31 މެއި 2019 - 09:14

ކްރިސްޓޯފާ ނޯލަންގެ އާ ފިލްމު "ދަ ޓެނެޓް" އަށް ބޮލީވުޑްގެ ބަތަލާ ޑިމްޕަލް ކަޕާޑިއާ މިދިޔަ ހަފުތާގައި ސޮއިކޮށްފައި ވަނިކޮށް، ބޮލީވުޑްގެ ބަތަލާއަކަށް އަނެއްކާ ވެސް ހޮލީވުޑްގެ ވަރުގަދަ ޑައިރެކްޓަރެއްގެ ފިލްމަކުން ފުރުސަތު ލިބިއްޖެ އެވެ.
ބަތަލާ ހުމާ ގްރޭޝީ ސޮއިކޮށްފައި ވަނީ މަޝްހޫރު ޑައިރެކްޓަރު ޒެކް ސްނައިޑާގެ ފިލްމަކަށެވެ. އޭނާ އަކީ "ޖަސްޓިސް ލީގް" އާއި "300" ފަދަ ފިލްމުތަކުގެ ޑައިރެކްޓަރެވެ.
ލަސް ވެގަސް އަށް ވެރިގަންނަ ޒޮމްބީ ބައިގަނޑެއްގެ މައްޗަށް ބިނާކޮށް ސްނައިޑާ ހަދާ "އާމީ އޮފް ދަ ޑެޑް" ހުމާ އަށް ހުމާ ސޮއިކުރި އިރު، އެ ފިލްމުގެ ބަތަލުގެ ރޯލަށް މިދިޔަ މަހުގެ ތެރޭގައި ޑޭވް ބަޓިސްޓާ ސޮއިކޮށްފައިވެ އެވެ. އަންނަ ޖުލައި މަހުގެ ތެރޭގައި ޝޫޓިން ފަށާ ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އެލާ ޕާނެލް، ތިއޯ ރޮޒީ އަދި އަނާ ޑެ ލަ ރެގޫރާ ހިމެނެ އެވެ.
ހޮރޯ/އެކްޝަން ފިލްމެއްގެ ގޮތުގައި ގެނެސްދޭ "އާމީ އޮފް ދަ ޑެޑް" ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
"ގޭންގްސް އޮފް ވަސޭޕޫރް"، "އޭކް ތީ ޑާޔާން"، "ޖޮލީ އެލްއެލްބީ 2" އަދި "ވައިސްރޯއިސް ހައުސް" ފަދަ ފިލްމުތައް ކުޅެފައިވާ 32 އަހަރުގެ ހުމާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި ރަޖްނީކާންތުގެ "ކާލާ" އިންނެވެ. އޭނާ ދެން އެންމެ އަވަހަށް ފެންނާނީ ނެޓްފްލިކްސް އިން އަންނަ މަހުގެ 14 ގައި ސްޓްރީމް ކުރާ ދީޕާ މެހެތާގެ ވެބް ސީރީޒް "ލީލާ" އިންނެވެ.
މީގެ 15 އަހަރު ކުރިން "ޑޯން އޮފް ދަ ޑެޑް" އިން ޑައިރެކްޝަނަށް ނުކުތް ސްނައިޑާ، 53، ޑައިރެކްޓްކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި "ބެޓްމޭން ވާސަސް ސުޕަމޭން: ޑޯން އޮފް ޖަސްޓިސް"، "300: ރައިޒް އޮފް އޭން އެމްޕަޔާ" އަދި "ސްނޯ ސްޓީމް އަޔަން" ހިމެނެ އެވެ.