ރޭކާގެ ބައޮގްރަފީގައި ހަޔާތުގެ މުހިއްމު ސިއްރުތަކެއް
ރޭކާގެ ބައޮގްރަފީގައި ހަޔާތުގެ މުހިއްމު ސިއްރުތަކެއް

ރޭކާ އަކީ ބޮލީވުޑްގައި މިހާތަނަށް މަސައްކަތްކޮށްފައިވާ ބަތަލާއިންގެ ތެރެއިން އެންމެ އަޑިނޭނގޭ މާޒީއެއް އޮތް އެކަކެވެ. އެހެންވެ ރޭކާގެ ހަޔާތުގެ އަނދިރި ފަރާތް އެނގެން ވަރަށް ގިނަ ބަޔަކު ބޭނުންވެ އެވެ. މިދިޔަ ހަފުތާގައި ނެރެފައިވާ، ޔާސިރު އުސްމާން ލިޔެފައިވާ ރޭކާގެ އާ ބައޮގްރަފީގައި ވަރަށް ގިނަ ކަންތައްތައް ހާމަކޮށްފައިވެ އެވެ.

ރޭކާގެ ބައޮގްރަފީގައި ހަޔާތުގެ މުހިއްމު ސިއްރުތަކެއް
ރޭކާގެ ބައޮގްރަފީގައި ހަޔާތުގެ މުހިއްމު ސިއްރުތަކެއް

އޭގެ ތެރޭގައި ފުރަތަމަ ފިލްމު ކުޅުމުގެ ތެރޭގައި އެ ފިލްމުގެ ޑައިރެކްޓަރާއި އެކްޓަރުގެ ފަރާތުން އޭނާއަށް ކުރިމަތިވި ޖިންސީ ގޯނާތަކާއި އޭނާ ފުރަތަމަ ކައިވެނިކުރި ފިލްމު އެކްޓަރު ވިނޯދް މެހެރާގެ މަންމަ ފައިވާންކިބަޔަކުން އޭނާގެ ގައިގައި ތަޅައިގަންނަން އުޅުނު ވާހަކަ އަކި ދެ ވަނަ ފިރިމީހާ މުކޭޝް އަގަރްވާލް އަމިއްލައަށް މަރުވި ހާދިސާއާ ގުޅިގެން މުޅި ފިލްމު އިންޑަސްޓްރީ އާއި އާއްމުކޮށް އެންމެން އޭނާއަށް މަލާމާތްކޮށް ދައްކާފައިވާ ވާހަކަތައް ވެސް މި ފޮތުގައި ވަރަށް ތަފްސީލުކޮށް ކިޔައިދީފައިވެ އެވެ.

ރޭކާގެ ބައޮގްރަފީގައި ހަޔާތުގެ މުހިއްމު ސިއްރުތަކެއް
ރޭކާގެ ބައޮގްރަފީގައި ހަޔާތުގެ މުހިއްމު ސިއްރުތަކެއް

ރޭކާ އަކީ ކުރީ ޒަމާނުގެ މަޝްހޫރު ތަމަޅަ އެކްޓަރެއް ކަމަށްވާ ޖެމިނީ ގަނޭޝަންގެ ދަރިއެކެވެ. އަދި އޭނާގެ މަންމަ ޕުޝްޕާވަލީ އަކީ ވެސް އެ ދުވަސްވަރުގެ މަޝްހޫރު ޓެލުގޫ ބަތަލާ އެކެވެ. ނަމަވެސް ރޭކާ އަކީ މި ދެ މީހުންނަށް ކައިވެނީގެ ބޭރުން ލިބުނު ދަރިއެކެވެ. ރޭކާގެ ބައްޕަ ވަނީ ރޭކާ އަކީ އޭނާގެ ދަރިއެއް ކަމަށް އެންމެ ފުރަތަމަ އިންކާރު ކޮށްފަ އެވެ. ނަމަވެސް ގަނޭޝަންގެ ހަޔާތުގެ އެންމެ ފަހު ދުވަސްކޮޅު ރޭކާއާ ސުލްހަވާން މަސައްކަތްކުރި އެވެ. ނަމަވެސް އޭރު ރޭކާ އަކީ މަޝްހޫރު ފިލްމީ ތަރިއެކެވެ. އެހެންވެ އޭނާ އަކަށް ކޮންމެހެން އެކަން މުހިއްމެއް ނުވި އެވެ.

ރޭކާގެ ބައޮގްރަފީގައި ހަޔާތުގެ މުހިއްމު ސިއްރުތަކެއް
ރޭކާގެ ބައޮގްރަފީގައި ހަޔާތުގެ މުހިއްމު ސިއްރުތަކެއް

ރޭކާ ފިލްމު ކުޅެން ފެށީ ކޮންމެހެން ކުރާހިތަކުން ނޫނެވެ. އާއިލާގެ މާލީ ހާލަތު ދަށްކަމުން އޭނާގެ މަންމަ އާއި އާއިލާގެ އެހެން މެމްބަރުން މަޖްބޫރު ކުރުވައިގެންނެވެ.

