31 މެއި 2019 - 09:10

އިނގިރޭސި ވިލާތުގެ ލިޔުންތެރިޔާ ޖޭކޭ ރޯލިން ގެނެސްދިން ފެންޓަސީ ވާހަކަ ސީރީޒް "ހެރީ ޕޮޓާ" ގެ ފޭނުންނަށް އަނެއްކާ ވެސް އޮތީ އުފާވެރި ޚަބަރެކެވެ. މި ސިލްސިލާގެ އިތުރު ހަތަރު ފޮތެއް ނެރެން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
ފުރަތަމަ ދެ ފޮތް އަންނަ މަހުގެ 27 ގައި ނެރެން ވެސް ވަނީ ތާވަލުކޮށްފަ އެވެ. އެކަމަކު ކުރިއާ ހިލާފަށް މި ފަހަރު ފޮތްތައް ނެރެނީ ހާޑްކޮޕީގެ ބަދަލުގައި ސޮފްޓްކޮށް، ޑިޖިޓަލްކޮށް ކިޔައިލެވޭ ގޮތަށް އީ-ބުކްގެ ގޮތުގަ ވެ.
އެގޮތުން އަންނަ މަހުގެ 27 ގައި ނެރެން ނިންމާފައި ވަނީ "އަ ޖާނީ ތުރޫ ޗާމްސް އެންޑް ޑިފެންސް އެގެއިންސްޓް ދަ ޑާކް އާޓްސް" އާއި "އަ ޖާނީ ތުރޫ ޕޯޝަންސް އެންޑް ހާބޮލޮޖީ" އެވެ.
"ހެރީ ޕޮޓާ" ސިލްސިލާގެ ދަށުން ނެރޭ އަނެއް ދެ ފޮތަކީ "އަ ޖާނީ ތުރޫ ޑިވިނޭޝަން އެންޑް އެންޑް އެސްޓްރޮނޮމީ" އާއި "އަ ޖާނީ ތުރޫ ކެއާ އޮފް މެޖިކަލް ކްރީޗާޒް" އެވެ. ނަމަވެސް މި ދެ ފޮތް ނެރޭނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
ޕޮޓާމޯ ޕަބްލިޝިން އިން ކުރު އަދި ނަން-ފިކްޝަން ފޮތުގެ ގޮތުގައި ނެރޭ ހަތަރު ފޮތުގައި ކުރެހުންތެރިޔާ ރޯހަން ޑެނިއެލް އީޒަންގެ ކުރެހުންތައް ވެސް ހިމެނޭނެ އެވެ.
"ހެރީ ޕޮޓާ" ގެ އިތުރު ހަތަރު ބައި ނެތެން ނިންމި އިރު، މި ސިލްސިލާގެ ފުރަތަމަ ވާހަކަ ނެރުނުތާ 20 އަހަރު ފާހަގަ ކުރީ މިދިޔަ އަހަރު އެވެ.
"ހެރީ ޕޮޓާ" ގެ ވާހަކަތައް ލިޔެގެން މަހުޖަނަކަށްވި ޖޭކޭ ރޯލިން، 53، ވަނީ އެ ސިލްސިލާގެ ހަތް ވާހަކައެއް ކުރިން ނެރެފަ އެވެ. އެއީ ހެރީ ޕޮޓާ އެންޑް ދަ ފިލޯސަފާޒް ސްޓޯން (1997)، ހެރީ ޕޮޓާ އެންޑް ދަ ޗެމްބަ އފް ސީކްރެކްޓްސް (1998)، ހެރީ ޕޮޓާ އެންޑް ދަ ޕްރިޒަނާ އޮފް އަޒްކަބާން (1999)، ހެރީ ޕޮޓާ އެންޑް ދަ ގޮބްލެޓް އޮފް ފަޔަ (2000)، ހެރީ ޕޮޓާ އެންޑް ދަ އޯޑާ އޮފް ދަ ފީނިކްސް (2003)، ހެރީ ޕޮޓާ އެންޑް ދަ ހާފް-ބްލަޑް ޕްރިންސް (2005) އަދި ހެރީ ޕޮޓާ އެންޑް ދަ ޑެތުލީ ހެލޯސް (2007) އެވެ.
މި ފޮތްތަކަށް ބިނާކޮށް ވަނީ ފިލްމު ވެސް ގެނެސް ދީފަ އެވެ. އެގޮތުން އެންމެ ފަހު ވާހަކަ އަށް ބިނާކޮށް ދެ ބަޔަކަށް ގެނެސް ދިން ފިލްމުގެ ފަހު ބައި ސިނަމާތަކަށް އައީ 2011 ގަ އެވެ. އަށް ފިލްމަށް ބޮކްސް އޮފީހުގައި ޖުމްލަ 7.7 ބިލިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.
"ހެރީ ޕޮޓާ" ގެ ވާހަކަތައް 80 ބަހަކުން ތަރުޖަމާކޮށްގެން ނެރެފައިވެ އެވެ.