30 މެއި 2019 - 20:23

މޯލްޑިވްސް އިމިގްރޭޝަންގެ އެސިސްޓެންޓު ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވި ހާމިދު ފަތުހުﷲ ވަޒީފާ އިން ވަކިކޮށްފި އެވެ.
އޭނާ ވަކިކުރީ، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ސަސްޕެންޝަންގައި ހުންނަވަނިކޮށެވެ.
އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހާމިދު ފަތުހުﷲ ވަޒީފާއިން ވަކިކުރިކަން ސީއެސްސީއިން އަންގާފައިވާ ކަމަށެވެ. އޭނާ ސަސްޕެންޑް ކުރި ސަބަބެއްވެސް ވަޒީފާއިން ވަކިކުރި ސަބަބެއްވެސް ސީއެސްސީއަކުންވެސް އިމިގްރޭޝަންއަކުން ވެސް ހާމައެއް ނުކުރެ އެވެ.
ސިވިލް ސާވިސް ކޮމިޝަނުން ވަނީ ހާމިދުގެ ބަދަލުގައި އިމިގްރޭޝަންގެ ޒިންމާދާރު ވެރިޔާގެ މަގާމަށް އެތަނުގެ ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރު މޫސާ ރަމީޒު އޭރު އައްޔަން ކޮށްފަ އެވެ.
ހާމިދުގެ އިތުރުން އެސިސްޓަންޓް ކޮންޓްރޯލާ އަބްދުﷲ ވަހީދު ވެސް ސަސްޕެންޑްކުރި އެވެ. އެކަމަކު ސަސްޕެންޝަނަށް ފަހު، އަބްދުﷲ ވަހީދު ވަނީ އޮފީހަށް ނުކުންނަވައިފަ އެވެ.