ރޭކާގެ ބައޮގްރަފީގައި ހަޔާތުގެ މުހިއްމު ސިއްރުތަކެއް
ރޭކާގެ ބައޮގްރަފީގައި ހަޔާތުގެ މުހިއްމު ސިއްރުތަކެއް

ޗައިލްޑް އާޓިސްޓެއްގެ ގޮތުގައި ރޭކާ ބައެއް ފިލްމުތަކުގައި މަސައްކަތް ކުރި އެވެ. ނަމަވެސް ބަތަލާއެއްގެ ރޯލު ކުޅޭ ވަރަށް ބޮޑުވުމުން ބައެއް ޑައިރެކްޓަރުންނާއި އެކްޓަރުން އޭނާ ހުތުރުކަމުން އޭނާއާ އެކު ފިލްމު ނުކުޅޭނެކަމަށް ދިމާލަށް ބުނެފައި އެބަހުއްޓެވެ. ރާޖް ކުމާރު އަދި ރާޖެޝް ކަންނާ ފަދަ އެކްޓަރުން ރޭކާ ފަލަކަމާއި ކަޅުކަމުން މަލާމަތް ކުރަމުން ދިޔަ އެވެ. ރޭކާ ބުނި ގޮތުގައި އެދުވަސްވަރު ފިލްމު އިންޑަސްޓްރީއަކީ ޖަންގައްޔެކެވެ. އުމުރުން އެންމެ 13 އަހަރުގައި އެ ޖަންގައްޔަށް އޭނާ ދޫކޮށްލީ އެއްވެސް ހަތިޔާރެއް ނެތި އެވެ. އަދި އޭނާ ކަޅުކަމުން، އޭނާ ލައްވާ ފިލްމު ކުޅުވާ މީހުން އޭނާގެ މުޅި ގައި ދޮންކުރަން ޕެއިންޓްކުރާ ހަނދާން ވަރަށް އަސަރާއެކު ހަނދާން ކުރެ އެވެ. ފަހުން ރޭކާ ވަނީ ހަށިގަނޑު ރީތިކުރުމަށް ވަރަށް ގިނަ ފަރުވާ ހޯދައިގެން ހަށިގަނޑު ދޮންކޮށް އަދި ލޫޅާފަތި ކޮށްފަ އެވެ.

ރޭކާގެ ބައޮގްރަފީގައި ހަޔާތުގެ މުހިއްމު ސިއްރުތަކެއް
ރޭކާގެ ބައޮގްރަފީގައި ހަޔާތުގެ މުހިއްމު ސިއްރުތަކެއް

ފިލްމު އިންޑަސްޓްރީއަކީ ޖަންގައްޔެއްގެ ގޮތުގައި ރޭކާ ސިފަކުރި ވަރަށް ގިނަ ސަބަބުތައް އެބަހުއްޓެވެ. ނަމަވެސް އޭގެ ތެރެއިން ވެސް އެއް ހާދިސާއެއް އޭނާ ފާހަގަކޮށްފައިވެ އެވެ. އެއީ އުމުރުން 15 އަހަރުގައި ކުޅުނު ފިލްމު "އަންޖާނާ ސަފަރް" (ފަހުން "ދޯ ޝިކާރީ" ގެ ނަމަށް ބަދަލުކުރި) ގެ ހަނދާންތަކެވެ.

އެ ހާދިސާ ރޭކާގެ ބައޮގްރަފީގައި ބަޔާންކޮށްފައިވަނީ މިފަދައިންނެވެ.

"އެ ފިލްމުގެ ޝޫޓިން ކުރިޔަށް ދިޔަ ދުވަސްތަކުގެ ތެރެއިން ދުވަހަކު ވަރަށް ރޮމެންޓިކް މަންޒަރެއް ނަގަން ޖެހުނެވެ. އެ މަންޒަރު ނެގުމުގެ ކުރިން ޑައިރެކްޓަރު ރާޖާ ނަވާތޭ އާއި ބަތަލު ބިސްވަޖީތު އަހަންނާ ބެހެން ރާވާފައި އޮތް ކަމެއް ނޭނގެ އެވެ."

ޑައިރެކްޓަރު އެކްޝަން އޭ ބުނުމާއެކު ބިސްވަޖީތު ރޭކާއަށް ޖިންސީ ގޯނާކުރަން ފެށި ކަމަށް ރޭކާ ބުނެފައިވެ އެވެ.

