30 މެއި 2019 - 23:32

ދަރުމަވަންތަ ހޮސްޕިޓަލުގެ ބައެއް ތަންތަނަށް ދީފައިވާ ދިވެހި ނަންތަކާ މެދު ބަހުގެ އެކަޑަމީން އިތުރަށް ވިސްނުމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން މިއަދު އެދިވަޑައިގެންފި އެވެ.
އެ ނަންތައް ބޮޑު ޖޯކަކަށް ހަދައި އާއްމުންގެ ފާޑުކިއުން އަމާޒުކޮށްފައި ވަނިކޮށް މިނިސްޓަރު ޔުމްނާ މިއަދު ވަނީ އެކަޑެމީގެ އިސްބޭފުޅުންނާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފަ އެވެ. އެ ބައްދަލުވުމަށް ފަހު މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާތީ އެ ނަންތަކާ މެދު އެކަޑަމީގެ ބޯޑު މެމްބަރުންނާ އިތުރަށް މަޝްވަރާ ކުރަން އެދިވަޑައިގެންނެވި ކަމަށެވެ.
"އާ ލަފްޒު ހައްދަވާއިރު މިހާރަށްވުރެ ބޮޑަށް އާންމުންގެ ޚިޔާލު ހޯއްދެވޭ ގޮތަކަށް އުސޫލަށް ބަދަލިު ގެންނަވަން ވެސް ލަފާއެރުވިން" މިނިސްޓަރު ޓްވީޓުގައި ވެ އެވެ.
ހެރިޓޭޖް މިނިސްޓަރު ޔުމްނާ މީގެ ކުރިން ވެސް ވަނީ އާ ލަފްޒު ހަދާ އުސޫލަށް ބަދަލު ގެންނަން ޖެހިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ ލަފްޒު ހަދަންވާނީ އާއްމުންގެ ހިޔާލާއެކު ގިނަ ބަޔަކަށް ކިޔަން ފަސޭހަ ގޮތަކަށް ކަމަށެވެ.
މިފަހުން ދިވެހި ބަހުގެ އެކަޑެމީން ގިނަ ބަސްތަކެއް ހަދާފައިވާއިރު އެ ބަސްތަކަށް އާއްމުންގެ ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައިވެ އެވެ. ހާއްސަކޮށް ދަރުމަވަންތަ ހޮސްޕިޓަލުގެ ކޮޓަރިތަކުގައި ހަރުކޮށްފައި ހުރި ނަން ބޯޑުތަކާއެކު ސޯޝަލް މީޑިއާގައި ފާޑުކިޔުން އިތުރެވެ. އެއީ ކިޔަން އުނދަގޫ، ދިވެހިންނާ ބީރައްޓެހި ބަސްތަކަކަށް ވާއިރު މިއީ ދިވެހިން ބޭނުން ކުރާނެ ބަސްތަކެއް ނޫން ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ.