01 ޖޫން 2019 - 08:45

ތިމާވެށީގެ ހިމާޔަތަށް މަސައްކަތްކުރުން އިތުރުވަމުން އަންނައިރު މި ފަންސުރަކީ ވެސް މުހިންމު އެއްޗަކަށް ވެދާނެ އެވެ. މިއީ ގްރީން ނުވަތަ އިކޯ-ޕެންސިލް އެވެ.

ފަންސުރު ޖަހަމުން ގޮސް ބޭނުން ނުކުރެވޭ ވަރު ވުމުން ޕޮޓެއްގެ ތެރޭގައި އިންދުމުން މި ފަންސުރުން ފަޅާނީ ގަހެކެވެ. ފަންސުރުގެ ފޮހޭ ރަބަރެއްގެ ގޮތުގައި އިންނަނީ ޖެލަޓިން ކެޕްސޫލެކެވެ. އާދައިގެ ފަންސުރާ ހިލާފަށް މީގެ ކޮޅުގައި ރަބަރާ އެކު އިންނަ އެލްމިނިއަމްކޮޅެއް ވެސް ނީންނާނެ އެވެ.
އޭގެ ބަދަލުގައި އިންނަ ޖެލަޓިން ކެޕްސޫލްތެ ތެރޭގައި ހުންނާނީ އެކި ކަހަލަ ގަސްގަހާގެހީގެ އޮށެވެ. ހާއްސަކޮށް ކެއުމުގައި ބޭނުން ކުރާ ކަހަލަ ބާވަތްތަކެވެ. އޭގެ ތެރޭގައި މިންޓް، ކޮރިއަންޑާ، ތައިމްސް، ބޭޒިލް. ޗެރީ ޓޮމާޓޯ، ސަންފްލާވާ، ޑިލް، ރޯޒްމޭރީ، ޕާސްލި އަދި ސޭޖް ކަހަލަ އެތައް ބާވަތެކެވެ. އަދި މި ނޫން ވެސް ތަރުކާރީ އާއި މާމެލާމެލީގެ ބާވަތްތައް ވެސް ހަމަ މިގޮތަށް މި ފަންސުރުތަކުގެ އެހީގައި ހެއްދިދާނެ އެވެ.
މި ބާވަތުގެ ފަންސުރު ތަޖުރިބާކުރި ބައެއް މީހުން ކިޔައި ދީފައިވާ ގޮތުގައި ފަންސުރުގެ ކޮޅު ވަޅުލައިގެން ގަސް ފަޅާލެއް އަވަސްވެފައި، ނަތީޖާ ލިބޭލެއް ވެސް އަވަހެވެ.
ތިމާވެއްޓާ ރައްޓެހި ފަންސުރު ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި މިހާރު އަންނަނީ ބޭނުން ވެސް ކުރަމުންނެވެ.
"ތިމާވެއްޓަށް ކުރާ މަސައްކަތުގެ ތެރެއިން ގްރީން ފަންސުރާއި ކަރުދާހަކީ ވަރަށް ފުޅާކޮށް ބޭނުން ކުރެވިދާނެ އެއްޗެއް. އެހެންވީމާ މި އެއްޗެހީގެ ބޭނުން އިތުރު ގޮތްގޮތަށް ހިފޭނެ ގޮތްތައް ހޯދައިގެން އެކަން ތަޖުރިބާ ކުރުމަކީ ވެސް ވަރަށް މުހިއްމު ކަމެއް." އެމެރިކާގެ މެސެޗޫޓެސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގެ ސަސްޓެއިނެބިލިޓީ ކޮންސަލްޓަންޓް މައިކަލް ޝޯލްމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މައިކްރޯ-ލެވެލް ނުވަތަ އާދައިގެ ގޮތަކަށް ފަށަައި ގަނެވޭ ކުޑަކުޑަ ކަމަކުން ވެސް ބޮޑު ހެޔޮ ބަދަލެއް ގެނެވިދާނެ އެވެ. ފަންސުރުގެ އާ މޮޑިފިކޭޝަނަކި އޭގެ މިސާލެކެވެ.