"ފިލްމުގެ ސެޓުގައި ތިބި އެންމެން ހެމުން ހެމުން ތަރުހީބު ދެމުން ދިޔަ އެވެ. އަހަރެން ހީކުރީ ފިލްމުގެ މަންޒަރު ނަގަމުން ދަނީ ކަމަށެވެ. ޑައިރެކްޓަރު "ކަޓް" އޭ ބުނީ އެގޮތަށް އޭނާ އަހަންނަށް ޖިންސީ ގޯނާ ކުރާތާ ފަސްވަރަކަށް މިނިޓް ފަހުންނެވެ. އެ ހުރިހާ ވަގުތަކު އަހަރެން ހުރީ ވަރަށް ބާރަށް ދެ ލޯ މަރައިގެންނެވެ. އަހަރެންގެ ލޮލުން އިޚްތިހާރަކާ ނުލާ ކަރުނަތައް ފައިބަމުން ދިޔަ އެވެ."

"ދޯ ޝިކާރީ"އަކީ ރޭކާ ބޮޑު މީހެއްގެ ބައި ކުޅުނު ފުރަތަމަ ފިލްމު ނަމަވެސް އޭނާ ބޮލީވުޑަށް ތައާރަފްވީ ފިލްމެއްގެ ގޮތުގައި މަޝްހޫރުވެފައިވަނީ "ސާވާން ބާދޫން" އެވެ. ސަބަބަކީ ރޭކާގެ ތަރި މެދުއުޑުގައި ފިޔަޖަން ފެށީ މި ފިލްމަށް ލިބުނު ކާމިޔާބާއެކުގައި ކަމަށް ވާތީ އެވެ. ނަމަވެސް އޭގެ ފަހުން ވެސް އެކްޓިން ހުނަރު ދައްކާލެވޭ ކަހަލަ ފިލްމެއް ރޭކާއަށް ކުޅެލަން ނުލިބި ވަރަށް ގިނަ ދުވަސްތަކެއް ދިޔަ އެވެ. އެ ދުވަސްވަރު އޭނާ ކުޅުނީ މުޅީންވެސް ގްލޭމާ ރޯލުތަކެވެ.

އަމީތާބު ބައްޗަން އާއެކު 1976 ގައި ރޭކާ ފުރަތަމަ ފަހަރަށް "ދޯ އަންޖާނޭ" އިން އޭނާގެ ކުޅަދާނަކަން ދައްކާލި އެވެ. ފިލްމު ހިޓްވި އިރު ރޭކާގެ އެކްޓިން އަށް ވެސް ގިނަ ބަޔަކު ތައުރީފު ކުރި އެވެ.
ނަމަވެސް ރޭކާގެ ކެރިއަރަށް ބޮޑު ކުރިއެރުމެއް ގެނެސްދިނީ 1978 ގައި އޭނާ ވިނޯދް މެހެރާއާ އެކު ކުޅުނު "ގަރް" އިންނެވެ. މި ފިލްމުން އެންމެ މޮޅު ބަތަލާގެ ފިލްމުފެއާ އެވޯޑަށް ރޭކާ ނޮމިނޭޓްވި އެވެ. ވިނޯދް މެހެރާ އާއި ރޭކާ ލޯބީގެ ގޮތުން ގުޅިފައިވަނީ މި ދުވަސްވަރު އެވެ. އަދި 1973 ގައި މި ދެ މީހުން ސިއްރުން ކައިވެނި ކުރި ކަމަށްވެ އެވެ.

އެކަމަކު 2004 ގައި "ދަ ސިމީ ގަރެވާލް ޝޯ" ގައި ވާހަކަ ދައްކަމުން ރޭކާ ބުނެފައިވަނީ ވިނޯދްއާ ކައިވެނި ނުކުރާ ކަމަށާއި އޭނާއަކީ ހަމައެކަނި ހެޔޮއެދޭ މީހެއް ކަމަށެވެ. ނަމަވެސް ރޭކާގެ ބަޔޮގްރަފީގައި ލިޔެފައިވާ ގޮތުގައި ރޭކާ ވިނޯދްއާ ކައިވެނި ކުރި އެވެ.

