެ.

އޮފިޝަލުންތަކެއް އަވަހާރަކޮށްލުމުގެ އިތުރުން އެހެން ހަބަރެއް ވެސް ވަނީ ފެތުރިފަ އެވެ. އެއީ ލީޑަރު ކިމް ޖޮންގް-އުންގެ ވަރަށް އަރިސް ބޭފުޅެއް ކަމަށްވާ ކިމް ޔޮންގް-ޗޮލް، އިސްލާހީ ޚާއްސަ ކޭމްޕަކަށް ފޮނުވި ކަމަށް ބުނާ ހަބަރެވެ. ޔޮންގް-ޗޮލް އަކީ ސަމިޓްގެ ކުރިން އެމެރިކާގެ ވެރިރަށް ވޮޝިންޓަނަށް ނޯތު ކޮރެޔާ އިން ފޮނުވި އެންމެ އިސް ބޭފުޅެވެ.

މި ހަބަރުތައް ހަގީގަތަކަށް ވުން ވެސް އެކަށީގެންވެ އެވެ. ފެބްރުއަރީގައި ބޭއްވި ސަމިޓަށް ފަހު މި އޮފިޝަލުން އާންމުންގެ ލޯމަތިން ވަނީ ގެއްލިފަ އެވެ. ސަމިޓާ މެދު ކިމް ޖޮންގް-އުން ހިތްހަމަޖެހިވަޑައެއް ނުގަންނަވަ އެވެ. އެހެންކަމުން ކޮންމެވެސް މީހަކަށް އެ ބަދަނާމުގެ ފޫޅުކަނޑަށް އޭނާ ބޭނުންވާނެ އެވެ.

އެމެރިކާއާ އެކު ދެއްކި ވާހަކަތަކުން ކިމް ބޭނުންވި ނަތީޖާއެއް ނުނެރެވެ އެވެ. އެހެންކަމުން އޭނާއަށް ވަނީ ޕްރެޝަރު ވެސް ބޮޑުވެފަ އެވެ. އިގުތިސާދީ ގޮތުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތައެއް ނުލެވުނެވެ. ދެ ގައުމުގެ ވާހަކަތައް ވަނީ ހުއްޓިފަ އެވެ. އެހެންކަމުން އެ ހުރިހާ ކަމެއްގެ ޒިންމާ ކޮންމެވެސް މީހަކު ނަގަން ޖެހޭނެ ކަމަށް ނޯތު ކޮރެޔާ އިން ވިސްނަފާނެ އެވެ.

ނޯތު ކޮރެޔާގެ ރަސްމީ ނޫހުގެ އެޑިޓޯރިއަލްގައި، ޝައްކު އުފެދޭ ފަދަ ވާހަކަތަކެއް ލިއެފައިވެ އެވެ. އެގޮތުން ގައުމަށް ގައްދާރުވި މީހުންނާއި ޕާޓީއާ ދެކޮޅު ހަރަކާތް ހިންގި މީހުންގެ ވާހަކަ، ވަކި ބަޔަކަށް ނިސްބަތްނުކޮށް ލިއުނެވެ.

ކިމް ޖޮންގް-އުން ވަނީ މީގެ ކުރިން އޭނާގެ އަރިސް ބައެއް ބޭފުޅުން ވެސް އަވަހާރަކޮށްލައިފަ އެވެ. އެގޮތުން އޭރު ބާރުގަދަ އޭނާގެ ބޮޑުބޭބެ ޖަންގް ސޮންގް-ތިއެކް 2013ގައި އަވަހާރަކޮށްލީ ގައްދާރުވިކަމުގެ ކުށުގަ އެވެ. ނޯތު ކޮރެޔާ އިން އެ ހަބަރު ފެތުރުމުގެ ދުވަސްތަކެއް ކުރިން ސައުތު ކޮރެޔާ އިން އެވާހަކަ އާންމުކުރި އެވެ.

އެކަމަކު ވަރަށް ގިނަ ފަހަރަށް އެކަހަލަ ވާހަކަތައް ފަހުން ދޮގުވެ އެވެ. އެހެންކަމުން މިހާރު ފެތުރިގެން އުޅޭ ހަބަރުތައް ގަބޫލުކުރަން އަދި ތަންކޮޅެއް އަވަހެވެ.