01 ޖޫން 2019 - 08:44

ކެންސަރު ބަލީގެ މީހުންނަށް ހާއްސަ ކެއުންތައް ކައްކަން ދަސްކޮށްދޭ ސްކޫލެއް އިނގިރޭސިވިލާތުގައި ހުޅުވަން ތައްޔާރުވެއްޖެ އެވެ.
ސަންޑަލޭންޑްގެ މޯބްރޭ ޕާކްގައި އަންނަ އަންގާރަ ދުވަހު ހުޅުވާ މި ސްކޫލަކީ ކެންސަރު ބަލީގެ މީހުންނަށް ކައްކަން ދަސްކޮށްދޭން މިހާރު ވެސް ހިލޭ ކުލާސްތަކެއް ހިންގަމުން އަންނަ ޖަމިއްޔާ "ލައިފް ކިޗަން" އާއި އިނގިރޭސިވިލާތުގެ މަޝްހޫރު ސެލެބްރިޓީ ޝެފް ނައިޖެއްލާ ލޯސަން ގުޅިގެން ހުޅުވާ ސްކޫލެކެވެ.
މިކަމާ ބެހޭ ގޮތުން "ލައިފް ކިޗަން" ގެ ބާނީ ރަޔަން ރައިލީ ބުނީ ނައިޖެއްލާ ގުޅިގެން ކެންސަރު ބަލީގެ މީހުންނަށް ކައްކަން ދަސްކޮށް ދިނުމަކީ އެ މީހުންގެ ސިއްހަތަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ ކަމަށެވެ. އަދި މިކަމާ ވަރަށް އުފާވާ ކަމަށް ބުންޏެވެ.
"ކެންސަރު ބަލީގެ މީހުންނަކީ ކީމޯތެރަޕީއާ ފަރުވާއެކު އެ މީހުންގެ ކެއުމުގެ ވައްޓަފާޅި އަށް ބޮޑު ބަދަލެއް ގެނެސް، ކާތަކެތިން ލިބެންވާ ހަގީގީ އުފާ ނުލިބޭ މީހުން،" ކެންސަރު ބަލީގައ މަރުވި މަންމަގެ ހަނދާނުގައި މިދިޔަ އަހަރު "ލައިފް ކިޗަން" ވުޖޫދަށް ގެނައި ފުޑް ރައިޓާ/ސްޓައިލިސްޓް ރަޔަން ބުންޏެވެ. "އަހަރެމެންގެ އެންމެ ބޮޑު ބޭނުމަކީ އަމިއްލަ އަށް ކައްކަން ދަސްކޮށްގެން ގަވާޔާ ކަހަލަ ތަކެއްޗާ އެކު ކެންސަރު ބަލީގެ މީހުން ވެސް ލައިފް އެންޖޯއި ކުރުން."
އޭނާ ބުނި ގޮތުގައި ކެއްކުމުގެ އެންމެ ބޭސިކުން ފެށިގެން ގޮސް ޕްރޮފެޝަނަލް ފެންވަރުގެ ކާތަކެތި، ނައިޖެއްލާއާ ގުޅިގެން ހިންގާ ކައްކާ ސްކޫލުން ދަސްކޮށް ދޭނެ އެވެ.
އަދި ލަންޑަން ޔުނިވަސިޓީގެ ޕްރޮފެސަރު ބެރީ ސުމިތު ކެންސަރު ބަލީގެ މީހުންނަށް ހާއްސަ މެނޫތައް ތައްޔާރުކޮށް ދޭން އެހީތެރި ވެދޭނެ އެވެ.
ނައިޖެއްލާ ކުރި ޓްވީޓެއްގައި ބުނީ "ލައިފް ކިޗަން" އާ ގުޅިގެން ކެންސަރު ބަލީގެ މީހުންނާ އެކު މަސައްކަތް ކުރުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.