ރޭކާގެ ބަޔޮގްރޮފީއަށް، ފިލްމު އުފައްދާ މީހަކު ކިޔައިދީފައިވާ ގޮތުގައި ރޭކާ އާއި ވިނޯދް ކަންނާ ކަލްކަތާގައި ކައިވެނިކޮށްގެން މުމްބައިގައި ހުންނަ ވިނޯދްގެ ގެއަށް އޭނަގެ މަންމަ ކައިރިއަށް ދިޔަ އެވެ. ވިނޯދްގެ މަންމަ ފެށުނީއްސުރެ ވެސް ރޭކާ އަށް ވަރަށް ނަފުރަތު ކުރެ އެވެ. އެހެންކަމުން މައިދައިތަ އަށް އިހްތިރާމްކުރުމުގެ ގޮތުން ރޭކާ އޭނާގެ ފައިގައި އަތްލަން އުޅުމުން އޭނަ ވަރަށް ބާރަށް ރޭކާގެ ގައިގައި އަޅާ ކޮއްޕާލި އެވެ. އަދި ރޭކާ އެގެއަށް ވަންނާކަށް ވެސް ހުއްދައެއް ނުދިނެވެ. ދޮރުމަތީގައި ރޭކާ ހުރިއިރު ވިނޯދްގެ މަންމަ ވަރަށް ހުތުރުބަހުން ރޭކާ އަށް ގޮވަމުން ދިޔަ އެވެ. މައްސަލަ ފިނިކުރެވޭތޯ ވިނޯދް ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް އޭނާގެ މަންމަ ހުރީ އެއަށްވުރެ މާ ގަދަޔަށް ރުޅިއައިސްފަ އެވެ. އެންމެ ފަހުން، އަރައިގެން ހުރި ފައިވާން ނަގައި ރޭކާ ގައިގައި ތަޅައިގަންނަން ދިމާކުރުމުން ރޭކާ ދުވެފައި ގޮސް ލިފްޓަށް އަރައިގެން ތިރިއަށް ފޭބީ އެވެ. ވިނޯދް އުޅޭ ފްލެޓްގެ ވަށައިގެންވާ ހުރިހާ ފްލެޓްތަކެއްގެ މީހުން އެވަގުތު އެތަނަށް ޖަމާވެ ކުޅިވަރު ބަލަމުން ދިޔަ އެވެ. ރޭކާ ރޮމުން ލިފްޓުން ފޭބުމުން އޭނާ ސުލްހަކުރެވޭތޯ ވިނޯދް ދުވެފައި ދިޔަ އެވެ. އަދި މައްސަލަ ހައްލުކުރެވެންދެން އެ ގޭގައި ހުންނަން އެދުނެވެ. ނަމަވެސް ރޭކާ މަޑެއް ނުކުރި އެވެ.

މިފަދަ ގިނަ މައްސަލަތަކެއް ދިމާވެ ވިނޯދް އާއި ރޭކާގެ ކައިވެންޏަށް މާ ގިނަ ދުވަހެއް ނުވެ ދެ މީހުން ވަކިވީ އެވެ. ދެން ފެށުނީ އަމީތާބު ބައްޗަން އާއި ރޭކާގެ ލޯބީގެ ދައުރެވެ.

މަޝްހޫރު ދެ އެކްޓަރުން ކަމަށްވާ ރިޝީ ކަޕޫރާއި ނީތޫ ސިންގް ގެ ކައިވެނި އޮތީ ޖެނުއަރީ 22، 1980 ގައެވެ. ނީތޫ އާއި ރޭކާ އަކީ ވަރަށް ގާތް ދެ އެކުވެރިންނެވެ. އާރް.ކޭ ސްޓޫޑިއޯގައި އޮތް މި ކައިވެނީގެ ރަސްމިއްޔާތަށް ފިލްމު އިންޑަސްޓްރީގެ އެންމެން ކަހަލަ ގޮތަކަށް ގޮސް ތިއްބެވެ. އަމީތާބް ބައްޗަން އާއި އަންހެނުން ޖާޔާ ބައްޗަން އަދި އަމީތާބުގެ މަންމަ އާއި ބައްޕަ ވެސް މި ކައިވެންޏަށް ގޮސް ތިއްބެވެ.

ކުއްލިއަކަށް ރޭކާ ވަދެގެން އައެވެ. އެންމެންގެ ނަޒަރު އޭނާއާ ދިމާލަށް ހުއްޓޭ ފަދަ ގޮތަކަށް ވަރަށް ވިދުން ގަދަ ސާޅީއެއް އަޅައިގެންނެވެ. ނަމަވެސް އެންމެންގެ ލޯ އަމާޒުވީ އޭނާގެ ނިތްކުރީގައި އިން ބޮޑު ސިންދޫރަ ތިއްކަށާއި އިސްތަށިގަނޑު މެދުން ފަޅާފައިވާ ހިސާބުގައި ހާކާފައިވާ ރަތް ކުލަ އަށެވެ. އަދި ކަރުގައި އޮތް މަންގަލްސޫތުރަ (މިނާފައްޗެއް) އަށެވެ. ކައިވެނިކޮށްގެން އުޅޭ މީހުން ނޫނީ މި މިނާފަތި އަޅައި ބޮލުގައި ކުލައެއް ނުހާކަ އެވެ. އެހެންވެ ގިނަ ބައެއްގެ ހިތުގައި ގިނަ ސުވާލުތަކެއް އެވަގުތު އުފެދުނެވެ. ނީތޫ އާއި ރިޝީގެ ކައިވެނީގެ މަންޒަރުތައް ނަގަން އެމީހުންނާ ދިމާލަށް އަމާޒުކޮށްފައިވާ ކެމެރާތައް ވެސް ކުއްލިއަކަށް ރޭކާ އާ ދިމާލަށް އެނބުރުނެވެ.

