30 މެއި 2019 - 13:25

އެފްއޭއެމުން ދިން ފުރުސަތެއްގައި މާޒިޔާ އިން 12 ދުވަހުގެ ޓްރެއިނިން ކޭމްޕެއްގައި މިއަދު ސައުދި އަރަބިއާ އަށް ފުރައިފި އެވެ.

މި އަހަރުގެ އޭއެފްސީ ކަޕުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުނު ދިވެހި ދެ ކްލަބް ކަމަށްވާ މާޒިޔާ އާއި ލީގު ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބަށް ބަދަލެއްގެ ގޮތުން އެފްއޭއެމުން ޓްރެއިނިން ކޭމްޕެއް ހަމަޖައްސައިދޭން ނިންމާފައިވާކަން އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ މިދިޔަ މަހު އިއުލާނުކޮށްފަ އެވެ. މާޒިޔާ އިން މިއަދު ކޭމްޕަށް ފުރިއިރު، އެނގިފައިވާ ގޮތުގައި ޓީސީން ކޭމްޕް ދާން ނިންމާފައިވަނީ އަންނަ ޖުލައި މަހު އެވެ.
މިދިޔަ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން ޓީސީ އާއި ދެ ވަނަ ހޯދި މާޒިޔާ އަށް އޭއެފްސީ ކަޕަށް މި އަހަރު ނުދެވުނީ ކްލަބް ލައިސަންސް ނުލިބުމުންނެވެ. ލައިސަންސް ހޯދަން ލިޔެކިޔުން ހުށަނޭޅުނީ އެފްއޭއެމްގެ އިހުމާލުން ކަމަށް ކްލަބްތަކުން ބުނި ނަމަވެސް އެފްއޭއެމުން އޭރު ބުނީ ކްލަބްތަކުގެ މައްސަލަ ވެސް އެބައޮތް ކަމަށެވެ. އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން އެފްއޭއެމުން ވަނީ މި އަހަރު ލީގުގައި ވާދަކުރާ ހުރިހާ ޓީމަކުން އޭއެފްސީ ކްލަބް ލައިސަންސް ހޯދަންޖެހޭ ގޮތަށް ގަވައިދު ބަދަލުކޮށްފަ އެވެ.
މި ސީޒަނަށް އެންމެ ކުރިން ފަރިތަކުރުންތައް ފެށި މާޒިޔާގެ މި އަހަރުގެ ކޯޗަކީ 2017 ވަނަ އަހަރު އެ ޓީމަށް އިރުޝާދުދިން އެ ކްލަބްގެ ފުރަތަމަ ބިދޭސީ ކޯޗު މެސެޑޯނިއާގެ މަރްޔާން ސެކުލޮސްކީ އެވެ. މާޒިޔާ އިން ވަނީ އދ. މަހިބަދޫގައި ވެސް 10 ދުވަހުގެ ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށްފަ އެވެ.
މާޒިޔާގެ ކޯޗު ސެކުލޮސްކީ ބުނީ މިއީ ބައިނަލްއަގްވާމީ ޓްރެއިނިން ކޭމްޕެއް ކަމަށްވުމުން މީގެ ފައިދާ ކުޅުންތެރިންނަށް ހުރިހާ ކުޅުންތެރިންނަށް ވެސް ބޮޑަށް ކުރާނެ ކަމަށެވެ.
"އަހަރެމެން ކުރިން ފުރިހަމަކުރި ޓްރެއިނިން ކޭމްޕް ވެސް ދިޔައީ ރަނގަޅަށް. މިއީ ބައިނަލްއަގްވާމީ ފެންވަރުގެ ޓްރެއިނިން ކޭމްޕެއް. ކުޅުންތެރިންނަށް ރަނގަޅު ވަސީލަތްތަކުގައި ފަރިތަކޮށްލަން ލިބޭނެ. ޓީމު އިތުރަށް ވަރުގަދަކޮށްލަން ލިބޭ ފުރުސަތެއް މިއީ. ތިން ހަފްތާ ފަހުން އަހަރެމެންގެ މެޗު މި އޮތީ. އޭރަށް މުޅި ޓީމު އަހަރެން ބޭނުންވާ ލެވެލަށް ގެންދެވޭނެ،" ކުރިން މިޔަންމާ ލީގުގައި ކާމިޔާބު މަސައްކަތްތަކެއް ކުރި ސެކުލޮސްކީ ބުންޏެވެ.
