01 ޖޫން 2019 - 12:28

ބީނޯޒް އޭރީޒް (ޖޫން 1) – އާޖެންޓީނާ އަށް ކާމިޔާބު ހޯދުމުގެ ޒިންމާ ހަމައެކަނި އޮތީ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އަށް ނޫން ކަމަށާއި އެކަމަށް ހަމައެކަނި އޭނާ އަށް ޕްރެޝަރުކުރުމަކީ ގޯހެއް ކަމަށް އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ ބުނެފި އެވެ.

މިދިޔަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމުން ބްރޭކެއް ނެގި މެސީ މާޗު މަހު އަލުން ޓީމާ ގުޅުނީ މި މަހު އޮތް ކޮޕަ އެމެރިކާ މުބާރާތުގައި ކުޅުމަށެވެ. އަދި މިއީ ވޯލްޑް ކަޕުގެ ފަހުން އަގުއޭރޯ އަށް އާޖެންޓީނާ ސްކޮޑުން ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.
ބްރެޒިލްގައި 2014 ވަނަ އަހަރުގައި އޮތް ވޯލްޑް ކަޕްގެ އިތުރުން ޖެހިގެން އައި ދެ އަހަރު ކުޅުނު ކޮޮޕަ އެމެރިކާގެ ފައިނަލުން އާޖެންޓީނާ ބަލިވިއިރު މެސީ އަށް ގިނަ ފާޑުކިއުންތަކެއް އަމާޒުވި އެވެ. ކްލަބް ލެވެލްގައި ބާސެލޯނާއާ އެކު މެސީ ގިނަ ކާމިޔާބީތަކެއް ހޯދި ނަމަވެސް އާޖެންޓީނާގައި އެކަން ތަކުރާރުނުކުރެވޭތީ އެކަމާ ބެހޭގޮތުން ފުޓްބޯޅައިގެ އެކި ފަރާތްތަކުން ތަފާތު ގޮތްގޮތަށް ވާހަކަ ދައްކަ އެވެ.
ގައުމީ ޓީމުން އެއް ފަހަރު ރިޓަޔާކުރުމަށް މެސީ އެނބުރި އައީ މިދިޔަ އަހަރު ބޭއްވި ވޯލްޑް ކަޕުން އާޖެންޓީނާ އަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުންނެވެ. އަގުއޭރޯ ބުނީ މެސީ އަކީ އަބަދުވެސް ގައުމީ ޓީމަށް އިސްކަންދޭ ކުޅުންތެރިއެއް ކަމަށާއި އެކަން އާޖެންޓީނާގެ ހުރިހާ ކުޅުންތެރިންނަށް އެނގޭނެ ކަމަށެވެ.
"ގައުމީ ޓީމު ދެކެ މެސީ ލޯބިވާ މިންވަރު މި ޓީމުގައި މިދިޔަ 10 ވަރަކަށް އަހަރު ކުޅުނު ހުރިހާ ކުޅުންތެރިންނަށް އެނގޭނެ. އަހަރެމެން ހުރިހާ ކުޅުންތެރިންނަށް މެސީގެ އެހީތެރިކަން ލިބޭ. އެހެންވީމަ އާޖެންޓީނާ އަށް ކާމިޔާބު ނުލިބޭތީ ހަމައެކަނި މެސީ އަށް ފާޑުކިއުން ގޯސް،" އާޖެންޓީނާގެ މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި އަގުއޭރޯ ބުންޏެވެ.
މި ފަހަރުގެ ސީޒަނަށް ބާސެލޯނާއާ އެކު މެސީ ކަނޑައެޅި އެންމެ ބޮޑު ޓާގެޓް ކަމަށްވާ ޗެމްޕިއަންސް ލީގު ކާމިޔާބުނުވެ ދިޔައިރު، އޭގެ ފަހުން ސްޕެނިޝް ކަޕުގެ ފައިނަލުން ވެލެންސިއާ އަތުން ވެސް ވަނީ ބަލިވެފަ އެވެ. އަގުއޭރޯ ބުނީ އެ ހުރިހާ ތަޖުރިބާއެއްގެ ބޭނުންހިފައި މެސީ ހުރީ ގައުމީ ޓީމު ގޮވައިގެން ވަރުގަދަ އަށް ކުރިއަށް ދިއުމުގެ އަޒުމުގައި ކަމަށެވެ.
"ފުޓްބޯޅައިގައި މެސީ އަށް ގިނަ ތަޖުރިބާތަކެއް ލިބިފައި ހުންނާނީ. އެ ހުރިހާ ކަމެއް ރަނގަޅު ގޮތުގައި ނަގައިގެން ކުރިއަށްދާން އޭނާ އަށް އެނގޭނެ،" ޔޫތު ގައުމީ ޓީމުތަކުގައި ވެސް މެސީއާ އެއް ޓީމަކަށް ކުޅުނު އަގުއޭރޯ ބުންޏެވެ.
މި މަހު 14 ވަނަ ދުވަހު ފަށާ ކޮޕަ އެމެރިކާ އަށް އާޖެންޓީނާ އިން އަންނަނީ އަމިއްލަ ގައުމުގައި ފަރިތަކުރުންތައް ބާއްވަމުންނެވެ. ލިއޮނަލް ސްކަލޯނީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އާޖެންޓީނާ އިން އެންމެ އަވަހަށް ކުޅޭ މެޗަކީ މި މަހު ހަތް ވަނަ ދުވަހު ނިކަރަގުއާއާ ދެކޮޅަށް ކުޅޭ މެޗެވެ.
ބްރެޒިލްގައި އޮތް ކޮޕަ އެމެރިކާ މުބާރާތުގައި އާޖެންޓީނާ ލައްވާލާފައިވަނީ ކޮލަމްބިއާ އާއި ޕެރަގުއޭގެ އިތުރުން އޭޝިއާގެ ޗެމްޕިއަން އަދި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯސްޓް ގަތަރާ އެއް ގްރޫޕަކަށެވެ.