ސިނެބްލިޒް މެގަޒިންގައިވާ ގޮތުން އެރޭ ރޭކާ ގޮސް ހުއްޓުނީ އާރްކޭ ސްޓޫޑިއޯގެ ބަގީޗާގެ ތެރޭގަ އެވެ. އޭނާ އަނގައިން ނުބުނެ އަމީތާބާ ދިމާލަށް ކަޅިޖަހާނުލާ ބަލަން ހުއްޓެވެ. އަމީތާބާއި ޑައިރެކްޓަރު މަންމޯހަން ދެސާއީ ތިބީ ވަރަށް އޮލަ ވާހަކައެއް ދައްކާށެވެ.

އަމީތާބުގެ ސަމާލުކަން ނުލިބުމުން ރޭކާ އަވަސް އަވަހަށް އޭނާގެ ކުރިމަތީގައި ހުއްޓި ވާހަކަ ދައްކަން ފެށި އެވެ. އެ ދެ މީހުން ފަސް މިނިޓެއް ހާއިރު ވަންދެން ކޮންމެވެސް ވާހަކަތަކެއް ދެއްކި އެވެ. އެ މަންޒަރު ބަލަންހުރި ޖާޔާ ވަރަށް ކަންބޮޑުވެ ދެރަވެފައިވާކަން އެތާ ތިބި ގިނަ ބަޔަކަށް ފާހަގަ ކުރެވުނެވެ. އެކަމަކު ކަމެއް ނުވާ ކަމަށް ހެދިގެން ޖާޔާ ވަރަށް ގިނައިރު ހުއްޓެވެ. ނަމަވެސް އެންމެ ފަހުން ޖާޔާ އިސް ޖަހާލި އެވެ. ލޯ ފުރެންދެން ހުރި ކަރުނަތައް އެހެން މީހުންނަށް ފެނިދާނެތީ އެވެ.

މިއީ އަމީތާބާއި ރޭކާ ސިއްރުން ކައިވެނިކުރިކަމަށް ވާހަކަ ދެކެވުނު ދުވަސްވަރެވެ. ނަމަވެސް މިކަމުގެ ހަގީގަތެއް ރޭކާގެ ބައިގްރޮފީގައި ވެސް ކިޔައިދީފައެއް ނުވެ އެވެ.

އޭގެ ދުވަސްކޮޅެއް ފަހުން ރޭކާ ފިލްމީ މަޖައްލާއަކަށް ދީފައިވާ އިންޓަވިއުއެއްގައި ބުނީ އެ ދުވަހު ސިންދޫރަ އުނގުޅައިގެން ޕާޓީއަށް ދެވުނީ ފިލްމު ޝޫޓިންއެއްގައި ހުރެފައި ޕާޓީއެއް ދާން ޖެހުމުން އެ ކުލަތައް ފޮހެ މިނާފަތި ނަގަން ހަނދާން ނެތުމުން ކަމަށެވެ.

ނަމަވެސް 1981 ގައި ނުކުތް "އުމްރާއޯ ޖާން" ކުޅެގެން ރޭކާއަށް ނެޝަނަލް އެވޯޑު ލިބުނު ދުވަހު އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ރޭކާ ބުނީ އޭނާ އުޅެ ބޮޑުވި ރަށުގެ މީހުން ސިންދޫރަ ޖަހާ އުޅެނީ ފެޝަނަކަށް ކަމަށެވެ.

ރޭކާ ބުނާ ގޮތުން އޭނާއާ އެކު ފިލްމު ކުޅުން ހުއްޓާލަން އަމީތާބަށް އެންގީ ޖާޔާ އެވެ. އެއީ ނީތޫ އާއި ރިޝީގެ ކައިވެނި ޕާޓީގައި ހިނގި ހާދިސާތަކާ ގުޅިގެންނެވެ. އަދި ޖާޔާގެ މި އެދުމަށް އަމީތާބު އިހުތިރާމް ކުރި އެވެ. އަދި "މުގައްދަރް ކާ ސިކަންދަރް" ނިމުމުން އިތުރު ފިލްމެއް ރޭކާ އާ އެކު ނުކުޅޭން އަމީތާބު ނިންމި އެވެ.

މި ވާހަކަ ރޭކާ އަށް އެނގުނީ މާ ލަހުންނެވެ. ނަމަވެސް "މުގައްދަރް ކާ ސިކަންދަރް"ގެ ޕްރެމިއާ ޝޯ ބަލަން ރޭކާ ޕްރޮޖެކްޓާ ރޫމްގައި އިން އިރު އަމީތާބާއި ޖާޔާ އަދި އަމީތާބުގެ މައިންބަފައިން ފިލްމު ބަލަން ތިބި ތަން ރޭކާ އަށް ރީތިކޮށް ފެނުނެވެ. ރޭކާގެ ބަޔޮގްރަފީގައި އޭނާ ބުނެފައިވާ ގޮތުގައި އެ ފިލްމުގައި އަމީތާބާއި ރޭކާގެ ގައިގޯޅި މަންޒަރުތައް ފެންނަ ކޮންމެ ފަހަރަކު ޖާޔާގެ ލޮލުން ކަރުނަ ފައިބާތަން ރޭކާ އަށް އެ ދުވަހު ފެނުނެވެ. އަދި އަމީތާބު ރޭކާއާ އެކު ފިލްމު ނުކުޅެން ނިންމީ ޖާޔާ އަށް ކުރާ އަސަރު ފެނިގެންކަމެއް ނުވަތަ ޖާޔާ އެގޮތަށް އެދިގެން ކަމެއް ރޭކާ އަކަށް ޔަގީނެއް ނޫނެވެ.

