އެމްއެންޑީއެފްގެ އައްޑޫ "ރަން 127" އަށް ފުރުސަތު ހުޅުވާލައިފި
އެމްއެންޑީއެފްގެ އައްޑޫ "ރަން 127" އަށް ފުރުސަތު ހުޅުވާލައިފި

އެމްއެންޑީއެފް ސަދަން އޭރިއާ އިން އަންނަ މަހު ބާއްވާ "ރަން 127" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އަންނަ މަހުގެ 15 ގައި ބާއްވާ މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ އަށްވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ދެ ކެޓަގަރީއަކަށް ބަހާލައިގެން ބާއްވާ ދުވުމުގައި ހިލޭ ބައިވެރިވެވޭނެ އެވެ.

އެމްއެންޑީއެފުން ބުނީ މަރަދޫ ވެންބޮޅޮފިށި ސްޓޭޑިއަމް ކައިރިން ފަށާ ދުވުން ކުރިއަށް ގެންދާނީ ފަސް ކިލޯމީޓަރާއި 10 ކިލޯމިޓަރަށް ދުވާ ގޮތަށް ކަމަށެވެ.

އެގޮތުން، ފަސް ކިލޯ މީޓަރުގެ ކެޓަގަރީގައި ބައިވެރިވެވޭނީ އުމުރުން 13 އަހަރު ނުވަތަ އެ އަށް ވުރެ މަތީ އުމުރުގެ މީހުންނަށެވެ. އަދި 10 ކިލޯ މީޓަރުގެ ކެޓަގަރީގައި ބައިވެރިވެވޭނީ އުމުރުން 16 އަހަރު ނުވަތަ އެ އަށް ވުރެ މަތީ އުމުރުގެ މީހުންނަށް ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މިއީ ސިފައިންގެ 127 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން، ދުޅަހެޔޮ ސިއްތަހަކަށް އަމާޒުކޮށްގެން ބާއްވާ ދުވުމެކެވެ.

މި ދުވުން އެމްޑީއެފް ސަދަން އޭރިއާ އިން އާންމުކޮށް ހުޅުވާލައިގެން ބާއްވަން ފެށީ 2015 އިން ފެށިގެންނެވެ.