30 މެއި 2019 - 14:44

އުރީދޫ އިން އައްޑޫގައި ބާއްވާ "ކަލަ ރަން" އަންނަ މަހުގެ 28 އަށް ފަސްކޮށްފި އެވެ.
ކުރިން މި ދުވުން ބާއްވަން ނިންމާފައި އޮތީ އަންނަ މަހު 21 ގަ އެވެ. އުރީދޫ އިން ބުނި ގޮތުގައި ކަލަ ރަން ބާއްވާ ތާރީހު ފަސްކުރީ ގިނަ ބައިވެރިންނަށް ފުރުސަތު ދިނުމަށެވެ. އަދި އެ ގޮތަށް ނިންމީ ދުވުމުގެ ބައިވެރިންނާއި ޕާޓްނަރުންގެ އެދުމުގެ މަތިން ކަމަށް ބުންޏެވެ.
އުރީދޫ ކަލަ ރަން މީގެ ކުރިން ބާއްވާފައި ވަނީ މާލޭގައި އެކަންޏެވެ. މިއީ އައްޑޫގައި މި ދުވުން ބާއްވާ ފުރަތަމަ ފަހަރެވެ. މި އަހަރު ހުޅުމާލޭގައި ބޭއްވި މި ދުވުމުގައި ރެކޯޑް އަދަދަކަށް މީހުން ބައިވެރިވި އެވެ.
އުރީދޫ އިން ޔޫތު މިނިސްޓްރީއާ ގުޅިގެން މިފަހަރު އައްޑޫގައި ކަލަ ރަން ކުރިއަށް ގެންދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މީހުންނަށް އެ ދުވުން ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ދިނުމުގެ ބޭނުމުގަ އެވެ.
އައްޑޫގައި ބާއްވާ ދުވުން ވެސް ކުލަ ގަދަކޮށް ފާހަގަކުރާނެ ކަމަށް އުރީދޫން ބުންޏެވެ. މީގެ އިތުރުން ދުވުން އޮންނަ ދުވަހުގެ ހެނދުނު ކައިޓް ފެސްޓިވަލެއް ބާއްވާނެ އެވެ.
ކަލަ ރަންގައި ހަ އަހަރުން މަތީގެ އެންމެންނަށް ބައިވެރިވެވޭނެ އެވެ. މި ދުވުމުގައި ބައިވެރިވާން އުރީދޫގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ.
އުރީދޫ ކަލަ ރަން ކޮންމެ އަހަރަކު ބާއްވާ މި ދުވުމަކީ ފަސް ކިލޯމީޓަރުގެ ދުވުމެކެވެ. މިދުވުން ނިމުމުން އެންމެ ފޯރިގަދަ ދުވުންތެރިއާ އާއި އެންމެ ރީތި ކޮސްޓިއުމް އެޅި ދުވުންތެރިއަކަށް ހާއްސަ އިނާމެއް ދޭނެ އެވެ.