މި ޓްރެއިނިން ކޭމްޕްގައި މާޒިޔާ އިން ދެ މެޗެއް ކުޅެން ވަނީ ހަމަޖެހިފަ އެވެ. ސެކުލޮސްކީ ބުނީ ރާއްޖޭގެ މުބާރާތަށް ތައްޔާރުވާން ބައިނަލްއަގްވާމީ ފެންވަރުގެ މެޗުތަކެއް ކުޅެލަން ލިބުމަކީ ޓީމުގެ ކޮންފިޑެންސާ ހުރިހާ ކަމަކަށް ވަރަށް ފައިދާކުރާނެ ކަމެއް ކަމަށެވެ.
މާޒިޔާ މެނޭޖްމަންޓުން ވަނީ މި ޓްރެއިނިން ކޭމްޕްގެ ފުރުސަތު ހަމަޖައްސައިދިނުމުން އެކަމަށް އެފްއޭއެމާއި ސައުދީ އަރަބިއާގެ ފުޓްބޯޅަ ފެޑެރޭޝަނަށް ޝުކުރުއަދާކޮށްފަ އެވެ.
ސައުދީ އަރަބިއާގެ ފުޓްބޯޅަ ފެޑެެރޭޝަނުގެ އެހީތެރިކަމާ އެކު ހަމަޖެހުނު މި ޓްރެއިނިން ކޭމްޕްގައި މާޒިޔާ އިން އުމްރާ އަކަށް ދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ކަމަށާއި ދީނީ އެހެނިހެން ކަންތައްތަކަށް ހޭލުންތެރިކުރުމުގެ ގޮތުން މާޒިޔާގެ މެނޭޖްމަންޓުން ވަނީ އެ ކްލަބްގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ސެޝަނެއް ކުރިއަށް ގެންގޮސްފަ އެވެ. އެ ސެޝަނުގައި މައުލޫމާތު ދެއްވީ ޝެއިހް އަބްދުއްސަލާމް ދާއޫދު އެވެ.
މި ފަހަރުގެ ފުޓްބޯޅަ ސީޒަނަށް އެންމެ ރަނގަޅަށް ތައްޔާރުވި އެއް ޓީމު ކަމަށްވާ މާޒިޔާ އިން ވަނީ ފެންވަރު ރަނގަޅު ކުޅުންތެރިންތަކެއް ޓީމަށް ގެނެސްފަ އެވެ. ޓީސީގެ އަބްދުﷲ ހަނީފް (ބެންޖޯ) އާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އާއި ނިއު ރޭޑިއަންޓުގެ އަހުމަދު އަބްދުﷲ (ލިލީ) އަދި ހަމްޒާ މުހައްމަދު (ހަމްޕު) ގެނެސްފަ އެވެ. އަދި މި އަހަރު މާޒިޔާގެ ގޯލު ބަލަހައްޓާނީ އަފްގާނިސްތާން ގައުމީ ޓީމުގެ އެއް ވަނަ ގޯލްކީޕަރު އޮވޭސް އަޒީޒީ އެެވެ.
އެފްއޭއެމުން ކްލަބްތަކަށް ހިއްސާކޮށްފައިވާ ޕްރިމިއާ ލީގުގެ ޝެޑިއުލަށް ބަލާއިރު މާޒިޔާގެ ފުރަތަމަ މެޗު އޮތީ އަންނަ މަހުގެ 19 ވަނަ ދުވަހު އެންމެ ފަހުގެ ޗެމްޕިއަން ޓީސީއާ ދެކޮޅަށެވެ. މިއީ ލީގުގައި އެންމެ ފުރަތަމަ ކުޅެން ހަމަޖެހިފައި އޮތް މެޗެވެ. އެކަމަކު ޓްރެއިނިން ކޭމްޕަށް ފަހު މާޒިޔާ އަންނަން އޮތް ތާރީހަށް ބެލުމަށް ފަހު އެ މެޗު ފަސްކުރީ އެވެ.