ޝާހްރުކް ހާންގެ ދަރިފުޅު އަރިޔަން އެކްޓިން ކެރިއަރު ފަށާނީ ހޮލީވުޑް ފިލްމަކުން؟
ޝާހްރުކް ހާންގެ ދަރިފުޅު އަރިޔަން އެކްޓިން ކެރިއަރު ފަށާނީ ހޮލީވުޑް ފިލްމަކުން؟

ޝާހްރުކް ހާންގެ ދޮށީ ފިރިހެން ދަރިފުޅު އަރިޔަން ހާން ފިލްމު ކުޅެން ފަށާނެ އިރަކަށް ފާރަލައިގެން ތިބި މީހުން ބައިވަރެވެ. ޑައިރެކްޓަރު ކަރަން ޖޯހަރު ބުނާ ގޮތުގައި ގާތް އެކުވެރިޔާ ޝާހްރުކްގެ ދަރިފުޅު ބޮލީވުޑަށް ނެރޭނީ އޭނާގެ ފިލްމަކުންނެވެ. އަދި އެ ފިލްމު ވާނީ އަރިޔަންގެ އަލަތު ފިލްމަށެވެ.

ނަމަވެސް ފިލްމީ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނާ ގޮތުގައި އަރިޔަން އިންޓަނޭޝަނަލް އެކްޓަރަކަށް ހެދުމުގެ ހުވަފެން ޝާހްރުކް ދެކެމުން އަންނާތީ އޭނާ ބޭނުންވަނީ ހޮލީވުޑްގެ ފިލްމަކުން އަރިޔަން، 21، އެކްޓިން ކެރިއަރު ފަށާށެވެ.

އެކަމަކު އޭގެ ކުރިން ކަރަން އަންނަ އަހަރު ގެނެސްދޭ ފިލްމު "ތަހުތު" ގެ އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި އރިަޔަން މަސައްކަތް ކުރާނެ އެވެ.

އެމެރިކާގެ ކެލިފޯނިއާގައި މިހާރު ކިޔަވަމުން އަންނަ އަރިޔަން ވަރަށް އަވަހަށް ގްރެޖްއޭޓް ވެސް ވާނެ ކަމަށް ދާފި ފަހުން ޝާހްރުކް ބުންޏެވެ. މުމްބާއީ މިރާ އިން ބުނި ގޮތުގައި ޝާހްރުކް ވަނީ އަރިޔަންގެ ފޮޓޯތައް ހޮލީވުޑްގެ މަޝްހޫރު ބައެއް ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންނާ ވެސް ހިއްސާކޮށް، ދަރިފުޅަށް ފިލްމަކުން ފުރުސަތު ހޯދުމަށް މަސައްކަތްތަކެއްކޮށްފަ އެވެ.

އެ ނޫހުން ބުނި ގޮތުގައި އަރިޔަންއަކީ ސުޕަހީރޯ ފިލްމުތަކަށް ވަރަށް ބޮޑަށް ލޯބި ކުރާ ޒުވާނަކަށްވި ނަމަވެސް ބައްޕަ ޝާހްރުކް އޭނާ އަށް ސުޕަހީރޯ ފިލްމަކަށް އެއްބަސް ނުވާން ލަފާ ވެސް ދީފައިވާ ކަމަށް ބުންޏެވެ.

އެކަމަކު ސުވާލަކީ ބޮޑު ސްކްރީނުން އަރިޔަން ފެންނަ ވަރު ކިހާ ތާކުތޯ އެވެ؟ އެ ސުވާލަށް އަދިއެއް ޖަވާބެއް ނެތެވެ. ޝާހްރުކްގެ ފޭނުންނަށް އޮތީ ހަމަ އިންތިޒާރުގައި ތިބުމެވެ.