05 ސެޕްޓެމްބަރ 2016 - 15:35

ރާއްޖެ އަތުން މީގެ ދެ އަހަރު ކުރިން 7-1 އިން ބަލިވި މެޗަކީ މާޒީ ކަމަށާއި، މިހާރު އޮތީ ބަދަލުވެފައިވާ ޓީމެއް ކަމަށާއި އަމާޒަކީ އޭޝިއަން ކަޕް ކޮލިފައިންގައި މާދަމާރޭ ރާއްޖެ އަތުން މަދުވެގެން ޕޮއިންޓެއް ހޯދުން ކަމަށް ލާއޮސްގެ ކޯޗު ވަލަކޯނޭ ފޮމްފަކްޑީ ބުނެފި އެވެ.
އޭއެފްސީ ޗެލެންޖް ކަޕަށް ތައްޔާރުވާން 2014 ވަނަ އަހަރު ރާއްޖެ އާއި ލާއޮސް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭން ލީޑު ނަގާފައިވަނިކޮށް ލާއޮސް އިން އެއްވަރުކޮށް ރާއްޖެ ހާސްކޮށްލި އެވެ. އެކަމަކު ފަހުން ރާއްޖެ ތަފާތު ބޮޑުކޮށްލި އެވެ. އެ މެޗުގައި އަލީ އަޝްފާގް (ދަގަނޑޭ) އަދި އަލީ ފާސިރު (ސެންޓޭ)، ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ޖެހި އެވެ.
ދެ އަހަރު ފަހުން މި ދެ ޓީމު މާދަމާރޭ ނުކުންނަނީ ވާދަވެރި މެޗަކަށެވެ. އޭޝިއަން ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ލެގުގައި މާލޭގައި މާދަމާރޭ ކުޅުމަށް ފަހު ލާއޮސްގައި ކުޅޭ ލެގު އޮންނާނީ އަންނަ މަހު އެވެ. ދެ ލެގުން ކުރި ހޯދާ ޓީމަކަށް، ކޮލިފައިންގެ ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭނެ އެވެ.
"އެ ދުވަސް މިހާރު މާޒީވެއްޖެ. ކުރީގެ ހެޑްކޯޗު މިހާރު މަގާމް ދޫކޮށްލައިފި. މިހާރު މުޅިން އާ ސެޓްއަޕެއް މިއޮތީ. އޭރުގެ ބައެއް ކުޅުންތެރިން ހިމެނޭ މިހާރުގެ ޓީމުގައި ވެސް. އެކަމަކު 70 ޕަސެންޓް ބަދަލުވެއްޖެ. އެހެންވެ ތަފާތު ފެންނާނެ،" ވަލަކޯނޭ ބުންޏެވެ.
އޭނާ ބުނީ މެޗަށް ލާއޮސް އިން ވަރަށް ރަނގަޅަށް ތައްޔާރުވެއްޖެ ކަމަށާއި ރާއްޖެ އަށް ވުރެ ވަރުގަދަ ގައުމެއް ކަމަށްވާ ސައުދީ އަރަބިއާއާ އެކުވެރިކަމުގެ މެޗެއް ކުޅެފައިވާ ކަމަށެވެ. އެ މެޗުން 4-0 އިން ބަލިވި ނަމަވެސް، ސައުދީ ފަދަ ވަރުގަދަ ޓީމަކާ ކުޅުމުގެ ފައިދާ ފެންނާނެ ކަމަށް ކޯޗު ބުންޏެވެ.
"ރާއްޖެ ވެސް ބަންގްލަދޭޝާ ދެކޮޅަށް މޮޅަށް ކުޅެ މޮޅުވެފައިވަނީ. އަނެއްކާ ރާއްޖެ ކުޅެނީ އަމިއްލަ ދަނޑުގައި. އަމިއްލަ ވަސީލަތްތައް ލިބޭނެ. އެހެންވެ ފޭވަރިޓަކީ ރާއްޖެ. އަހަރެމެން ބޭނުންވަނީ މަދުވެގެން ޕޮއިންޓެއް ވިޔަސް ހޯދައިގެން އެނބުރި ދާން. އޭރުން އަނެއް ލެގަށް ނުކުންނައިރު އެޑްވާންޓޭޖް އޮންނާނެ،" ވަލަކޯނޭ ބުންޏެވެ.
ކޯޗު ބުނީ، އޭއެފްސީ ކަޕުގައި ރާއްޖޭގެ ކްލަބްތަކާ ދެކޮޅަށް ލާއޮސްގެ ކްލަބްތަކުން ކުޅެފައިވާތީ ދިވެހި ފުޓްބޯޅަ ލާއޮސްގެ ކުޅުންތެރިންނަށް އެނގޭ ކަމަށާއި ކުރީގެ ތާރީހު ބަދަލުކުރެވޭނެ ކަމަށް ގަބޫލުކުރާކަމަށެވެ.
"ކުރީގެ ނަތީޖާއަކީ ލަދުވެތި ނަތީޖާއެއް. އެކަން ބަދަލުކުރެވޭނެ،" އޭނާ ބުންޏެވެ.