ރޭކާ ބުނެފައިވާ ގޮތުގައި ޚުދް އަމީތާބާ ރޭކާ އެ ސުވާލު ކުރި އެވެ. ނަމަވެސް އަމީތާބު ބުނި ކަމަށް ވަނީ އެކަމާ ބެހޭ ގޮތުން އޭނާއާ ސުވާލު ނުކުރުމަށާއި އެ ސުވާލުގެ ޖަވާބު ދެވެން ނެތް ކަމަށެވެ.

ރޭކާ އާއި މުކޭޝް ފުރަތަމަ ބައްދަލުވިއިރު މުކޭޝް އަކީ ދިއްލީގެ ޒުވާން އަދި އަރަމުންދިޔަ ވިޔަފާރިވެރިއެކެވެ. އޭނާއަށް ފޯނުން ގުޅައި ފުރަތަމަ ފަހަރަށް ވާހަކަ ދެއްކީ ވެސް ރޭކާ އެވެ. ރޭކާ އެދުވަސްވަރު ބޭނުންވީ ކައިވެނިކޮށްގެން ދިރިއުޅުމެއް ފަށާށެވެ. މުކޭޝް އަކީ ރޭކާގެ ވަރަށް ބޮޑު ފޭނެކެވެ.
ރޭކާ ކުރި ފުރަތަމަ ކޯލަށް ފަހު ދެ ފަރާތުގެ ކޯލުތައް އިތުރުވެ ބައްދަލުވުންތައް ބާއްވަން ފެށި އެވެ. ދެ މީހުން ދަންނަން ފެށިތާ މަސް ދުވަސް ތެރޭ 1990 ވަނަ އަހަރު އެ ދެ މީހުން ކައިވެނި ކުރި އެވެ.
މުކޭޝް އަކީ ވަރަށް ބޮޑަށް ޑިޕްރެޝަންގެ މައްސަލަ ހުންނަ މީހެއްކަން ރޭކާ އަށް އެނގުނީ ކައިވެނި ކުރި ފަހުންނެވެ. ވަރަށް އަވަހަށް ކައިވެނީގެ މައްސަލަތައް ޖެހެން ފެށި އެވެ. މުކޭޝްގެ ރުޅިގަދަ މިޒާޖު ރޭކާ އަށް ފެންނަން ފެށި އެވެ. ރޭކާ ފިލްމު ކުޅުމަކީ ވެސް މުކޭޝް ހިތްހަމަޖެހޭ ކަމަކަށް ފަހުން ނުވި އެވެ. ނަމަވެސް ކައިވެނީގެ ކުރިން މުކޭޝްގެ އެކަހަލަ އެއްވެސް ޝަރުތެއް ނެތެވެ.

ދިއްލީގައި އޮތް މުކޭޝްގެ ވިޔަފާރި ފޭލްވަމުންދިޔަ ކަން ވެސް އޭނާ އޮތީ ރޭކާ އަށް ސިއްރުކޮށްފަ އެވެ. ނަމަވެސް އޭނާ ވިޔަފާރި ދޫކޮށްލާފައި ބޮމްބޭ އަށް ގޮސް ރޭކާގެ ފަސް ފަހަތުން އޭނާގެ ފިލްމު ޝޫޓިންތަކަށް ގޮސް އެތަންތަނުގައި އެއްވެސް ކަމަކާ ނުލާ އެނބުރެން ފެށި އެވެ. މިއީ ރޭކާ ވަރަށް ލަދުގަންނަން ދިމާވި ކަމަކަށް ވެސް ވި އެވެ.

