ހަބޭސްގެ މަދަހަ އަލްބަމް "ހަސްތީ" ނެރެފި
ހަބޭސްގެ މަދަހަ އަލްބަމް "ހަސްތީ" ނެރެފި

ރޯދަމަހާ ދިމާކޮށް ހަބޭސް ބޮޑުބެރު ގްރޫޕުން މިއަހަރު ވެސް މަދަހަ އަލްބަމެއް ނެރެފި އެވެ. އެ އަލްބަމްގެ މަދަހަތައް މި ރެއިން ފެށިގެން ލަވަފޮށިން އަޑުއެހޭނެ އެވެ.

"ހަސްތީ"ގެ ނަމުގައި ނެރުނު އެ އަލްބަމަށް މަދަހަ ކިޔާފައިވަނީ ސްކޫލްތަކުގެ ދަރިވަރުންނެވެ. އެގޮތުން މާލޭގެ ހަ ސްކޫލެއްގެ ދަރިވަރުން ވަނީ އެ އަލްބަމަށް މަދަހަ ކިޔައިފަ އެވެ. މިއީ ވީޑިއޯ މަދަހަ އަލްބަމެއް ކަމަށާއި މީގައި ހަ މަދަހައެއް ހިމެނޭނެ ކަމަށް ހަބޭސް އިން ބުންޏެވެ.

އެ އަލްބަމްގެ ހުރިހާ މަދަހައެއް ވެސް ކިޔާފަ ހުރީ މިއުޒިކާ ނުލަ އެވެ. ސްކޫލްތަކާ ގުޅިގެން އެ އަލްބަމް ނެރުނަސް މަދަހަތަކުގެ ޅެން ހެދުމާއި ރިކޯޑިން އަދި ހުރިހާ ޓެކްނިކަލް މަސައްކަތްތައް ކުރީ ހަބޭސް އިންނެވެ.

"ހަސްތީ"ގައި ވަކިވަކި ކުދިންގެ މަދަހަ އާއި ގްރޫޕް މަދަހަތައް ވެސް ހިމެނެ އެވެ. ހަބޭސް އިން ބުނީ މި އަހަރު މާލޭގެ ސްކޫލްތަކަށް ފުރުސަތު ދިން ނަމަވެސް އަންނަ އަހަރު އަތޮޅުތެރޭގެ ސްކޫލްތަކަށް އެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

އެ ގްރޫޕުން އެންމެ ފުރަތަމަ މަދަހަ އަލްބަމެއް ނެރުނީ 2017 ވަނަ އަހަރު އެވެ. "ޒަމާން" ނަމުގައި ނެރުނު އެ އަލްބަމަށް މަދަހަ ކިޔާފައިވަނީ ހަބޭސް ގްރޫޕުގެ ވޯކަލިސްޓުންނެވެ. އަދި މިދިޔަ އަހަރު ނެރުނު "މިސްކު" އަލްބަމަށް މަދަހަ ކިޔައިދިނީ އެހެން ބޮޑުބެރު ގްރޫޕްތަކުގެ ވޯކަލިސްޓުން ވެސް ބައިވެރިކޮށްގެންނެވެ.