ކުކޫން މޯލްޑިވްސް އަށް ޓްރިޕްއެޑްވައިޒާގެ ހާއްސަ އެވޯޑެއް ލިބިއްޖެ
ކުކޫން މޯލްޑިވްސް އަށް ޓްރިޕްއެޑްވައިޒާގެ ހާއްސަ އެވޯޑެއް ލިބިއްޖެ

ރާއްޖޭގެ ރިސޯޓެއް ކަމުގައިވާ ކުކޫން މޯލްޑިވްސް އަށް ޓްރިޕް އެޑްވައިޒާގެ "ސެޓިފިކެޓް އޮފް އެކްސެލެންސް" ލިބިއްޖެ އެވެ.

މިއީ ޓްރިޕް އެޑްވައިޒާގައި އެންމެ ރަނގަޅު ރިވިއުސް ލިބޭ ހޮޓެލްތަކާއި ރިސޯޓުތައް ފާހަގަކުރުމުގެ ދެވޭ ސެޓްފިކެޓެކެވެ. އެގޮތުން ޓްރިޕް އެޑްވައިޒާގައި ހިމެނޭ ދުނިޔޭގެ ނަން މަޝްހޫރު ރެސްޓޯރެންޓްތަކާއި ހޮޓާތަކާއި ރިސޯޓުތަކުގެ އިތުރުން މަންޒިލްތައް ވެސް މި ސެޓްފިކެޓަށް ވާދަކުރާނެ އެވެ.

ކުކޫން މޯލްޑިވްސް އިން ބުނީ ޖެހިޖެހިގެން ތިން ވަނަ އަހަރު "ސެޓްފިކެޓް އޮފް އެކްސެލެންސް" ލިބުމަކީ އެ ރިސޯޓަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ޓްރިޕް އެޑްވައިޒާގެ ވައިސް ޕްރެޒިޑެންޓް އޮފް ބްރޭންޑްސް، ނިލާ ޕާލް ވިދާޅުވީ، މިފަދަ ރަނގަޅު ހިދުމަތްތައް ދޭ ރިސޯޓުތައް ފާހަގަކުރަނީ، ކަސްޓަމަރުންގެ ފީޑްބެކާ އެއްގޮތަށް އަމަލު ކުރާ ހިދުމަތް ދޭ ތަންތަނަށް ހިތްވަރުދިނުމުގެ ގޮތުން ކަމަށެވެ.

މި އެވޯޑަށް ކޮލިފައި ވާނީ ޓްރިޕް އެޑްވައިޒާގެ ރޭޓިންގެ ތެރެއިން އެންމެ މަދުވެގެން ހަތަރު ތަރި ލިބިފައިވާ ތަންތަނަށެވެ. މީގެ އިތުރުން ޓްރިޕް އެޑްވައިޒާގައި މީގެ 12 މަސް ދުވަސް ކުރިން ލިސްޓް ކުރެވިފައިވާން ޖެހޭނެ އެވެ.

އިޓަލީގެ ޑިޒައިނަކަށް ހަދާފައިވާ ކުކޫން ރިސޯޓު އޮންނަނީ ޅ. އަތޮޅުގަ އެވެ.