30 މެއި 2019 - 17:01

ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާ މައްސަލަތަކަށް ބަހުސް ކުރުމުގެ ވަގުތު ހަތަރު ގަޑިއިރަށް އިތުރު ކުރުމަށް، މަޖިލިހުގެ ގަވައިދު އިސްލާހު ކުރަން ހެދި ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ގަވައިދުގައިި ކުރިން އޮންނަ ގޮތުން މަޖިލިހަށް ހުށަހަޅާ ގަރާރުތަކާއި ބިލްތަކަށް ބަހުސް ކުރަން މެމްބަރުންނަށް ލިބިވަޑައިގަންނަވަނީ ތިން ގަޑިއިރެވެ. އަދި ވާހަކަ ދައްކަވަން ފުރުސަތު ލިބިވަޑައިގަންނަވަނީ ޕާޓީތަކަށް މެމްބަރުން ތަމްސީލް ކުރައްވާ ނިސްބަތަކަށް ބަލައިފަ އެވެ.
އެގޮތުން، މެމްބަރުން އެންމެ ގިނަ ޕާޓީ އަށް ބަހުސް ކުރަން ގިނަ ވަގުތު ލިބެ އެވެ. އަދި އަމިއްލަ މެމްބަރުން ބަހުސް ކުރައްވަން ވަކި ވަގުތެއް ވެސް ގަވައިދުގައި ކަނޑައަޅާފައި ވެ އެވެ.
ކޮމިޓީން މިއަދު ނިންމާފައި ވަނީ މަޖިލިސް ކުރާ މާލަމުގައި ކުރިއަށް ގެންދާ ބަހުސްތަކަށް ތިން ގަޑިއިރު ދިނުމަށެވެ. އެހެންކަމުން ކޮންމެ މެމްބަރަކަށް ދެ މިނިޓެއްހާ އިރު، ވާހަކަ ދައްކަވަން ލިބިވަޑައިގަންނަވަ އެވެ. އަދި ބާކީ އެއް ގަޑިއިރު، ސިޔާސީ ހަ ޕާޓީގެ މެދުގައި ބަހާލަން ވަނީ ކޮމިޓީން ނިންމައިފަ އެވެ.
އެހެންކަމުން ކޮންމެ ޕާޓީއަކަށް 10 މިނިޓު ބަހުސް ކުރަން ލިބޭނެ އެވެ.
"މެމްބަރަކު މިސާލަށް ބޭނުން ވަނީ ބަހުސް ކުރުމުގެ ފުރުސަތު ދޫކޮށްލަން. އެހެންވެއްޖެ ނަމަ، އެ ފުރުސަތު އެ މެމްބަރަކަށް އޮންނާނެ. އަދި އެ ފުރުސަތު އެހެން މެމްބަރަކަށް ބޭނުން ކުރެއްވޭނެ،" ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިހަށް އަލަށް އިންތިހާބުވެވަޑައިގެންނެވި މެމްބަރަކު "މިހާރު" އަށް މިއަދު ވިދާޅުވި އެވެ.
މަޖިލިސް ހިންގަން އާ ގަވާއިދެއް ހެދުމަށް ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕްތަކުގެ މެމްބަރުންގެ މައްޗަށް އެކުލެވޭ 11 މެމްބަރުންގެ ވަގުތީ ކޮމިޓީއެއް ވަނީ އިއްޔެ ވަނީ އެކުލަވާލައިފަ އެވެ.
އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފު އުމަރު، ތިމަރަފުށީ ދާއިރާގެ ޖޭޕީގެ މެމްބަރު އަބްދުﷲ ރިޔާޒު، ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް، ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އަހުމަދު އާމިރު، ވިލިނގިލީ ދާއިރާގެ އަމިއްލަ މެމްބަރު ސައުދު ހުސައިން، ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ލަތީފު، އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒައިނާ އާދަމް، ހުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިލްޔާސް ލަބީބު، މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފު، ފޮނަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މޫސާ ސިރާޖު، ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލް ޣަފޫރު މުސާ އެވެ.