އެންމެފަހުން މުކޭޝް ކައިރިން ވަރިވާން ރޭކާ ނިންމި އެވެ. ނަމަވެސް ރޭކާ ވަރިކުރާކަށް މުކޭޝް ބޭނުމެއް ނޫނެވެ. އޭރު އެ ދެ މީހުންގެ ކައިވެންޏަށް ވީ އެންމެ ހަތް މަހެވެ. އެންމެފަހުން އޮކްޓޯބަރު 2، 1990 ގައި މުކޭޝް އަމިއްލައަށް މަރުވީ އެވެ. އޭނާ ދަންޖެހިފައި ހުރީ ރޭކާގެ ދޯޕައްޓާއަކުން މަޅިއެއް ހަދައިގެން އެމީހުން ނިދާ ކޮޓަރީގެ ފަންކާގަ އެވެ. އޭނާ މަރުވުމުގެ ކުރިން ލިޔެފައިވާ ނޯޓުގައި އޭނާގެ މަރުގެ ޒިންމާ އެއްވެސް މީހަކު ނަގަން ނުޖެހޭކަމަށް ބުނެފައި ވިޔަސް މުކޭޝްގެ މަރާ އެކު ގިނަ ބަޔެއްގެ މަލާމާތާއި ފުރައްސާރައާ ރޭކާ އަށް ކުރިމަތިލާން ޖެހުނެވެ. މުކޭޝްގެ މަރުގެ ޒިންމާ ރޭކާގެ ބޮލުގައި އަޅުވައި އެ ދުވަސްވަރު ވާހަކަ ދެއްކި އެވެ. އަދި ރޭކާއަކީ "ފިރިހެނުން ކާ" މީހެއްގެ ގޮތުގައި ބައެއް މީހުން ސިފަ ކުރި އެވެ.

މުކޭޝްގެ ކޮއްކޮ އަނިލް ގުޕްތާ ވެސް ރޭކާ އާ އިދިކޮޅު ބަޔާންތައް ދިނެވެ. އަދި ރޭކާ މުކޭޝް އާ ކައިވެނިކުރީ ފައިސާއަށް ކަމަށާއި ހުރިހާ ފައިސާއެއް ލިބުމުން ކަންތައް ކުރި ގޮތަކީ އެއީ ކަމަށް ބުނެފައިވެ އެވެ.

ބުނެވޭ ގޮތުގައި ރޭކާ މުކޭޝްއާ ކައިވެނި ކުރިއިރުވެސް އަމީތާބާ ލޯބީގެ ގުޅުން އޮވެ އެވެ. އޭނާ އެ ކައިވެނިކުރީ އަމީތާބު މަތިން ހަނދާން ނައްތާލުމުގެ ބޭނުމުގަ އެވެ.

ރޭކާ އާއި އަމީތާބުގެ ލޯބީގެ ވާހަކަ އަކީ ފިލްމު އިންޑަސްޓްރީގެ އެންމެންނަށް އެނގޭ ބޮޑު ސިއްރެވެ. މި ދެ މީހުން އެކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ނަމަވެސް އެހެން މީހުންނަށް މިކަމާ ގުޅޭ މާގިނަ މައުލޫމާތު އެނގެ އެވެ. މި ދެ އެކްޓަރުންގެ "ހަމަހިމޭންކަމަކީ" އެމީހުންގެ ސިއްރު ހިފެހެއްޓުން ކަމަށް ގިނަބަޔަކު ބުނެ އެވެ. ރޭކާ އާއި އަމީތާބު ފުރަތަމަ ކުޅުނީ "ދޯ އަންޖާނޭ" އެވެ. އެންމެ މަޖާ ކަމަކީ މިފިލްމުގެ ޓައިޓްލް މިހާރަށް މި ދެ އެކްޓަރުންގެ ހާލަތާ ވަރަށް ގުޅޭ ކަމެވެ. "ދެ ބީރައްޓެހިން" މިއީ މިހާރު އަމީތާބާއި ރޭކާ އަށް މުޚާތަބު ކުރެވިދާނެ ދެ ލަފުޒަށް ވާތީ އެވެ. ނަމަވެސް ފިލްމުގައި ރޭކާ އުޅެނީ އަމީތާބު މަތިން ހަނދާން ނައްތާލެވޭތޯ އެވެ. އެކަމަކު އަސްލު ދިރިއުޅުމުގައި ރޭކާ ހަނދާން ނައްތާލަން މަސައްކަތްކުރާތަން ފެންނަނީ އަމީތާބެވެ.

އަމީތާބާއި ރޭކާގެ ލޯބީގެ މާތައް ފޮޅެމުން ފިލްމަކަށް ފަހު ފިލްމެއް އެކުގައި ކުޅެމުން ދިޔަ އެވެ. "ޚޫން ޕަސީނާ"، "މުގައްދަރް ކާ ސިކަންދަރް"، "ސުހާގް"، އަދި ދެ މީހުންގެ ލޯބީގެ އެންމެ ރަން ޒަމާނުގައި ނުކުތް "މިސްޓަ ނަޓްވަރްލާލް" އެވެ.

ދެ މީހުންގެ ލޯބީގެ ކުޅިގަނޑު އެންމެ މައްޗަށް ގޮސްފައިވާކަމަށް ބެލެވޭ ދުވަސްވަރު، 1984 ގައި "ސިލްސިލާ" އުފައްދަން ޑައިރެކްޓަރު ޔާޝް ޗޯޕްރާ ގަސްތުކުރި އެވެ. އަމީތާބާއި ރޭކާ އަދި ޖާޔާ ލީޑް ރޯލަށް ލައިގެންނެވެ. މި ފިލްމުގައި ކޮންމެ އެކްޓަރަކު ވެސް ކުޅުނީ ހަމަ ހަގީގީ ކެރެކްޓާ ކަހަލަ އެވެ. އެހާވެސް އެމީހުންގެ ޒާތީ ދިރިއުޅުމާއި ފިލްމުގެ ކެރެކްޓާ ގުޅެ އެވެ.

ފިލްމުގައި ދައްކަނީ އެންމެ ފަހު ވަގުތު ރޭކާ ދޫކޮށްލާފައި ޖާޔާއާ އެކު އަމީތާބު ދިރިއުޅުން އާރާސްތުކުރާ ތަނެވެ. ނަމަވެސް ފިލްމު ރިލީޒްވުމާއެކު މަޝްހޫރުވެގެން ދިޔައީ ފިލްމުގައި ހިމެނޭ އަމީތާބާއި ރޭކާގެ ލޯބީގެ މަންޒަރުތަކެވެ. "ސިލްސިލާ"ގެ އެ ލަވަތަކާއި މަންޒަރުތަކަކީ މިހާތަނަށް ވެސް އެފަދަ މަންޒަރުތައް ތަމްސީލު ކުރެވިފައި ނެތް ވަރުގެ ފުރިހަމަ މަންޒަރު ތަކެކެވެ. ދެ މީހުންނަށް އަސްލު ދިރިއުޅުމުގައި ނުލިބުނު ލޯބި މި ފިލްމުން ހޯދަން ބޭނުންވެގެން އުޅުނު ކަހަލަ އެވެ.

"ސިލްސިލާ"ގެ ޑައިރެކްޓަރު ޔާޝް ޗޯޕްރާ އަކީ އަމީތާބާއި ރޭކާގެ ހަގީގީ ލޯބީގެ ވާހަކަތައް ދެއްކި މަދު މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. ބީބީސީ އަށް ޔާޝް ޗޯޕްރާ ވަރަށް ކުރިން ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި "ސިލްސިލާ"ގެ މަސައްކަތް ފެށުމުގެ މާކުރިއްސުރެ އަމީތާބާއި ރޭކާ އުޅުނީ ވަރަށް ލޯބިންނެވެ. އަދި "ސިލްސިލާ" ޝޫޓްކުރަމުން ދިޔައިރު އަމީތާބާއި ރޭކާ އަދި ޖާޔާގެ މެދުގައި އޮތް ހިތްހަމަނުޖެހުންތަކުގެ ސަބަބުން އޭނާ އަށް ވަރަށް ތުރާތައް ކުރިމަތިވިކަމަށް ވެސް ޔާޝް ޗޯޕްރާ ބުނެފައި ވެ އެވެ.

ރޭކާ އާއި އަމީތާބުގެ ގުޅުން ކަނޑާލީ "ކޫލީ" ކުޅެނިކޮށް ދިމާވި އެކްސިޑެންޓްގައި ލިބުނު ބޮޑު އަނިޔާއަށް ފަހުގަ އެވެ. އޭގެ ފަހުން މިހާތަނާ ޖެހެން ދެންވެސް ރޭކާ އާއި އަމީތާބު ވާހަކައެއް ނުދައްކަ އެވެ. އެ ދުވަހުން ފެށިގެން ރޭކާގެ ބާބު އަމީތާބުގެ ހަޔާތުން އަބަދުގެ އަބަދަށް ވަނީ ބަންދުވެފަ އެވެ.
ރޭކާ ވެސް އޭގެ ފަހުން ކައިވެންޏެއް ނުކުރެ އެވެ. އަދި މީހަކާ ރައްޓެހިވި ކަމުގެ ޚަބަރެއް ވެސް ނުވެ އެވެ.

ބުނެވޭ ގޮތުގައި އޭނަ ވަނީ މުޅި ހަޔާތް އަމީތާބަށްޓަކައި ހުސްކޮށްފަ އެވެ. މިހާރު އުމުރުން 67 އަހަރު ވެފައި ވިޔަސް ރޭކާ ކޮންމެވެސް ވަރަކަށް ފިލްމީ މަސައްކަތް ކުރެ އެވެ. ބައެއް ފިލްމުތަކުގައި މަންމަގެ ރޯލު އަދި އަނެއްބައި ފިލްމުތަކުގައި މާމަގެ ރޯލު ވެސް ކުޅެފައި އެބަހުއްޓެވެ.

ވަރަށް އެކަނިވެރި ދިރިއުޅުމެއް އުޅެމުންދާ ރޭކާގެ މިހާރުގެ ހަމައެކަނި އެކުވެރިޔަކީ އޭނަގެ ޒަމާންވީ މެނޭޖަރު ފަރުޒާނާ އެވެ.