01 ޖޫން 2019 - 08:47

އަންނަ އީދު ދުވަހު ރިލީޒްކުރާ، ސަލްމާން ހާންގެ އާ ފިލްމު "ބާރަތު" ގެ ނަމުގެ މައްސަލަ ނިއު ދިއްލީ ހައި ކޯޓަށް ހުށަހަޅައިފި އެވެ.
އޭގައި ބުނެފައި ވަނީ އެ ނަމަކީ ގައުމިއްޔަތަށް ނިސްބަތްކުރެވޭ ނަމެއް ކަމަށާއި އެހެންވެ ޕްރޮފެޝަނަލް އަދި ވިޔަފާރި އުސޫލުން ކުރާ ކަމަކަށް "ބާރަތު" ކިޔުމަކީ ނަމުގެ ހައިބަތު ގެއްލުވައިލުން ކަމަށާއި އެ ނަން މީހަކަށް ވެސް ނިސްބަތް ނުކުރެވޭނެ ކަމަށެވެ. އެހެންވެ ފިލްމު ނަން ބަދަލުކޮށް ދޭން ޕެޓިޝަނުގައި އެދިފައިވެ އެވެ.
އޭގައި ބުނެފައިވާ ގޮތުގައި ސަލްމާންގެ ފިލްމަށް "ބާރަތު" ކިޔާފައި ވަނީ އެމްބްލެމްސް އެންޑް ނޭމްސް ގާނޫނުގެ 3 ވަނަ މާއްދާއާ ވެސް ހިލާފަށެވެ.
އެހެންވެ އެކަންކަމަށް ރިއާޔަތްކޮށްފައި، ފިލްމު އުފެއްދި ޓީމަށާއި ސެންޓްރަލް ބޯޑް އޮފް ފިލްމު ސެޓިފިކޭޝަން (ސީބީއެފްސީ) އަށް ފިލްމުގެ ނަން ބަދަލުކުރަން އަމުރުކޮށް ދިނުމަށް ޕެޓިޝަނުގައި އެދުމުގެ އިތުރަށް ބާރަތުގެ ނަމުން ސަލްމާނަށް ފިލްމުގައި މުހާބަތުކުރާ ޑައިލޮގްތައް ވެސް އުނިކޮށް ދޭން އެދިފައިވެ އެވެ.
އަލީ އައްބާސް ޒަފަރު ޑައިރެކްޓްކޮށްފައިވާ "ބާރަތު" ގައި ސަލްމާން ފެނިގެން ދާނީ ގައުމަށްޓަކައި ފިދާވާ "ބާރަތު" ކިޔާ ކެރެކްޓާއަކުންނެވެ. އަދި ފިލްމުގައި އޭނާ ގައުމަށްޓަކައިވާ ގުރުބާނީ ހަޔާތުގެ އެކި ދުވަސްވަރުގެ ސޮފުހާތަކުގެ ގޮތުގައި ދައްކުވައި ދޭނެ އެވެ.
މި ފިލްމަކީ 2014 ގައި ރިލީޒް ކުރި ކޮރެއާ ފިލްމު "އޯޑް ޓް މައި ފާދާ" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.
ޖުމްލަ 100 ކްރޯޑްގެ ބަޖެޓަކުން ހަދާފައިވާ "ބާރަތު" އަކީ ސަލްމާންގެ ޅިޔަނު އަތުލް އަގްނިހޯތުރީ އާއި ބުޝަން ކުމާރުގެ ޓީ ސީރީޒްގެ އިތުރުން ސަލްމާންގެ ފިލްމު ކުންފުނިން ގެނެސްދޭ ފިލްމެކެވެ.
"ބާރަތު" ގެ ނަމުގެ މައްސަލަ ކޯޓަށް ހުށަހެޅި އިރު، މިދިޔަ އަހަރު ސަލްމާން ޕްރޮޑިއުސްކުރި "ލަވްރާތުރީ" އަކީ ވެސް ނަން ބަދަލު ކުރަން ޖެހުނު ފިލްމެކެވެ. އެ ފިލްމު ރިލީޒް ކުރީ ނަން "ލަވް ޔާތުރީ" އަށް ބަދަލުކޮށްގެންނެވެ.
ނަމަވެސް "ބާރަތު" ގެ މައްސަލާގައި ފިލްމުގެ ޓީމުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.