31 މެއި 2019 - 20:49

ލ. އަތޮޅުގެ ރަށްތަކަށް ފާއިތުވި 26 ގަޑިއިރުގެ ތެރޭގައި 190-200 މިލިމީޓަރުގެ ވާރޭވެހިފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.
ދެކުނުގެ އަތޮޅުތަކަށް ކުރި ވިއްސާރައާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ އޮތޯރިޓީގެ ޑެޕިއުޓީ ސީއީއޯ އުމަރު ފިކްރީ ވިދާޅުވީ އެ ސަރަހައްދުތަކަށް ކުރީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށެވެ. އެއީ އާދަޔާ ހިލާފު ވިއްސާރައަކަށް ނުވިއަސް ބޮޑު ވިއްސާރައެއް ކަމަށް ވިދާޅުވި އެވެ.
ތ. ލ، ގއ. ގދ. އަދި މ. އަތޮޅަށް ކުރި ވިއްސާރައިގައި އެންމެ ބޮޑަށް ފެންބޮޑުވީ ވެސް ލ. މާމެންދޫގަ އެވެ. އެ ރަށުގެ 200 އަށްވުރެ ގިނަ ގެޔަށް ފެން ވަންއިރު އޭގެ ތެރެއިން 50 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވެ އެވެ.
ފެންބޮޑުވުމުގެ ސަބަބުން މާމެންދޫން ކަރަންޓު ކަނޑާލި އެވެ. ނަމަވެސް ރޭ ފަތިހު 5:00 އިން ފެށިގެން މުޅި ރަށަަށް ކަރަންޓު ދީފައި ވެ އެވެ.
ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނިގޮތުގައި ވިއްސާރައިގައި 16 ރަށަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ. އެ ހުރިހާ ރަށެއް ވެސް އާއްމު ހާލަތަކަށް ބަދަލުވެފައިވާއިރު މިހާރު ކުރަމުން އަންނަނީ މަގުތަކުުން ފެން ހިންދުމުގެ މަސައްކަތްތައް ކަމަށް ބުންޏެވެ.